ads
މާބައިދޫގައި 25 މެޓްރިކް ޓަނުގެ އައިސް ޕްލާންޓެއް ގާއިމުކޮށް ހިންގުމަށް އެ ރަށުގެ ކައުންސިލުން ފެނަކަ އާ ހަވާލުކުރުން - ފޮޓޯ:ފެނަކަ
މާބައިދޫގައި 25 ޓަނުގެ އައިސް ޕްލާންޓެއް ގާއިމުކޮށް ހިންގުން ފެނަކައަށް
ހައްދުންމަތީ މާބައިދޫގައި 25 މެޓްރިކް ޓަނުގެ އައިސް ޕްލާންޓެއް ގާއިމުކޮށް ހިންގުމަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.

ލ. މާބައިދޫ ކައުންސިލުން ފެނަކަ އާ ހަވާލުކުރި އެ މަސައްކަތުގެ އެއްބަސްވުމުގައި މާބައިދޫ ކައުންސިލުން ވަނީ ފެނަކަ އާއެކު ސޮއިކޮށްފައެވެ. މާބައިދޫ ކައުންސިލުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އިބްރާހީމް ވިސާމެވެ.

ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ.

މާބައިދޫގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ އައިސް ޕްލާންޓް

  • ޕްރޮޑަކްޝަން ކެޕޭސިޓީ އަކީ 25 މެޓްރިކް ޓަނު، ސްޓޯރޭޖް ކެޕޭސިޓީއަކީ 50 މެޓްރިކް ޓަނު
  • އައިސް ޕްލާންޓް ތަރައްގީ ކުރުމަށް ހަރަދުވާނެ ކަމަށް އަންދާޒާ ކުރާ އަގަކީ 4.8 މިލިއަން ރުފިޔާ
  • މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ ހަ މަސް ދުވަސް
  • އައިސް ޕްލާންޓް ގާއިމުކޮށް، ހިންގުމަށް ހަވާލުކޮށްފައިވަނީ 10 އަހަރު ދުވަހުގެ މުއްދަތަކަށް

ފެނަކައިން ބުނީ މި އަައިސް ޕްލާންޓް ތަރައްގީ ކުރުމުގެ މަގުސަދަކީ މާބައިދޫ ހިމެނޭ ސަރަަހައްދުގެ މަސްވެރިންނަށް ފަސޭހަކަމާ އެކު އައިސް ލިބޭނެ މަގުފަހިކޮށްދިނުން ކަމަށެވެ. އައިސް ޕްލާންޓް ތަރައްގީ ކުރެވުމާ އެކު، ރާއްޖޭގެ މަސްވެރިކަން ރަނގަޅު ދުވަސްވަރު ގިނަ ސަރަހައްދުތަކުން ދަތި ކަމެއް ނެތި ބޭނުންވާ ވަރަށް އައިސް ފޯރުކޮށްދިނުމުގައި ކުރިމަތިވަމުން އައި ގޮންޖެހުންތަކުން އަރައިގަނެ، މަސްވެރިންނަށް ލުއިފަސޭހަ ވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މާބައިދޫގައި އައިސް ޕްލާންޓެއް ގާއިމު ކުރެވިގެން ދިއުމަކީ ރަށުގެ އުމްރާނީ ތަރައްގީއަށް ލިބިގެންދާ ކުރިއެރުމެއް ކަމަށް ވެސް ފެނަކައިން ބުނެއެވެ. ފެނަކައިން ބުނެފައިވާ ގޮތުގައި އެ ރަށުގެ އައިސް ޕްލާންޓާ އެކު، ކުންފުންޏަށް މާލީ ގޮތުން ލިބޭ ނަފާ އިތުރުވާނެ ކަމަށާއި ޕްލާންޓް ގާއިމު ކުރުމުގެ މަސައްކަތަކީ މަސްވެރިކަމުގެ ސިނާއަތަށާއި ރާއްޖޭގެ އިގުތިސޯދަށް ކޮށްދެވޭ މުހިންމު މަސައްކަތެއް ކަމުގައެވެ.

ފިޝަރީޒް މިނިސްޓްރީން ވަނީ ނިމިދިޔަ މަހު ގދ. ފިޔޯރީ އަދި ގދ. މަޑަވެލީގައި އައިސް ޕްލާންޓްތަކެއް އެޅުމުގެ މަސައްކަތް ފެނަކަ އާ ހަވާލުކޮށްފައެވެ.

ސަރުކާރުގެ ފަރާތުން ވަނީ މިހާތަނަށް ރާއްޖޭގެ 10 ސަރަހައްދެއްގައި އައިސް ޕްލާންޓް ގާއިމުކޮށްފައެވެ. އައިސް ޕްލާންޓް ގާއިމުކުރި ރަށްތަކުގެ ތެރޭގައި ހއ. ހޯރަފުށި، ރ. މަޑުއްވަރި، ބ. ތުޅާދޫ، ޅ. ފެލިވަރު، ކ. ގާފަރު، ފ. ފީއަލި، ފުވައްމުލައް ސިޓީގެ އިތުރުން ސ. ހުޅުމީދޫ ހިމެނެއެވެ. އެ ރަށްތަކުގައި ގާއިމުކޮށްފައި ވަނީ 25 މެޓްރިކް ޓަނުގެ އައިސް ޕްލާންޓްތަކެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުން މަސްވެރިންނަށް ފަސޭހަކަމާ އެކު އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މި އަހަރުގެ ނިޔަަލަށް އިތުރު 15 އައިސް ޕްލާންޓެއް އެޅުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް