އެ ކައުންސިލުން މިއަދު ހަވީރު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކައުންސިލުގެ "ސުވާސްތި" އަދި "ނަވަރަންނަ" އޭ ކިޔުނު ގޯތި ކުއްޔަށް ދޫކުރެވިފައިވަނީ 2013 ޖޫން 1 ގައި ލަންދޫގޭ އަބްދުލްމަޖީދު އިބްރާހީމަށް ކަމަށެވެ.
ނަމަވެސް އެނާ ވަނީ އެތަނުން ބިމެއްގައި އަބޭޒް ކިޔާ ކުންފުޏަކަށް "ސުވާސްތީ" ކިޔާ ބިން ގެސްޓު ހައުސްގެ ވިޔަފާރި ކުރުމަށް ކުށްޔަށް ދީފައެވެ. މައުލޫމާތު ލިބޭގޮތުގައި އެ ބިމުގައި ގެސްޓު ހައުސްގެ ވިޔަފާރި ކުރަމުން ގެންދަނީ ކެނދިކުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު އީސައެވެ.
ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު އަށް 8 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 9 ވަނަ މާއްދާއާއި ހަވާލާދީ އެ ކައުންސިލުން ބުނެފައިވަނީ އެ ބިމާ ގުޅިގެން އެފަރާތަށް ލިބިފައިވާ ހައްގާ އެއްގޮތްވާ ގޮތުގެމަތިން އެހެން ފަރާތަކަށް އެ ބިން ނުވަތަ އެ ބިމުން ބައެއް، ކުއްޔަށް ދެވޭނީ ބިން ހަވާލުކުރާ މިނިސްޓްރީ ނުވަތަ ދައުލަތުގެ އިދާރާ ނުވަތަ ކައުންސިލުގެ ހުއްދަ ލިޔުމުން ލިބިގެންކަމަށެވެ.
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލުން ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނުގައި މަތީގައި ބަޔާންކުރެވުނު މާއްދާތަކުގައި ބަޔާންކުރާ ހުއްދަ އެއްވެސް ފަރާތަކަށް ދޫކޮއްފައެއް ނުވާނެކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ބިމުގެ ގާނޫނާ ހިލާފުވެފައިވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާކަމަށް ވެސް އެ ކައުންސިލުން މިއަދު ވަނީ ބުނެފައެވެ.
ކައުންސިލުން ބަޔާން ނެރުނީ ކީއްވެ؟
ނ. ކުޑަފަރީގައި ބިމަކާ ގުޅޭގޮތުން އުފެދުނު ދެބަސްވުމަކާއި ގުޅިގެން ރަށުގެ އާއްމު މަސްލަހަތު ގެއްލި ފުލުހުން އެރަށަށް ވަނީ ހޯމަ ދުވަހުގެ ރޭ އަރާފައެވެ. ހޯމަ ދުވަހު އިރުއޮއްސުނު ވަގުތާ ދިމާކޮށް އެ ރަށަށް ފުލުހުން ދިއުމާ އެކު، އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި ފުލުހުންނާ ދެމެދު ދެބަސްވުންތަކެއް ހިނގާ ދިޔަ އެވެ.
ކުޑަފަރީގެ ބިން ކުއްޔަށް ނަގާފައިވާ އަބޭޒް ކުންފުނީގެ ފަރާތުން ކުއްޔަށް ހިފާފައިވާ 'ސުވާސްތީ' ގައި ހަދާފައިވާ ދެ ކޮޓަރީގެ ބީޗް ހައުސްއަށް މި މަހުގެ ހަތަރު ވަނަ ދުވަހު ބަޔަކު ވަދެ ގެއްލުން ދީފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. 'ސުވާސްތީ' ބަލަހައްޓަން ތިބި ފަރާތްތަކަށް ބިރުދައްކައި އެ ފަރާތްތައް ތަނުން ނެރެ، ތަން ހިސޯރުކޮށްފައިވާ ކަމަށާއި އެ ކަމުގައި ރަށު ކައުންސިލްގެ ދެ މެންބަރަކު ވެސް ހިމެނޭ ކަމަށް އެ ކުންފުނިން ބުނެއެވެ. އެ ކުންފުނިން ވެސް ވަނީ މައްސަލަ ފުލުހަށް ހުށަހަޅާފައެވެ.