ads
ރައީސް ނަޝީދާއި ރޮޒޭނާ އަދި ޝިޔާމް
ރައީސް ނަޝީދާއި ރޮޒައިނާގެ ދެ ބަސްވުމެއް: ޝިޔާމް ރަތަށް!
ރައްޔިތުންގެ މަޖިލީހަށް ބަހުސްކުރަން ހުށަހަޅާފައިވާ މައްސަލަ ނޫން އެހެން މައްސަލައަކަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ބަހުސް ކުރައްވާތީ މައުލޫއަށް ބަހުސް ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހަނދުމަފުޅުކޮށްދެއްވުމުން، އެ ދެބޭފުޅުންގެ މެދުގައި ހިނގާދިޔަ ބަހުގެ ހަމަލާބަދަލު ކުރުންތަކެއްގެ ތެރެއަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަދެވަޑައިގެންފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ މަޑުއްވަރީ ދާއިރާގެ މެންބަރު ހުށަހެޅި ކުއްލި މައްސަލަ ފާސް ނުވުމުން ދެން ބަހުސްކުރިއަށް ގެންދަން ފެއްޓެވީ، ރައްޔިތުންގެ މަޖިލީހަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު ހުށަހަޅުއްވާފައިވާ، ދައުލަތުގެ އޮފީސްތަކާއި އިދާރާތައް ހިންގުމަށާއި ގުދަންކުރުމުގެ ބޭނުމަށް އަމިއްލަ ފަރާތްތަކުގެ އިމާރާތްތައް ދައުލަތުން ކުއްޔަށް ހިފުމަށް ގިނަ ޢަދަދެއްގެ ފައިސާ ހޭދަކުރަން ޖެހިފައިވާތީ، މިކަމަށް އަވަސް ހައްލެއް ހޯދުމަށް ހުށަހަޅުއްވާފައިވާ ޤަރާރަށެވެ. 

މި ގަރާރަށް ބަހުސް ކުރައްވަމުން، ރާއްޖޭން ވީނުވީއެއް ނޭގި ގެއްލިފައިވާ މީހުން ހޯދުމަށް އަވަސްކުރުމަށް ގޮވާލާ މަޑުއްވަރީ ދާއިރާގެ މެންބަރު ހުށަހެޅުއްވި ގަރާރަކީ ކޮމެޓީއަށް ހުށަހަޅަންޖެހޭ މައްސަލައެއް ކަމަށް ރޮޒައިނާ ވިދާޅުމުން، ރައީސް ނަޝީދު ވަނީ ރޮޒައިނާގެ ވާހަކަ ދެއްކެވުން ހުއްޓުވާފައެވެ. 

"އިއްޒަތްތެރި މެންބަރު. ހަގީގަތުގަ މިއީ ކުއްލި މައްސަލައާ ގުޅޭގޮތުން ބަހުސްކުރާ ވަގުތެއް ނޫން. އެ ބަހުސް ބޭނުންވިނަމަ ވޯޓު ދެއްވައިގެން ކުރިއަށް ގެންދެވުނީސް،" ރޮޒޭނާގެ ވާހަކަ މެދުކަނޑާލެއްވުމަށްފަހު ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެ ރޮޒައިނާއަށް އަނެއްކާވެސް ބަހުސް ކުރައްވަން ފުރުސަތު ދެއްވުމުން، ރޮޒައިނާ ވިދާޅުވީ ގަރާރުގެ ވާހަކަ ދައްކަަނީ ނޫންކަމަށާއި، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް "ރައްޔިތުންނަށް އޮޅޭގޮތައް ވާހަކަ ދައްކަވާތީ " ސާފުކޮށްދެއްވަނީ ކަމަށެވެ. 

your imageރޮޒޭނާ އަދި ރައީސް ނަޝީދު

"ރައީސް އަޅގަނޑު ކުއްލި މައްސަލައާއި ގުޅޭގޮތުން ވާހަކަ ދައްކާކަށް ނޫން މިއުޅެނީ. ނަމަވެސް ނައިފަރު ދާއިރާގެ އިއްޒަތްތެރި މެންބަރު އެވާހަކަ ދެއްކެވީއިރު އިއްޒަތްތެރި ރައީސް އެކަމެއް ފާހަގައެއް ނުކުރައްވާ. ނައިފަރު ދާއިރާގެ މެންބަރު އެގޮތަށް އެވާހަކަ ދެއްކެވީމަ. ރައްޔިތުންނަށް އޮޅޭގޮތަށް ވާހަކައެއް ދައްކަވާފަވާތީވެ. 241 ކޮމެޓީގެ މުގައްރިރާ މިކަމާ ގުޅޭގޮތުން އަޅުގަނޑުވާނީ މަޝްވަރާކޮށްފަ. 241 ކޮމެޓީގެ މުގައްރިރު އަސްލަމް ވަނީ ވިދާޅުވެފަ އެ މަސައްކަތް ކުރިއަށް ގެންގޮސްދެއްވާނެކަމަށް،" ރޮޒޭނާ މިހެން ވިދާޅުވުމުން ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ނިޒާމީ ނުކުތާއެއް ނެންގެވިއެވެ.

ޝިޔާމް ވިދާޅުވީ އޭނާ ދެއްކެވި ވާހަކަފުޅަކުން ރައްޔިތުންނަށް އޮޅޭނަމަ، ރޮޒައިނާ ދައްކަވާ ވާހަކަ ވެސް ދައްކަވަނީ އޮޅުވާލައިގެން ކަމަށެވެ. 

your imageނަޝީދު އަދި ޝިޔާމް

"މަގުމަތިން ދަނިކޮށް 241 ކޮމެޓީގެ މުގައްރިރާ އަޅުގަނޑާވެސް ވާހަކަ ދެކެވޭ. ރައްޔިތުންގެ މައްސަލަތައް އަންނަންޖެހެނީ މިތަނަށް (މަޖިލީހުގެ ފްލޯއަށް)،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމްގެ ނިޒާމީ ނުކުތާ ބަލައިގަނެ ރައީސް ނަޝީދު ވަނީ އަނެއްކާވެސް ރޮޒައިނާއަށް ސުވާލެއް ކުރައްވާފައެވެ.. އެގޮތުން "241 ކޮމެޓީގެ މުގައްރިރާ ދިމާވީ ރަސްމީ ސިފައެއްގަތޯ؟ ނުވަތަ މަގުމަތިންތޯ؟" ރައީސް ނަޝީދު އެއްސެވިއެވެ.

ނަޝީދު ރޮޒޭނާއަށް ފުރުސަތު ދެއްވުމުގެ ކުރިން ވިދާޅުވީ، "އެހެން ދަމުން ދަމުން ވިދާޅުވާ އެއްޗެއްގެ ވާހަކަ މި މަޖިލީހުގައި ސައްހަކަމެއްގެ ގޮތުގައި ވިދާޅުވުމަކީ ރަނގަޅު ގޮތެއް ނޫން،" ކަމަށެވެ.

އަނެއްކާވެސް ބަހުސް ފައްޓަވާ ރޮޒޭނާ ވިދާޅުވީ މަޖިލީގުގެ ކޮންމެ މެންބަރަކަށް ވެސް މަޖިލީހުގެ ކޮމެޓީތަކުގެ މުގައްރިރުންނާ ވާހަކަ ދައްކައި މައްސަލަތައް ހުށަހެޅޭނެކަމަށެވެ. އަދި "މަޖިލީހުގައި ކަންކަން ކުރިއަށް ދާގޮތް" ހުރިހާ މެންބަރުންނަށް ވެސް އެނގިލައްވާނެކަމަށެވެ. 

 

46%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
29%
ވަރަށް ސަލާމް
ކޮމެންޓްސް