ads
ރަޝިޔާގެ އަންހެން ޓީމެއް
ސަސްޕެންޑްކޮށްފައިވާ ރަޝިޔާގެ ޓީމެއް ސާފް ޗެމްޕިއަންޝަށް
ފީފާއާއި ޔުއެފާއިން ސަސްޕެންޑްކޮށްފައިވާ ރަޝިޔާގެ، 17 އަހަރުން ދަށުގެ އަންހެން ޓީމު ހިމަނައިގެން ސާފް އަންޑަ 17 ވިމެންސް ޗެމްޕިއަންޝިޕް އިއުލާންކޮށްފިއެވެ.

ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ފީފާއިންވަނީ ރަޝިޔާ ސަސްޕެންޑްކޮށްފައެވެ. އެހެންކަމުން ރަޝިޔާގެ ގައުމީ ޓީމަށްވެސް އަދި އެއްވެސް ކްލަބަކަށްވެސް ފީފާގެ އަދި ޔުއެފާގެ އެއްވެސް މުބާރާތެއްގައި ވާދައެއް ނުކުރެވޭނެއެވެ. އެހެން އެކަން އޮއްވާ ސާފް ޗެމްޕިއަންޝިޕްގައި ރަޝިޔާގެ ޓީމެއް ބައިވެރިކުރާ ގޮތަށް ހަމަ ޖެހުނީ ކޮން ގޮތަކުން ކަމެއް ސާފުވެފައެއް ނުވެއެވެ.

ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި، އަންނަ މާޗް މަހު އޮންނަ ސާފް 17 އަހަރުން ދަށުގެ އަންހެން ފުޓްބޯޅަ މުބާރާތުގެ ޝެޑިއުލް އާއްމުކޮށްފައިވާއިރު ރަޝިޔާ ޓީމުވަނީ ހިމަނާފައެވެ. މާޗް މަހުގެ 20ން ފެށިގެން 28 އަށް މި މުބާރާތް އޮންނާނީ ބަންގްލަދޭޝްގެ ޑާކާގައެވެ.

އާއްމުކޮށްފައިވާ ޝެޑިއުލްގައިވާ ގޮތުން ރަޝިޔާއާއެކު މިމުބާރާތުގައި ބައިވެރިވަނީ ޖުމްލަ ފަސް ގައުމަކުންނެވެ. އެއީ އިންޑިޔާ، ބަންގްލްދޭޝް، ނޭޕާލް، ބޫޓާން އަދި ރަޝިޔާއެވެ. ރާއްޖެއާ ޕާކިސްތާނު ބައިވެރިނުވާއިރު ލަންކާ އޮތީ ސަސްޕެންޑްކޮށްފައެވެ.

ހަނގުރާމައިގެ ސަބަބުން ފީފާ އާއި ޔުއެފާ އިން ސަސްޕެންޑްކޮށްފައިވާ ރަޝިއާ އިން، ދެކުނު އޭޝިއާގެ 17 އަހަރުން ދަށުގެ އަންހެން ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ނިންމާފައިވާ ކަން ބައިނަލް އަގްވާމީ މީޑީއާތަކުންވެސް ރިޕޯޓްކޮށްފައިވެއެވެ.

ރަޝިއާގެ ގައުމީ ޓީމުތަކާއި ކްލަބްތަކަށް ބައިނަލްއަގްވާމީ ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން، މިވަގުތަށް އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އަށް އަށް ބަދަލުވުމުގެ ވިސްނުން އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ގެންގުޅޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެންނަމަވެސް ފީފާގެ ސަސްޕެންޝްން އޮއްވާ ރަޝިއާ އަށް ފުރުސަތު ދީފި ނަމަ އޭއެފްސީ އާއި ސާފްއާ ދެކޮޅަށް ފީފާ އިން ފިޔަވަޅު އެޅުމުގެ ފުރުސަތު އެބައޮތެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް