
މި ރިސޯޓު ދިވެހިރާއްޖެއާއި ވައްތަރުކުރުމުގެ ގޮތުން ވަނީ މޫދުގައި ވޯޓާ ވިލާތަކެއް ވެސް އަޅާފައެވެ. އަދި މިއީ ދުނިޔޭގެ ރެސޯޓެއް ރާއްޖެއާ ވައްތަރުކުރަންވެގެން ވޯޓާ ވިލާއެޅި ފުރަތަމަ ފަހަރެވެ.
އެ ރިސޯޓުގައި އެޅުމަށް ބޭނުންވާ ވޯޓާ ވިލާތައް މަމެއޮޓްގެ ފަރާތުން މިހާރު ވަނީ ރިސޯޓަށް ޑެލިވާކޮށްދީފައެވެ.
މިގޮތުން ހަތަރު ވިލާއެއް މިހާރު ހަމިރިޔާ ޕޯޓުން ޝެއިބަރާ އައިލެންޑަށް ވަނީ ފޮނުވާފައެވެ.
"ޝެއިބަރާ އައިލެންޑް ރިސޯޓް" ގެ ނަމުގައި ސައުދީން ފަރުމާކުރަމުން އަންނަ މި ރިސޯޓަކީ "ހައިޕާ ލަގްޒަރީ" ރިސޯޓެކެވެ. މާނައަކީ ރާއްޖޭގެ ލަގްޒަރީ ރެސޯޓުތަކަށްވުރެ ވެސް އެ ރިސޯޓުގެ ލަގްޒަރީކަން ބޮޑުވާނެއެވެ. މި ރިސޯޓު ހުޅުވުމަށް ސައުދީން ނިންމާފައިވަނީ 2024 ވަނަ އަހަރަށެވެ.
މި ރިސޯޓު ހުޅުވާއިރު 73 ވިލާ ހުންނާނެއެވެ.
ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ އަމާޒަކީ 2030 ވަނަ އަހަރު އަންނައިރު ސައުދީ އަރަބިއްޔާއަށް ފަތުރުވެރިކަމުން ވަންނަ މަންފާ އިތުރުކޮށް ތެޔޮ ވިއްކައިގެން ލިބޭ މަންފާއަށް ބަރޯސާވުން ކުޑަކުރުމެވެ.
ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖޭގެ ފ އަތޮޅުގައި ވެސް ތަރުވެރިކަމަށް ހާއްސަ ތަންތަން ތަރައްގީކުރަން 2019 ވަނަ އަހަރު މަަސައްކަތް ކުރިއެވެ. ނަމަވެސް ރާއްޖޭގެ ގިނަ ރައްޔިތުންތަކެއް އެކަމާ ދެކޮޅު ހެދުމުން ސައުދީން ވަނީ ފ އަތޮޅު ތަރައްގީ ކުރުމުގެ ޕްރޮޖެކްޓު ހުއްޓާލާފައެވެ.
ސައުދީ އަަރަބިއްޔާ އާއި ހަވާލުކޮށްގެން ފ. އަތޮޅުގެ ފަޅުތަކެއް ތަރައްގީކުރެވުނު ނަމަ، އެ އަތޮޅު ފްރާންސްގެ ފްރެންޗް ރިވިއޭރާ އާއި މޮނާކޯގެ މޮންޓެ ކާލޯ ސަރަހައްދު ފަދަ ތަނަކަށްބަދަލުކޮށްލެވުނީސް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމިން ވަނީ މިދިޔަ އަހަރުވެސް ވިދާޅުވެފައެވެ.