ads
އިއާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެން ގުޅީފަޅުގައި ބޯފެން އުފެއްދުމަށް ފަހުމުނާމާގައި ސޮއިކުރައްވަނީ - ފޮޓޯ:އެމްޑަބްލިޔުއެސްސީ
އިއާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެން ގުޅީފަޅުގައި ބޯފެން އުފައްދަނީ
އިއާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެން ސާފު ރައްކާތެރި ބޯފެން އުފެއްދުމުގެ ނިޒާމެއް ގުޅީފަޅުގައި ގާއިމުކުރުމަށް، އެމްޑަބްލިޔުއެސްސީ އާއި ޖަޕާނުގެ ހިޓާޗީ ޒޯސެން ކޯޕަރޭޝަން އަދި ރިނިއުބަލް އެނަޖީ މޯލްޑިވްސްއިން ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ސޮއިކުރުމަށް މީރުމާގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ އެންވަޔަރަންމަންޓް މިނިސްޓަރު އައިޝަތު ޝައުނާ އަދި ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ޓަކެއުޗީ މިޑޮރީއެވެ.

އެމްޑަބްލިޔުއެސްސީގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ. ހިޓާޗީ ޒޯސެން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މިޔާގީ ޓައިޔޯއެވެ. އަދި ރިނިއުބަލް އެނަޖީ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން ޑރ. އިބްރާހިމް ނާޝިދެވެ.

މި ފަހުމުނާމާގެ ދަށުން ގުޅީފަޅުގައި އިއާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެން ފެން އުފެއްދުމުގެ ނިޒާމެއް ގާއިމުކުރުމުގެ މަޝްރޫއެއް ހިންގުމަށް މަގުފަހިވެގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ. މި މަޝްރޫއުގެ ދަށުން،

  • ދުވާލަކު 500 ކިޔުބިކް މީޓަރުގެ ފެން އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ އާރުއޯ ޕްލާންޓެއް ބަހައްޓާނެ
  • 500 ކިލޯވޮޓްގެ ސޯލާ ޕީވީ ސިސްޓަމެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައި
  • 1,450 ކިލޯވޮޓް ޕަ އަވަގެ ބެޓެރީ އެނަޖީ ސްޓޯރޭޖް ސިސްޓަމެއް އިންސްޓޯލް ކުރާނެ

މި މަޝްރޫއަކީ ޖަޕާނުގެ ސަރުކާރާއި ގްލޯބަލް އެންވަޔަރަންމަންޓް ސެންޓަ ފައުންޑޭޝަނާއި ހިޓާޗީ ޒޯސެން އަދި ރިނިއުބަލް އެނަޖީ މޯލްޑިވްސްއިން ފަންޑް ކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއެއް ކަަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.

ދިވެހި ސަރުކާރުން 2030 ވަނަ އަހަރުގެ ކުރިން ރާއްޖެ 'ކާބަން ނެޓް ޒީރޯ އެމިޝަންސް' ކުރުމަށް އަމާޒު ހިފާފައިވާއިރު، އިއާދަކުރުވަނިވި ހަކަތައިގެ ދާއިރާއިން އިންވެސްޓް ކުރުމަކީ މުހިންމު ކަމަކަށްވާއިރު، އެ ކުންފުނީގެ އަމާޒަކީ މި މަޝްރޫއުގެ ސަބަބުން ކުންފުނިން ދެމުން ގެންދާ ޔޫޓިލިޓީ ހިދުމަތް ފޯރުކޮށްދިނުމުގައި އަދި އޮޕަރޭޝަންތަކުގައި އިއާދަކުރެވޭ ހަކަތަ ބޭނުންކުރެވޭ މިންވަރު އިތުރުކުރުމާ އެކު ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެއްޓާ ރައްޓެހި ޓެކްނޮލޮޖީ ތައާރަފުކޮށް އީޖާދީ ކުންފުންޏަކަށްވުން ކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް