ads
ރައީސް ސާލިހާއި މެންބަރު އިންތި ސަލާންކުރައްވަނީ: ފޮޓޯ އެމްޑީޕީ
ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާ: އިންތިގެ ބޮޑު ތުހުމަތެއް ސަރުކާރަށް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ބޮމުގެ ހަމަލާއެއް ދީ އެމަނިކުފާނު އަވަހާރަކޮށްލުމަށް ފުރުސަތު ދިން ހަމައެކަނި ސަރުކާރަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން އިންތި މިއަދު ވިދާޅުވީ، އަނދަގޮނޑިއާއި، ޖަލުގެ ކުޑަ ގޮޅިއާއި ޓިނުގެ ގޮޅިއަށް ލައިގެން ވެސް ރައީސް ނަޝީދަށް ސަރުކާރުތަކުން އަނިޔާކުރިކަަމަށެވެ. ނަމަވެސް ހަމަލާގެ މައުލޫމާތު އެނގިހުރެ ރައީސް ނަޝީދަށް ބޮމުގެ ހަމަލާއެއް ދޭން ފުރުސަތު ދިން ހަމައެކަނި ސަރުކާރަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރު ކަމަށެވެ. 

"ބޮމުގެ ހަމަލާއަކުން އަވަހާރަކޮށްލަން ފުރުސަތު ދިނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން. ތަކުރާރުކޮށްލަން ބޮމުގެ ހަމަލާއަކުން އަވަހާރަކޮށްލަން ފުރުސަތު ދިނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން. ޑިނާއީ ކުރެވޭކަށް ނެތް،" އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ ރައީސް ނަޝީދަށް 2021 ވަަނަ  އަހަރުގެ މޭ މަހުގެ 6 ވަނަ ދުހު ދިން ބޮމުގެ ހަމަލާގެ މައްސަލަވެސް ރަނގަޅަށް ނުބެލޭކަމަށެވެ.

އެގޮތުން އެ މައްސަލައިގައި އެންމެ މީހަކު މިހާރު ހައްޔަރުގައި ހުރިއިރު، އޭނާވެސް ހައްޔަރުކޮށްފައި ހުރީ އަމިއްލައަށް އިއުތިރާފް ވުމުން ކަމަށެވެ. 

"މި ހަމަލާ އަންނަކަމުގެ ހުރިހާ މައުލޫމާތެއް ސަރުކާރަށް ލިބި އޮވެ. ހަމަލާ ދީފަވަނީ. މާތްރަސްކަލާންގެ ރަހުމަތްފުޅުން އިއްޒަތްރި ރައީސް ސަލާމަތްވީ،" ރައީސް ނަޝީދުގެ ފެކްޝަނަށް ތާއީދު ކުރައްވާ އިންތި މިއަދު ވިދާޅުވިއެވެ.

އިންތިގެ ތުހުމަތުތަކާ ގުޅިގެން ރައީސް ސޯލިހު ފެކްޝަނަށް ނިސްބަތްވާ ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ނިޒާމީ ނުކުތާއެއް ވެސް ނެންގެވިއެވެ. ނަމަވެސް ރައީސް ނަޝީދު ވަނީ ކެލާ ދާއިރަގެ މެންބަރުގެ ނިޒާމީ ނުކުތާ ބަލައިނުގަނެ އިންތިއަށް ވާހަކަ ދެއްކެވުމަށް ފުރުސަތު ދެއްވާފައެވެ. 

ރައީސް ނަޝީދަށް ހަމަލާ ދިނުމުގެ ތުހުމަތުގައި ހަތް މީހުންނަށް ދައުވާކޮށްފައި ވެއެވެ. އެއީ ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ އަލީ، އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމް، މ. ކުދެހިގެ އިސްހާގު އަހުމަދު، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި އޭނާއަށް ފިލަން އެހީވި، މއ. ފޭރުގޭ މުޖާޒް އަހުމަދާއި ސައިކަލުގެ ވެރިފަރާތް ކަމަށްވާ ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދުގެ އިތުރުން ބޮން ސައިކަލުގައި ހަރު ކުރި ކަމަށް ބުނާ ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމްގެ މައްޗަށެވެ.

ހަމަލާ ދިނުމުގައި އިސްކޮށް އުޅުނު ކަމަށް ބުނާ އިސްހާގަށް ތިން ދައުވާއެއް ވަނީ ކޮށްފަ އެވެ. އެއީ ގޮވާތަކެތި އެހެން ތަނަކަށް ގެންދިޔުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

ގޮވާތަކެތި އެހެން ތަނަކަށް ގެންދިޔުމާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށް ސާބިތުވެއްޖެ ނަމަ 12 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ އަންނާނީ 17 އަހަރާއި 20 ދެމެދުގެ ޖަލު ހުކުމެކެވެ.

75%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް