ބީއެމްއެލުން ބުނެފައިވަނީ މިއަދުން ފެށިގެން އެ ބޭންކުން ދޫކުރާ ކިޔަވާ ލޯނު އަދި ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިންގެ ރޭޓް ފަސް އިންސައްތައަށް ދަށްކޮށްފައިވާ ކަމަށެވެ. މިހާރު ނަގާފައިވާ ކިޔަވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިންގެ އިތުރުން އަލަށް އެދި ހުށަހަޅާ ފެސިލިޓީސްއަށް ވެސް މި ރޭޓް ވަނީ ކަނޑައެޅިފައިކަމަށް އެ ބޭންކުން ބުނެއެވެ.
ބީއެމްއެލުން ބުނި ގޮތުގައި އިންޓްރެސްޓް އަދި ފައިނޭންސިން ރޭޓަށް ގެނެވުނު މި ބަދަލާ އެކު، މިހާރު ލޯނާއި ފައިނޭންސިން ނަގާފައިވާ ފަރާތްތަކަށް ފައިސާ އަނބުރާ ދައްކަން ޖެހޭ މުއްދަތު އޮޓަމެޓިކުން ކުޑަވާނެ ކަމުގައެވެ. މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަކުރުމަށް ބޭނުންވާ ކަސްޓަމަރުން އަމަލުކުރަންޖެހޭ ގޮތާއި މިކަމާ ގުޅޭ އިތުރު މައުލޫމާތު ކިޔަވާ ލޯނާއި ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިން ނަގާފައިވާ ކަސްޓަމަރުންނާ ހިއްސާކުރެވޭނެ ކަމަށް ވެސް ބީއެމްއެލުން ބުނެއެވެ.
ބީއެމްއެލް ކިޔަވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިން މެދުވެރިކޮށް ދަރިވަރުންނަށް ޓިއުޝަން ފީ އާއި ދިރިއުޅުމުގެ ހަރަދުތައް ހިމެނޭހެން ކިޔެވުމުގެ ހަރަދުތަކުގެ 75 އިންސައްތަ އާ ހަމައަށް ފައިނޭންސް ލިބޭނެ ކަމަށާއި ފައިސާ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބޭނެކަމަށް އެ ބޭންކުން ބުނެއެވެ.