ads
މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ:ރައީސް އޮފީސް
ސަރުކާރުގެ ސިޔާސަތަކީ ކަރަންޓުގެ ހިދުމަތް ހޯދުމަށް ކުރާ ހޭދަ ކުޑަކޮށްދިނުން: ރައީސް
މި ސަރުކާރުގެ ސިޔާސަތަކީ، ރައްޔިތުންނަށް ބުރައަކަށް ނުވާނެ ގޮތަކަށް އަސާސީ ހިދުމަތެއްގެ ގޮތުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމާއެކު، ކަރަންޓުގެ ހިދުމަތް ހޯދުމަށްޓަކައި ކުރަންޖެހޭ ހޭދަ ކުޑަކޮށްދިނުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގައި ކަރަންޓުގެ ހިދުމަތް ރަސްމީކޮށް ފެށިތާ 70 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ދަރުބާރުގޭގައި ބޭއްވި އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކަރަންޓުގެ ޚިދުމަތަށް ކުރާ ހޭދަ ކުޑަކުރުމަށް ފަރުދީ ޒިންމާ އަދާކުރުމަށް ނަސޭހަތްތެރިވެ ވަޑައިގަންނަވާފަ އެވެ. 

އެގޮތުން ކަރަންޓުން އިސްރާފުވާ މިންވަރު ކުޑަކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް، ހުރިހާ ބޭފުޅުންވެސް ސަމާލުކަން ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ. 

އޭގެ އިތުރުން ސްޓެލްކޯއިން އާންމު ރައްޔިތުންގެ ސަމާލުކަމަށް އަބަދުވެސް ގެންނަވާ ކަންކަން ކުރެއްވުމުގެ މުހިންމުކަމުގެ މައްޗަށް އެ މަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ކަރަންޓުގެ ހިދުމަތަށް އަގު ނެގުމުގައި މާލެއާއި އެހެން ރަށްރަށާއި ދެމެދު ހުރި ތަފާތުތައް މި ސަރުކާރުން ނައްތާލައިފައިވާކަން އުފަލާއެކު ފާހަގަކުރައްވާފަ އެވެ. 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކަރަންޓުގެ ހިދުމަތް ދިނުމުގައި މި ސަރުކާރުން އިސްކަން ދޭ އަނެއް ކަމަކީ، ތިމާވެއްޓަށް ލިބިދާނެ ގެއްލުންތައް ކުޑަކުރެވޭނެ ގޮތްތަކަށް ވިސްނައިގެން ކަރަންޓުގެ ހިދުމަތް ދިނުން ކަމަށެވެ. 

އެކަން ހާސިލުކުރުމަށް، އިއާދަކުރަނިވި ހަކަތައަށް ހިޖުރަކުރުމުގެ ގޮތުން، އަވިން ކަރަންޓު އުފައްދާ ނިޒާމުތައް މާލެއާއި އެހެން ރަށްރަށުގައި އިތުރު ކުރަމުންދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ސްޓެލްކޯއިން އެކުލަވާލާފައިވާ އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމުގެ ފަސް އަހަރުގެ ޕްލޭނަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ ޕްލޭން ފުރިހަމަވެގެން ދާއިރު، ކަރަންޓު އުފެއްދުމަށް ޑީސަލް ބޭނުންކުރާ މިންވަރު ވަރަށް ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށެވެ.

އެކަމުގެ ނަތީޖާއެއްގެ ގޮތުން ތަރައްޤީގެ އެހެން މަޝްރޫޢުތަކަށް ހޭދަކުރާނެ ފައިސާ އިތުރު ވެގެންދާނެކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މިރޭ އިފްތިތާހުކުރި "ފެހި ދިރިއުޅުން" މަޝްރޫޢުގެ މުހިންމުކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކަށް ނޫނެކޭ ބުނަން ކޮންމެ ގޭބިސީއެއްގައިވެސް އާދަކުރަން ވެއްޖެކަމަށެވެ. 

ހަމައެހެންމެ ޕްލާސްޓިކްގެ ނުރައްކަލުން އަޅުގަނޑުމެންގެ ވެށި ރައްކާތެރި ކުރެވޭނީ، ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލައިގެން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. މި މަޝްރޫއު ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އެވެ.

އޭގެ އިތުރުން، އެ މަނިކުފާނުވަނީ އެ ސިނާއަތުގައި 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކަށް ހާއްސަކޮށްފައިވާ ޕްލެޓިނަމް އެވޯޑް އެ ފަރާތްތަކާއި ހަވާލު ކޮށްދެއްވައި، ކަރަންޓުގެ ހިދުމަތަށް 70 އަހަރު ފުރުމުގެ މުނާސަބަތުގައި ސްޓެލްކޯއިން ތައްޔާރުކޮށްފައިވާ ހާއްސަ ފޮތެއް ނެރެދެއްވާފަ އެވެ. 

އެ ރަސްމިއްޔާތުގައި، ފާއިތުވި 70 އަހަރުގެ ތެރޭގައި މި ސިނާއަތުގެ ތަރައްގީއަށް ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކަށްވެސް ސްޕެޝަލް ރެކޮގްނިޝަން އެވޯޑު ހަވާލުކޮށްފައިވެ އެވެ.

އިގްތިސާދު ކުރިއެރުވުމަށް ޔޫޓިލިޓީޒް ހިދުމަތްތައް ހަރުދަނާ ކުރުމަކީ މި ސަރުކާރުގެ މެނިފެސްޓޯގައިވާ ވަރަށް މުހިންމު ބައެކެވެ. އަދި މިކަމަށްޓަކައި މި ސަރުކާރުން މިހާތަނަށްވަނީ ކަރަންޓުގެ ހިދުމަތް އަގު ކުރުމުގައި، ޒަމާނުއްސުރެ މާލެއާއި އެހެން ރަށްރަށާ ދެމެދު އޮތް ފަރަޤު ނައްތާލައި، މާލޭގައި ކަރަންޓަށް ނަގާ އަގާއި، އެހެން ރަށްރަށުގައި ކަރަންޓަށް ނަގާ އަގު އެއްހަމަ ކޮށްފަ އެވެ.

ހަމަ އެއާއެކު އަތޮޅުތަކުގެ ބިޒްނަސް ކެޓަގަރީގެ ބޭންޑުތަކުގެ އަގުގެ ތަފާތުތައްވެސް އެއްހަމަ ކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް