ads
މޯލްޑިވްސް ލީޑާޝިޕް ޕްރޮގްރާމް ނައިބުުު ރައީސް ދުބާއީގައި އިފްތިތާހު ކޮށްދެއްވައިފި
ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގެ ޖުމައިރާގައި މިހާރު ކުރިއަށްދާ "ވޯލްޑް ގަވަމަންޓް ސަމިޓް 2023" ގައި ނައިބު ރައީސް ފައިސަލް ނަސީމް "މޯލްޑިވްސް ލީޑަޝިޕް ޕްރޮގްރާމް" މިއަދު އިފްތިތާހްކޮށްދެއްވައިފި އެވެ.

"މޯލްޑިވްސް ލީޑާޝިޕް ޕްރޮގްރާމް" އަކީ ޔޫއޭއީގެ ގަވަމެންޓް އެކްސްޕީރިއަންސް އެކްސްޗޭންޖް ޕްރޮގްރާމް (ޖީއީއީޕީ) ގެ ދަށުން ފެށި ފުރަތަމަ ތަމްރީނު ޕްރޮގްރާމެވެ. މި ތަމްރީނު ޕްރޮގްރާމް ހިންގާނީ ރާއްޖެއާއި ޔޫއޭއީ އާ ދެމެދު ސޮއިކޮށްފައިވާ އެމްއޯޔޫގެ ދަށުން ރާއްޖޭގެ ސަރުކާރު މުވައްޒަފުންނަށެވެ. 

ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) އާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ އުނގެނުމާއި އިނޮވޭޝަންގެ މުހިންމު ކަންކަމުގެ މައްޗަށް ފަރުމާކޮށް، ސަރުކާރު މުވައްޒަފުން ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ދިނުމުގައި ސަރުކާރުން ދެމެހެއްޓެނިވި ކުރިއެރުމާއި ކާމިޔާބީ ހޯދުމަށް ހަދާފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް އިފްތިތާހްކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ، ޓެކްނޮލޮޖީއާއި އިނޮވޭޝަން، ސަރުކާރުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ހިމެނުމުން، ސަރުކާރުން ދެމުންދާ ހިދުމަތްތަކުގެ އެފިޝަންސީ އާއި، ދެފުށް ފެންނަ އަދި ޒިންމާދާރުކަން އިތުރުވެގެންދާނެ ކަމަށެވެ. އަދި ޓެކްނޮލޮޖީގެ ކުރިއެރުންތަކަށްވުރެ ކުރީގައި ދެމިތިބުމަށްޓަކައި އުނގެނުމާއި އިނޮވޭޝަނަށް މެދުނުކެނޑި އިންވެސްޓްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.

"އެގްޒެކެޓިވް އެންހޭންސްމަންޓް އެންޑް އެންރިޗްމަންޓް ޕްރޮގްރާމް (އީއީއީޕީ)" 2021 ވަނަ އަހަރު އިފްތިތާހުކުރިކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ ސަރުކާރުގެ މުވައްޒަފުންނަށް އުނގެނުމާއި ތަރައްގީގެ ފުރުސަތުތައް އިތުރުކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އީއީއީޕީއަކީ ސިވިލް ސަވިސްގެ މެނޭޖްމަންޓް މަގާމުތަކުގައި ސިޔާސީ އަދި އެގްޒެކެޓިވް މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ރައީސް އޮފީހުގެ ޕަބްލިކް ސަވިސް ޓްރެއިނިން ޔުނިޓާއި ރާއްޖޭގެ ސިވިލް ސަވިސް ޓްރެއިނިން އިންސްޓިޓިއުޓް ގުޅިގެން ކުރިއަށްގެންދާ ދެ އަހަރު ދުވަހުގެ ހަރަކާތެކެވެ.

ޔޫއޭއީ ސަރުކާރުން މި ޕްރޮގްރާމް ކުރިއަށް ގެންދެވިކަމަށްޓަކައި ޝުކުރު އަދާކުރައްވާ ނައިބު ރައީސް ވިދާޅުވީ، ކެޕޭސިޓީ ބިލްޑިން އިން ލީޑާޝިޕް ޑިވެލޮޕްމަންޓް އިނިޝިއޭޓިވްގެ ދަށުން ކުރިއަށްގެންދާ "މޯލްޑިވްސް ލީޑަޝިޕް ޕްރޮގްރާމް"ގެ ދަށުން، ޔޫއޭއީ ސަރުކާރުގެ އެންމެ ރަނގަޅު ޕްރެކްޓިސްތަކާއި ތަޖުރިބާތައް ބައިވެރިންނަށް ވޯކްޝޮޕްތަކާއި، އޮންލައިން ލެކްޗަ ސެޝަންތަކާއި، ޔޫއޭއީ ސަރުކާރުގެ ޖަމްއިއްޔާތަކަށް ފީލްޑް ވިޒިޓްތައް މެދުވެރިކޮށް ލިބިގެންދާނެ ކަމަށެވެ.

ލީޑަޝިޕް ޕްރޮގްރާމުގެ ބޭނުމަކީ:

  • ޕޮލިސީ ޑިޒައިނާއި ތަންފީޒްކުރުމާ ދެމެދު އޮތް ފަރަގު ނައްތާލުން
  • ޕްރޮއެކްޓިވް ވޯކް ކަލްޗާއެއް ބިނާކުރުން
  • ޑިޖިޓަލައިޒޭޝަން މެދުވެރިކޮށް ރައްޔިތުމީހާއަށް އަމާޒުކޮށްގެން އާންމު ހިދުމަތަށް އެހީތެރިކަން ފޯރުކޮށްދިނުން
  • ލާމަރުކަޒީ ހިންގުމުގައި އެއްބާރުލުން ދޭ ލީޑާޝިޕް ކުރިއެރުވުން
  • ހަރުދަނާކޮށް ހިންގުމަށް ސޯޝަލް މީޑިއާ ހަރުދަނާ އުސޫލްތަކެއްގެ މަތިން ބޭނުންކުރުމުގައި އެހީތެރިވެދިނުން
  • އިޖާދީގޮތުންނާއި ގާބިލުކަމާއެކު ހިންގުމަށް ބޭނުންވާ ޑިޖިޓަލް މައިންޑް ސެޓްތައް ތަރައްގީކުރުން 
  • ސަރުކާރުތެރޭގައި އެކި މުވައްސަސާތަކުގެ މެދުގައި ގުޅުން އިތުރުކުރުން

އެމަނިކުފާނު ޔޫއޭއީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ، މިމަހުގެ 13 އިން 15 އަށް ބާއްވާ "ވޯލްޑް ގަވަމަންޓް ސަމިޓް 2023" ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅުކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް