ads
ހަސަންފުޅު ގެެއްލިގެން ހޯދާތާ 13 ދުވަސް
މަތިވެރީ ހަސަންފުޅަށްވީ ކިހިނެއް؟
އއ. މަތިވެރިއަށް އުފަން ހަސަން އަލީ، ނުވަތަ އެންމެންގެ ނަމުންނަމަ މަތިވެރީ ހަސަންފުޅު ގެއްލިގެން ހޯދާތާ މިއަދަށް މިއީ 13 ވަނަ ދުވަހެވެ.
Advertisement

އާ އަހަރުގެ ފުރަތަމަ މަސް ނިމިގެންދިޔައީ މަތިވެރީ ރައްޔިތުންނަށް ހަސަންފުޅުގެ މޫނު ފެނުނު އެންމެ ފަހު ދުވަހުގެ ގޮތުގައިވެ، އުމުރުން 73 އަހަރުގެ ހަސަންފުޅަށް ވީގޮތެއްގެ ހަގީގަތްވެސް އަދި ނޭންގެއެވެ.

މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ އަސަރު ނަމާދު ފަހުން އޭނާ ފެނުނު މީހަކު މަތިވެރީގައިވެސް ނެތީ އެވެ. ދެމީހަކަށް އިރުއޮއްސޭހާއިރު މަގުމައްޗަކުން ފެނުނު ކަމަށް ބުނިނަމަވެސް އެސަރަހައްދުގައި ހުރި ސީސީޓީވީ އަކުން އެމަންޒަރެއް ނުފެނެ އެވެ. 

ރައްޔިތުންގެ ޝައްކުދެން އޮތީ މޫދަށެވެ. އަސަރު ނަމާދަށްފަހު ބައެއް ދުވަސްތަކުގައި މޫދަށް އެރިލަން ދެއެވެ. އެހާ ގިނައިރުތަކެއް ނުވެ މޫދުން އަންނަގޮތަށް ދަނީ ގެއަށެވެ. ނަމަވެސް އެ ދުވަހު މޫދަށް ދިޔަކްން މަތިވެރީގެ އެއްވެސް މީހަކަށް ނޭންގެ އެވެ. 

your imageހަސަންފުޅު ހޯދުމަށް ރައްޔިތުން ނިކުމެފައި——ފޮޓޯ: ކައުންސިލް

"އެދުވަހު މޫދަށް ދިޔަތަން ފެނިފައި ހުރި މީހަކު ނެތް. އެހެން ބުނާން އެނގޭ އެއްވެސް ހެއްކެއްވެސް ނެތް. އަޅުގަނޑުމެން މޫދު ހިމެނޭހެން ފަޅާއި، މި ސަރަހައްދުގެ މޫދު އަޑިއަށް ފީނާވެސް ހަދައިފިން އެހެން ރަށްރަށްވެސް ބެލިއްޖެ. ލައިގެން ހުރި ގަމީހެއް ނުވަތަ އަރައިގެން ހުރި ފައިވާނެއްހާ ހިސާބުވެސް މޫދުން ފެނިފައެއް ނުވޭ. އެފަދަ ޝައްކުކުރެވޭ އެއްޗެއް ލައްގާފައެއްވެސް ނެތް،" ހަސަންފުޅު އެދުވަހު މޫދަށް ދިޔައީއޭ ސީދާ ބުނަން ނޭނގޭކަން ފާހަގަކުރަމުން އެރަށު ކައުންސިލު މެމްބަރު ހުސެއިން ނިހާންވެސް ވިދާޅުވީ މިހެން ނެވެ.

އެގޮތަކީ ހަސަންފުޅަަށް ވީގޮތެއްވީ މެންދުރު ނަމާދަށްފަހުން ކަމަށް ބައެއް މީހުންނަށް ގަބޫލުކުރެވޭ ގަބޫލުކުރުމެވެ. ހަަސަންފުޅުގެ އާންމު ދުވަހެއްގެ ދިރިއުޅުމަށް ބަލާނަމަ، އޭނާ އަކީ ކޮންމެ ދުވަހަކު މެންދުރު ނަމާދަށްފަހު އޭނާގެ ދަރިއެއްގެ ގެއަށް ކާން ދާ މީހެކެވެ. އެކަމަކު އެދުވަހު އޭނާ އެގެއަކަށް ނުދެ އެވެ. އެވަގުތުގައި އޭނާ ދިރިއުޅޭ ގެއަކަށްވެސް ނުދެ އެވެ. 

އެހެންވީއިރު، އަސުރު ނަމާދު ފަހުން ފެނުނުކަމަށް ބައެއް މީހުން ބުނިނަމަވެސް އަސަރު ނަމާދު ފަހުން ފެނިދާނެ ކަމަށް ގަބޫލުނުކުރެވޭ ސަބަބުތައްވެސް އެބަހުއްޓެވެ. އާންމުކޮށް ހަސަންފުޅު މޫދަށް ދަނީ އަސުރު ފަހުން ކަމަށްވާއިރު، މެންދުރު ނަމާދު ފަހުން އޭނާގެ ދަރިފުޅުގެ ގެއަށް ކާން ނުދާތީ އެދުވަހު މޫދަށް ގޮސްދާނެ ކަމާއިމެދު ބައެއް މީހުން ސުވާލު އުފައްދަ އެވެ.

ދެން އޮތްގޮތަކީ އެހެން ރަށަކަށް ދިއުމެވެ. ހަސަންފުޅަކީ އެ އަތޮޅުގެ ގިނަ ރަށްރަށެއްގެ މީހުންނާއި ގާތްގުޅުމެއް ބާއްވާ ޒިޔާރާތްކޮށް ހަދާ މީހެކެވެ. އެކަމަކު އެދުވަހު އެއިން ރަށަކަށް ދިޔަކަން އެނގޭ މީހަކުވެސް ނެތެވެ. އޭނާ ދާނެހެން ހީވާ ރަށްރަށާއި، އެރަށްރަށުގައި އުޅޭ ހަސަންފުޅުގެ ރަށްޓެހިންނަށް ގުޅައިގެން އެހެމުންވެސް އެންމެން ދިނީ އެއް ޖަވާބެކެވެ. ނާދެ އެވެ. 

ހަސަންފުޅު އާންމުކޮށް ބޭނުންކުރާ ފޯނުވެސް އޮތީ ގޭގަ އެވެ. ދެން ގެންގުޅޭ އަނެއް ފޯނުވެސް އޮތީ ގޭގަ އެވެ. އާންމުކޮށް ގެންގުޅޭ ދުފާ ތަބަށްވެސް ހުރީ ގޭގަ އެވެ. ފުރަތަމަ ވޮލެޓު ނެތްކަމަށް ބެލެވުނަސް ފަހުން ގޭތެރެއިން ވޮލެޓުވެސް ވަނީ ފެނިފަ އެވެ. އޭގައި އޮތީ 51 ރުފިޔާ އެވެ. 

ސީއެންއެމް އިން އެރަށުން ހޯދި މައުލޫމާތުތަކުން އެގުނުގޮތުގައި އެދުވަހު އޭނާ ރަށުގެ ސީސީޓީވީ ކެމެރާއަކަށް އެންމެ ފަހުން އަރާފައިވަނީ ހެނދުނުގެ ވަގުތެއްގަ އެވެ. އެއީ ފިހާރައަކަށް ވަދެ ފާރޮށި ޕެކެޓެއް ގަނެގެން ދަނިކޮށެވެ. އިތުރު ދިމާލަކުން ފެނިފައެއް ނުވެ އެވެ. އެކަމަކު އޭގެފަހުން ވެސް އޭނާ ރަށުގެ ތެރޭގައި އުޅުނުކަމަށް މީހުންގެ ވާހަަކައިން އެނގެއެވެ. 

އާއިލާއިން ލަފާކުރަނީ ހަސަންފުޅު ގެއްލިފައިވަނީ އެދުވަހުގެ 15:00 ގެ ފަހުން ކަމަށެވެ. އެކަމަކު އެކަން ވެސް ޔަގީންކުރެވޭނެ ގޮތެއް ނެތެވެ. 

ދެން އުފެދޭ ސުވާލަކީ ހަސަންފުޅަށް ވީ ކީއްހެއްޔެވެ؟ އޭނާ ދިޔައީ ކޮންތާކަށް ބާއެވެ؟ ގެެއްލުނީ ބާއެވެ؟ ގެއްލުވާލީ ބާއެވެ؟ މަރުވީ ބާއެވެ؟ ނުވަތަ މަރާލީ ބާއެވެ؟ 

ފުލުހުން ހިންގަމުންދާ ތަހުގީގުތަކުންވެސް މިސުވާލުތަކަށް ޖަވާބު ލިބޭނެފަދަ އެއްވެސް ކަމެއް ފެނިފައިވާކަމެއް އާއިލާއަށް މިހާތަނަށް އަންގާފައެއް ނުވެ އެވެ. ޝައްކެއްކުރެވޭ ކަމެއްވެސް ފާހަގައެެއް ނުކުރެ އެވެ. އަދި މިހާރު ހަސަންފުޅު ހޯދުން ފުލުހުންގެ ފަރާތުން ހުއްޓާލާފައިވާކަން އާއިލާއަށް އަންގާފައިވާ ކަމަށް ވެސް ވެއެވެ. 

މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ. 

your imageހަސަންފުޅު ހޯދުމުގައި ރަށުގެ ރައްޔިތުން ބައިވެރިވި——ފޮޓޯ: މަތިވެރި ކައުންސިލް

ހަސަންފުޅު ފެނޭތޯ މުޅި ރަށް ފުރޮޅިއްޖެ، މިހާރު އުންމީދެއް ނެތް!

ކައުންސިލް މެމްބަރު ނިހާން "ސީއެންއެމް" އަށް ވިދާޅުވިގޮތުން ހަސަންފުޅު ފެނޭތޯ މުޅި ރަށްވަނީ ހޯދިފަ އެވެ. މޫދާއި، ފަޅާއި، ރަށުގައި ހުރި ފެންވަޅުތަކާއި ފަޅުގޭގެ އާއި ވަލުތެރެއެވެ. ނުބެލެވޭ، ނުފުރޮޅޭ ގާކޮޅެއް ނެތެވެ. މުޅި ރަށް އެއްކޮޅުން އަނެއްކޮޅަށް ބެލިއްޖެ އެވެ. މުޅި ރައްޔިތުން ނިކުމެ ހޯދެން އޮތް ހުރިހާ ތަނެއް ހޯދިއްޖެ އެވެ. ދާނެހެން ހީވާ ހުރިހާ ތަނެކެވެ. އާންމުކޮށް ދާނެ އެއަތޮޅުގެ ހުރިހާ ރަށެއްވެސް ބެލިއްޖެ އެވެ. 

މަތިވެރީގެ ބޮޑު ފަޅުގައި ފީނިއްޖެ އެވެ. އެވަރުން ނިންމާނުލައި، ރަށާއި ކައިރީގައި އޮތް ތިން ފަޅު ރަށް ބެލިއްޖެ އެވެ. ނުފެނުނެވެ.

"މިހާރު އަޅުގަނޑުމެންގެ ލެވަލްގައި ބެލެން އޮތް ހުރިހާ ގޮތަކަށް ބަލައިފިން. ރައްޔިތުން ނިކުމެ ހޯދަން ކުރި މަސައްކަތްވެސް މިހާރު ދެން ހުއްޓާލައިފިން. ފުލުހުންގެ ތަހުގީގަށް ދޫކޮށްލާފައި މިހާރު ވަނީ. މިހާރު ދެން އުންމީދުގެ ސުން މިންވަރުވެސް ނެތް. އެކަމަކު އަދިވެސް އަޅުގަނޑުމެން އެދެނީ ހެޔޮ ހާލުގައި މާދަމާވެސް ފެނުން،" ނިހާން ވިދާޅުވި އެވެ.

"ހިތްހެޔޮ އެންމެންނާއިވެސް ގުޅޭ، ފަޅުކަން އިހުސާސްވޭ"

ސީއެންއެމްއިން މަތިވެރީން ވާހަކަދެއްކި ކޮންމެ މީހަކުވެސް ހަސަންފުޅު ސިފަކުރީ، ހިތްހެޔޮ އެންމެންނާއިވެސް ގުޅޭ، ސަކަ މިޒާޖެއްގެ މުރާލި މީހެއްގެ ގޮތުގަ އެވެ. އުމުރުން ދުވަސްވެފައި ވީނަމަވެސް ހަސަންފުޅު ގެއްލުމާއި ހަމަޔަށްވެސް އުޅުނީ އަމިއްލައަށް ބުރަ މަސައްކަތުން ހޯދާ ހަލާލު ލާރިން ކައިބޮއިގެން ނެވެ. ދަރިންނާއި ކާފަ ދަރީންނަށްވެސް އެހާމެ ހެޔޮވެފައި ރަނގަޅެވެ. ގެއަށް ބޭނުންވާ ތަކެތި ގަނެދެ އެވެ. ކާފަދަރީންނަށް އެހާމެ ގިނަ ހަދިޔާ ދެ އެވެ. 

އުމުރުން ދުވަސްވުމުން ލިބޭ އެލަވަންސް އަތަށް އަރާއިރަށް އެންމެ ފުރަތަމަ ކުރާ ކަމަކީ ގަނޑުކޮށް ގެއަށް ކާބޯޯތަކެތި ވެއްދުމެވެ. ގަނޑުކޮށް ހަނޑޫ ހަކުރު ފުށް ހުސްނުކޮށް އަބަދުވެސް ގެއަށް ވައްދާފައި ހުރެ އެވެ. ބައްޕަ ނެތުމުގެ، ކާފަ ނެތުމުގެ ފަޅުކަން ހަމަގައިމުވެސް އެގޭތެރެއިން އިހުސާސްނުވެ ނުދާނެ އެވެ. 

your image

ހަސަންފުޅަކީ ރަށާއި ރަށުގައި ދިިރިއުޅޭ ކޮންމެ މީހަކު ދެކެވެސް އެހާ ލޯބިވާ މީހެެކެވެ. މީހުންނާއި ޒުވާބު ކުރުމާއި ރުުޅި ހަދާލައިގެން އުޅުމަކީ ހަސަންފުޅު ދަންނަކަމެއް ނޫނެވެ. ރަށުގެ ބަނދަރު ފަޅުތެރެއަށް ޖަމާވާ ކުނިބުނި ނެގުމަކީ އާދަކޮށް ހަސަންފުޅު ކުރާ ކަމެކެވެ. މީހަކު ބުނެގެނެއް ނޫނެވެ. އަމިއްލައަށް ފެނިގެން ނެވެ. 

މިއަދު މަތިވެރީ ބަނދަރު ފަޅުތެރެއިން ފެންނަ ކުނިބުނިވެސް އެކިޔައިދެނީ ހަސަންފުޅުގެ ނެތުމުގެ އުނިކަމެވެ. އެ ފަޅުތެރޭގައި މިއަދު އެހުރީ ކުނިބުންޏެވެ. ހަސެންފުޅު އައިސް ނަގާނެ އިރެއްގެ އިންތިޒާރުގައެވެ. އެކަމަކު އެއީ ދެން ވެދާނެ ކަމެއް ބާއެވެ؟

43%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
38%
ސަތޭކައަކުން ސުމެއް
2%
ވަރަށް ސަލާމް
ކޮމެންޓްސް