ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 6 ފެބްރުއަރީ 2023ގައި ތުރުކީވިލާތަށް އައި ބިންހެލުމާ ގުޅިގެން ތުރުކީގައި ތިބި ދިވެހިންގެ ހާލު މިމިނިސްޓްރީންވަރަށް ގާތުން ބަލަމުން ގެންދާކަމަށެވެ.
އެގޮތުން ތުރުކީގައި ތިބި ދިވެހިންގެ ތެރެއިން މިނިސްޓްރީ އާއި ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަނުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކާއި ގުޅާ ހާލު އޮޅުންފިލުވާފައިވާނެކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
މިބިންހެލުމާ ގުޅިގެން މިނިސްޓްރީ އިން އަންނަނީ ތުރުކީގެ ހާލަތު ވެސް ގާތުން ބަލަމުންނެވެ.
ތުރުކީގައި ތިބި އެއްވެސް ދިވެއްސަކު އެހީތެރިކަމަށް ބޭނުންޖެހިއްޖެ ނަމަ، މިމިނިސްޓްރީގެ ހޮޓްލައިން ނަމްބަރު 7983400 އާ ގުޅަން ވަނީ އެދިފައެވެ.
ތުރުކީގައި ތިބި ފަރާތްތަކުގެ ތެރެއިން މިނިސްޓްރީ ނުވަތަ ޖެނީވާގައި ހުންނަ މިޝަނުގައި ރަޖިސްޓްރީކޮށްފައި ނުވާ ފަރާތްތަކުން ވީ އެންމެ އަވަސް ފުރުސަތެއްގައި ރަޖިސްޓާ ކުރުމަށް ވެސް މިނިސްޓްރީން މިއަދު ވަނީ އިލްތިމާސްކޮށްފައެވެ.
ތުރުކީއާއި ސީރިއާއާށް އައި ބިންހެލުމުގައި 11،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އެތައް ގެތަކަކާ އިމާރާތްތަކެއް ވަނީ ސުންނާފަތިވެފައެވެ. މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އަދިވެސް ކުރަމުން ގެންދާއިރު، މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވުމަކީ އެކަށީގެންވާކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.