ސައުދު އަލީ ފުލުހުންގެ މަރުކަޒަށް ހާޒިރުކޮށްފައިވަނީ، އެ ސިޓީގެ އާބާދީ އޮޅުވާލި ކަމަށް ތުހުމަތުކޮށް އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ނެވެ.
ތިނަދޫގައި ހުންނަ ފުލުހުންގެ މަރުކަޒަށް ސައުދު ހާޒިރުކޮށް ދޮޅުގަޑިއިރެއްހާއިރު ސުވާލުކުރުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.
ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނީ މިދިޔަ ސަރުކާރުގައެވެ. އެ ކަން ކޮށްފައިވަނީ 2023 ވަނަ އަހަރުގެ އޮގަސްޓް 30 ގައެވެ.
މި ސަރުކާރު ވެރިކަމަށް އައުމަށްފަހުވެސް ތިނަދޫ ސިޓީއެއްގެ ގޮތުގައި ބަލާ ސިޓީގެ ދަރަޖަ ވަނީ އެރަށް ދީފައެވެ.
ތިނަދޫއަށް ސިޓީގެ ދަރަޖަ ދިން މައްސަލަ އުފެދުނީ އެރަށުގެ އާބާދީގައި 10،000 މީހުން ހަމަނުވަނީސް އޮޅުވާލައިގެން އެ އަދަދު ހަމަކުރިކަމަށް ބުނެ އެ މައްސަލަ ފެންމަތިކުރުމުންނެވެ. ތިނަދޫއަށް ދީފައިވާ ސިޓީގެ ދަރަޖަ އުނިކުރަން އެދި ގާނޫނީ ވަކީލު އަހްމަދު ރާގިބު ވަނީ ހައިކޯޓަށްވެސް ހުށައަޅާފައެވެ. އެހެންނަމަވެސް ކޯޓުން ވަނީ އެ މައްސަލަ ބަލައި ނުގަނެ ބޭރުކޮށްލާފައެވެ.
އޭފެގަހުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވަނީ ތިނަދޫ ސިޓީގެ ދަރަޖަ އުނިކުރަން ރައްޔިތުން މަޖިލިހާއި އެލްޖީއޭއަށްވެސް ހުށައަޅާފައެވެ. ސައުދު ހުށައެޅި މައްސަލާގައި ބުނީ ތިނަދޫގެ އަސްލު އާބާދީ 8،000 އަށް ވެސް ނާރާ ކަމަށް އެލްޖީއޭ އަދި ޑީއެންއާރަށް އެނގިފައިވާކަމަށެވެ. އަދި އެ ރަށުގެ ރަޖިސްޓްރީގައި އެހެން ރަށްރަށުގެ މީހުންގެ ނަން ހިމަނައި، ތަކުރާރުކޮށް އެކެއްގެ ނަން ޖަހައި، މަރުވެފައިވާ މީހުން ދިރިތިބި މީހުންގެ ގޮތުގައި ހިމަނާފައިވާ ކަމަށް ވެސް އޭނާ ވަނީ ތުހުމަތުކުރައްވާފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;