ads
"ކަޅެގަލެކޮޑާ" 2023 ގައްދޫގައި ފެށިއްޖެ
ގައުމީ ސާފް ލީގުގެ މި އަހަރުގެ ފުރަތަމަ މުބާރާތް "ކަޅެގަލެކޮޑާ" 2023 ހުވަދުއަތޮޅުގައި ފަށައިފިއެވެ. މުބާރާތް ކުރިއަށްދަނީ ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫގައެވެ.

ގައްދޫގައި ފެށި ކަޅެގަލެކޮޑާ 2023 ގައި ފުރަތަމަ ކުރިއަށްދިޔައީ ޖޫނިއާ ބައިގެ ފުރަތަމަ ބުރުގެ ހީޓުތަކާއި، ފިރިހެން އޯޕަން ބައިގެ ފުރަތަމަ ބުރުގެ ހީޓުތަކުންނެވެ. 

ފިރިހެން އޯޕަން ފުރަތަމަ ބުރުގައި މިދިޔަ އަހަރުގެ ލީގު ޗެމްޕިއަން އަހުމަދު އާގިލް (އައްމަޑޭ) ވާދަކުރި ހީޓުން ލިބުނީ ދެވަނައެވެ. ހީޓު އެކަކުން އައްމަޑޭ ދެ ވަނަ އަށް ދިޔައީ 9.07 ގެ ސްކޯއަކުންނެވެ. 10.84ގެ ސްކޯ އަކުން މި ހީޓު ކާމިޔާބުކުރީ މުހައްމަދު އިރުޝާދު (ބިއްލޫ) އެވެ. އައްމަޑޭ އާއި ބިއްލޫ ތިން ވަނަ ބުރަށް ދިޔައިރު، ހީޓުން ތިން ވަނަ އަށް ދިޔަ އަހުމަދު އަރުޒަން އާއި މުހައްމަދު އަޝްފާގް ވާދަކުރާނީ ރީކޮލިފައި-ހީޓުގަ އެވެ.

ފުރަތަމަ ދުވަހު އެންމެ މަތީ ސްކޯއެއް ހޯދީ އިސްމާއިލް ރަޝީދު (ސްމައިލީ) އެވެ. ހަސަން ނާސިހު އާއި އިސްމާއިލް ޒަހީން ވާދަކުރި ހީޓުން ސްމައިލީ އެއް ވަނަ ހޯދީ 17.34 ގެ ސްކޯއަކުންނެވެ. ނާސިހު އަށް 10.50ގެ ސްކޯއެއް ލިބުނުއިރު، ޒަހީން އަށް ލިބުނީ 9.07ގެ ސްކޯ އެކެވެ.

ގައުމީ ސާފް ލީގު ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކުރިއަށްދާނެ އެވެ. މިދިޔަ އަހަރުވެސް އޮތީ އެ ގޮތަށެވެ. ގައްދޫގައި މި ފެށުނީ މި ސީރީސްގެ ފުރަތަމަ މުބާރާތެވެ. 

ދެ ވަނަ މުބާރާތް އޮންނާނީ މ. މުލީގައެވެ. މ. މުލީގައި އޮންނާނީ މެއި މަހުގެ 2 އިން 6 އަށެވެ. 

ތިންވަނަ މުބާރާތް އޮންނާނީ ހިންމަފުށީގައެވެ. އެއީ ޖުލައި 4 އިން 8 އަށެވެ. ކ. ހިންމަފުށީގައި ގާމާދޫކޮޅު މުބާރާތް ކުރިއަށް ގެންދިޔުމަށް ފަހު، ޖުލައި 31 އިން އޮގަސްޓް 5 އަށް ހުރާކޮޅުރާޅުގަނޑު ކުރިއަށް ދާނީ ރ. ކިނޮޅަހުގަ އެވެ. އެއީ ހަތަރުވަނަ މުބާރާތެވެ. 

ފަހު މުބާރާތަކީ ރަންނަމާރި ޗެލެންޖެވެ. ރަންނަމާރި ޗެލެންޖް މާލޭގައި އޮންނާނީ އޮކްޓޫބަރު މަހުގެ 27 އިން ނޮވެމްބަރު މަހުގެ 25 ގެ ނިޔަލަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް