ހއ އިހަވަންދޫ ކައުންސިލްގެ ރައީސް ހާމަކުރެއްވި ގޮތުގައި މިގޮތަށް ސިވިލް ސާވިސް ކޮމިޝަނުން އެ ކައުންސިލަށް އަންގާފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ 23 ވަނަ ދުވަހުއެވެ. މިގޮތަށް އެންގިއިރު ކައުންސިލްގެ އަސާސީ ހިދުމަތްތަކަށް ކޮންޓްރެކްޓުކޮށް ނަގާ މުވައްޒަފުންގެ ނެގުމުގެ މަސައްކަތްތައް ކުރިޔަށްދިޔަ ކަމަށެވެ. އަދި ދާއިމީ ހަތަރު މަގާމަކަށް މީހުން ނެގުމަށް ތައްޔާރުވަމުން ދިޔަ ކަމަށެވެ.
ސިވިލް ސާވިސް ކޮމިޝަނުން މިގޮތަށް އަންގާފައިވާ ސީދާ ސަބަބެއް އަދި ސާފުވެފައި ނުވާއިރު، ކައުންސިލް ރައީސް ވިދާޅުވާ ގޮތުގައި އެ ނިންމުމަކީ އަދުގެ ސަރުކާރުގެ ނުފޫޒުން ކުރި ކަމެއްގައި ބެލެވޭ ކަމަށެވެ. އެއީ އިހަވަންދޫ ކައުންސިލަކީ ޕީޕީއެމް މެޖޯރިޓީ އޮތް ކައުންސިލަކަށް ވުމާއެކު، ތަފާތު ގޮތްގޮތުން އެކައުންސިލަށް ސަރުކާރުގެ ފަރާތުން ފިއްތުންތަކާ ކުރިމަތިވާ ކަމަށެވެ.
މަގާމުތަކަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ އެންމެހާ ކަންކަން ސިވިލް ސާވިސް ކޮމިޝަނުގެ ބެލުމުގެ ދަށަށް ގެންދިޔުމާއި ގުޅިގެން ދިމާވެފައިވާ ދަތިތަކާ އެކަމަށް ހައްލު ހޯއްދަވައި ދެއްވުން އެދި ލޯކަލް ގަވާމަންޓް އޮތޯރިޓީއަށްވެސް އިހަވަންދޫ ކައުންސިލުން އަންގާފައިވާ ކަމުގައި ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
މުވައްޒަފުން ނެގުމުގައި އަމަލުކުރުމަށް ކޮމިޝަނުން މިނިންމެވި ނިންމެވުމާ ގުޅިގެން އަހަރުން އަހަރަށް ކައުންސިލުންދޭ އަސާސީ ހިދުމަތްތަކަށް ނަގާ ކޮންޓްރެކްޓް މުވައްޒަފުން ނެގުން ލަސްވަމުންދާތީ، އެ މަސައްކަތްތައް މިހާރު ނުކުރެވި ހުއްޓިފައިވާ ކަމުގައިވެސް ކައުންސިލުން މައުލޫމާތު ދެއެވެ.
ސިވިލް ސާވިސް ކޮމިޝަނުން އިހަވަންދޫ ކައުންސިލަށް ފޮނުވާފައިވާ ސިޓީގައި ވަނީ ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ފޯރުކޮށް ދިނުމަށް އިހަވަންދޫ ކައުންސިލުގެ އިދާރާއަށް ކޮންމެހެން ބޭނުންވާ މަގާމުތަކަށް އިއުލާނު ކުރުމާއި ރެކްރޫޓްމަންޓް ޕްރޮސެސް އެ ކޮމިޝަނުން ކުރިއަށް ގެންދިޔުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އެ ކޮމިޝަނުން ވަނީ އިހަވަންދޫ ކައުންސިލުން އިއުލާނުކޮށް ރެކްރޫޓްމަންޓް ޕްރޮސެސް ކުރިއަށް ގެންދަން ބޭނުންވާ މަގާމުތައް އެ ކޮމިޝަނަށް އަންގަވައި ދެއްވުމަށް ވެސް އެދިލައްވާފައެވެ.