ads
ދުވަސްވީ ފޮތްތަކެއް
ސިހުރުހަދާ ސާމާނު ގެންގުޅުނު މީހަކު ތިން އަހަރަށް ގޭބަންދަށް
ސިހުރުހާހޫރަ ހެދުމަށް ބޭނުންކުރާ ޒާތުގެ ލިޔުންތަކެއް ގެންގުޅުނު އުމުރުން ދުވަސްވީ މީހަކު ތިން އަހަރަށް ގޭ ބަންދު ކުރުމަށް ހުކުމްކޮށްފިއެވެ.
Advertisement

ސިހުރުހާހޫރަ ހެދުމަށް ބޭނުންކުރާ ޒާތުގެ ލިޔުންތަކެއް ގެންގުޅެގެން ތިން އަހަރުގެ ހުކުމެއް އައީ އުމުރުން 84 އަހަރުގެ ދިވެހި ފިރިހެނެއްގެ މައްޗަށެވެ. ރާއްޖޭގެ އުތުރުގެ ރަށެއްގެ މި މީހާގެ މައްޗަށް ތިން އަހަރުގެ ގޭ ބަންދު ހުކުމެއް ކުރީ ބުދަ ދުވަހުއެވެ. ދައުލަތުން މި މީހާގެ މައްޗަށް ކޮށްފައިވަނީ، ދިވެހިރާއްޖެއަށް ގެނައުން މަނާތަކތި ދިވެހިރާއްޖޭގައި ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.

މި މީހާ އަތުން ސިހުރުހާހޫރަ ހަދަން ބޭނުންކުރާ ޒާތުގެ ލިޔުންތަކެއް ފެނުނީ 2016 ވަނަ އަހަރުގެ ކުރީކޮޅުއެވެ. މި މައުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން، އުމުރުން ދުވަސްވީ މި މީހާ އުޅޭގެ ބަލައި ފާސްކުރިއިރު އެ މީހާ ނިދާ އެނދުމަތިން ސިހުރުހަހޫރަ ހެދުމަށް ބޭނުންކުރާ ކަމަށް ތުހުމަތު ކުރެވޭ ދިވެހި އަރަބި އަކުރުން ލިޔެފައިވާ ލިޔުންތަކެއް ފެނިފައިވެއެވެ. މި މައްސަލައިގެ ޝަރީއަތުގައި އެ މީހާވަނީ އޭނާ އެއްވެސް އެއްޗެއް ރާއްޖެއަށް އެތެރެކުރި ކަމަށް ކުރެވުނު ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.  

އެ މީހާ ޝަރީއަތުގައި ބުނީ، އެތަކެއްޗަކީ އޭނާ އެތެރެކުރި އެއްޗެއް ނޫން ކަމަށާއި، އެއީ އޭނާގެ ބޭބެ ގެންގުޅުނު އެއްޗެހިތަކެއް ކަމަށެވެ. އަދި ބޭބެ ނިޔާވުމުން އޭނާ އެތަކެތި ގެންގުޅެފައިވާ ކަމަށާއި އެއީ މުޅިންވެސް ސަރުކާރުން ޗާޕުކޮށްގެން ނެރުނީމާ ގަނެފައި ހުރި އެއްޗެހި ކަމަށެވެ. އަދި އޭގެ ތެރޭގައި މަސްވެރިކަމުގެ ކަންކަމާ ގުޅޭ ފަންޑިތަ ދެ ފޮތް އޮންނާނެ ކަމަށާއި އެއީ މަނާއެއްޗެއްކަން ނޭނގޭ ކަމަށް އޭނާ ބުނެފައިވެއެވެ. 

މި މައްސަލައިގެ ޝަރީއަތުގައި އިސްލާމިކް މިނިސްޓްރީގެ އޮފިޝަލުންވެސް ހެކިބަސް އަދާކޮށްފައިވެއެވެ. އެއީ އެ މީހާގެ ގެއިން ފެނުނު ތަކެއްޗަކީ އިސްލާމްދީނާ ހިލާފު އަދި ސިހުރު ހެދުމަށް ބޭނުން ކުރާ ތަކެތިތޯ ޔަގީން ކުރުމަށެވެ. 

މި މައްސަލައިގެ ކުށް ސާބިތުވާކަމަށް ޝަރީއަތުން ކަނޑައެޅުމުން، އުމުރުން ދުވަސްވީ އެ މީހާވަނީ ލުއި އަދަބެއް ދިނުމަށް އެދިފައެވެ. އެ ގޮތަށް އެ މީހާ އެދުނީ އެ މީހާއަކީ އުމުރުން ދުވަސްވީ މީހަކަށްވުމުގެ އިތުރުން އެތައް ބައްޔަކަށް ބޭސްކުރަމުންދާ މީހެއް ކަމަށްވުމުންނެވެ. 

އެހެންކަމުން އެ ކަންކަމަށް ރިއާޔަތްކޮށް ޝަރީއަތުން ނިންމީ އޭނާއަށް ތިން އަހަރުގެ ގޭ ބަންދު ހުކުމެއް ކުރާށެވެ. 

0%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
86%
ވަރަށް ސަލާމް
ކޮމެންޓްސް