ބަރު ހަތިޔާރާއެކު ޔޫކްރެއިންގެ ބޯޑަރުން އެތެރެއަށް ވަދެގެން ދިޔަ ޓޭންކަރުތަކާ ޓުރަކުތަކުގައި ޖަހާފައިވަނީ އިނގިރޭސި އަކުރު "ޒެޑް" އެވެ. މާނައަކީ އެންމެ ފަހު ހަނގުރާމަ ކަމެވެ. ދުނިޔެ ދެކޭނެ އެންމެ ފަހު ހަނގުރާމަ ކުރުމަށް ރަޝިޔާއިން ނުކުތީއެވެ.
ދެވަނަ ބޮޑު ހަނގުރާމައިގައި ޖަރުމަނުވިލާތުގެ ނާޒީންގެ ވެރިއާ އެޑްލޯފް ހިޓަރު ހިންގިފަދަ ނުބައި ނާތަހުޒީބު އަމަލެއް ހިންގުމަށް ރަޝިޔާގެ ވެރިކަމުގައި ހުންނެވި ވްލެޑްމިއާ ޕޫޓިން އެތައް އަހަރެއް ވަންދެން ރާވަމުން ގެންދިޔަ ނުބައި ރޭވުން ރޫޅާލިތާ އެއް އަހަރު ވީއެވެ.
ދުނިޔޭގެ ސުޕަ ޕަވާ އެމެރިކާއާއި ވާދަވެރި ބިޔަ ރަޝިޔާއަށް އަދި މިހާތަނަށް ޔޫކްރެއިން ހަނގުރާމައިން މާބޮޑު ކާމިޔާބީއެއް ހޯދިފައެއް ނެތެވެ. ޔޫކްރެއިންއާ ދެކޮޅަށް ރަޝިޔާއިން ކުރަމުން ގެންދާ ހަނގުރާމައިގެ ބޭނުމަކީ ޔޫރަޕުގެ ގައުމަކަށްފަހު ގައުމެއް ހިފުންކަމަށް ޔޫރަޕުގެ ގައުމުތަކުން ދެކެއެވެ.
މިހާތަނަށް ރަޝިޔާއިން ވަނީ މުޅި ޔޫކްރެއިންގެ 16.45 އިންސައްތަ ހިސޯރުކޮށްފައެވެ.
"ޔޫކްރެއިން މިނިވަން ކުރަން" ކަމަށް ބުނެ ރަޝިޔާއިން ކުރާ ހަނގުރާމާގައި މިހާތަަނަށް 485 ކުޑަކުދިން ވަނީ މަރާލާފައެވެ. ރަޝިޔާއިން ދިން އުދުވާނީ ހަމަލާތަކުގައި 900 އަށްވުރެ ގިނަ ކުޑަކުދިން ވަނީ ޒަހަމްވެފައެވެ. މަރުވި މީހުންގެ ޖުމްލަ އަދަދު 60000 އަށް އަރައެވެ. ގިނައީ ޔޫކްރެއިންގެ އާންމު ރައްޔިތުންނެވެ.
ޔޫކްރެއިންގެ މިންވަރެއް ހިފިފައިވީނަމަވެސް މި ހަނގުރާމައިގައި ކުރިމަތިލާންޖެހިފައިވާ ނާކާމިޔާބީގެ ސަބަބުން ރަޝިޔާގެ ވެރިޔާ ޕޫޓިން އަށް ވަނީ ލަދުވެތިކަމަކާ ކުރިމަތިލާން ޖެހިފައިކަމަށް ބައެއް މީހުން ދެކެއެވެ. ސަބަބަކީ ޔޫކްރެއިންއަށް އެމެރިކާ އަދި އަވަށްޓެރި ޔޫރަޕްގެ ގައުމުތަކުން ފޯރުކޮށްދެމުންދާ އެހީތެރިކަމުގެ ސަބަބުން ޕޫޓިން އަންދާޒާ ކުރެއްވި މިންވަރާ ގާތަށްވެސް ކުރިއަށް ނުކަނޑާތީއެވެ.
އަނެއްބަޔަކު ދެކެނީ ރަޝިޔާއިން އަދި ބޭނުންކުރަނީ ދެވަނަ ބޮޑުހަނގުރާމައިގައި ބޭނުންކޮށް ބާވެފައި ހުރި ތަކެތި އެކަނިކަމަށެވެ. އަދި މިއީ ރަޝިޔާއިން ހަނގުރާމަ ފެށުމުގެ ކުރިން މޯޅިއަށް ދެމިލަނީކަމަށް ވެސް ބައެއް މީހުން ބުނެއެވެ.
ރަޝިޔާގެ އަސްލު ސްޓޮކް ނެރުމުން ހިފަހައްޓާލަން އުނދަގޫވާނެކަމަށެވެ. ތެދެކެވެ. މުޅި ޔޫރަޕާއި އެމެރިކާ އެކުވެގެން ޔޫކްރެއިން އަށް އެހީތެރިކަން ފޯރުކޮށް ދެމުން ގެންދާއިރުވެސް ޔޫކްރެއިން އިން ބުނަނީ އެހީ މަދު ކަމަށެވެ. އެމެރިކާއިން އެކަނިވެސް ފާއިތުވީ އަހަރެއްހާ ދުވަހުގެ ތެރޭގައި 3.4 ބިލިއަން ޑޮލަރުގެ ހަތިޔާރާއި އަސްކަރީ އެހީތެރިކަން ޔޫކްރެއިން އަށް ފޯރުކޮށްދީފިއެވެ. ނަމަވެސް ޔޫކްރެއިން އިން ބުނަނީ ކެތްކުރަން ދަތި ކަމަށެވެ. ބައެއް ސަރަހައްދުތައް ރަޝިޔާއަށް ދޫކޮށްލަންޖެހޭކަމަށެވެ. އިތުރު މިސައިލު ނުލިބިއްޖެނަމަ ހަނގުރާމައިން ބަލިވެދާނެކަމަށެވެ.
ރަޝިޔާއިން ނިއުކުލިއާ ހަތިޔާރާ ދިމާލަށް!
ކަންމިހެން އޮތްއިރު ރަޝިޔާއިން މިވަނީ ނިއުކުލިއާ ހަތިޔާރާއި ގުޅޭގޮތުން ސޮއިކޮށްފައިވާ "ނިއު ސްޓާޓް ޓްރީޓީ" ވަގުތީގޮތުން ސަސްޕެންޑުކޮށްފައެވެ. މި ޓްރީޓީ ސަސްޕެންޑު ކުރުމާއެކު ރަޝިޔާއިން ނިއުކުލިއާ ހަތިޔާރާއި ގުޅޭގޮތުން ހިނގާ ހަރަކާތްތަކާއި ހަތިޔާރުގެ ފެންވަރު މޮނިޓާ ކުރުމުގެ ދޮރު އެމެރިކާއަށް ބަންދުވާނެއެވެ.
މި ޓްރީޓީއަކީ އެމެރިކާއާއި ރަޝިޔާއި ދެމެދު ނިއުކުލިއާ ހަތިޔާރު ބޭނުން ނުކުރާނެކަމަށް އެއްބަސްވުމަށް އެމެރިކާގެ ކުރީގެ ރައީސް ރޭގަން އާއި ސޯވިއެޓުންގެ ކުރީގެ ލީޑަރު މިޚައިލް ގޯރްބަޗޭވް އާއި 1985 ވަނަ އަހަރު ސޮއިކުރެއްވި ޓްރީޓީއެކެވެ.
މި ޓްރީޓީ ނުވަތަ އެއްބަސްވުމުގެ ޝިއާރަކީ: "ނިއުކުލިއާ ހަނގުރާމައެއް ކޮށްގެން މޮޅެއްވެސް ނުވާނެ އެހެންކަމުން އެފަދަ ހަނގުރާމައެއް ކުރާކަށް ނުވާނެ" އެވެ.
މި ޓްރީޓީއަކީ އެތައްފަހަރަކު އެމެރިކާއާއި ރަޝިޔާއާއި ދެމެދު އާވެސް ކޮށްފައިވާ ޓްރީޓީއެކެވެ. އެންމެ ފަހުން އާކުރެއްވީ ބަރަކް އޮބާމާގެ ވެރިކަމުގައެވެ.
ޕޫޓިންގެ މި އިންޒާރާއެކު ދޭހަވާ އެއްކަމަކީ މިހާރު ރަޝިޔާގެ އަމާޒު ހުރީ ހަމައެކަނި ޔޫކްރެއިންއާއި ޔޫރަޕްގެ ގައުމުތަކަށް އެކަނި ނޫންކަމެވެ.
ރަޝިޔާއިން ނިއުކުލިއާ ހަތިޔާރުގެ ބޭނުންކޮށްފިނަމަ ރައްދުގައި އެމެރިކާ އަދި އެގައުމާ އެކުވެރި ގައުމުތަކުން ވެސް ކުރާނެއެވެ. އޭރުން މުޅި ދުނިޔެ ނިއުކުލިއާ ރޭޑިއާޝަނުގެ ބިރުވެރިކަމަށް ވެއްޓި މުޅި އިންސާނީ ޖީލާއި މި ދުނިޔޭގައިވާ ގިނަ ދިރުންތައް ނެތިދިއުމަކީވެސް ދުރުގައި އޮތްކަމެއް ނޫނެވެ.
ރަޝިޔާއި ޗައިނާ ގުޅިގެން އިދިކޮޅު ގައުމުތަކާ ވަރުގަދަ ކުރިމަތިލުމަކަށް ދިއުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެމެރިކާއިން ދާދިފަހުން ވަނީ ޗައިނާއިން ސިއްރުން ރަޝިޔާއަށް ޔޫކްރެއިންއާ ދެކޮޅަށް ހަނގުރާމަކުރަން ހަތިޔާރު ފޯރުކޮށްދޭކަމަށް ތުހުމަތުކޮށްފައެވެ.
ޗައިނާއިން ވާނީ 2027 ވަަނަ އަހަރު ޓައިވާން ހިފުމަށް ތައްޔާރުވުމަށް އެގައުމުގެ ސިފައިންނަށް އަމުރުކޮށްފައެވެ.
ތިން ވަނަ ބޮޑުހަނގުރާމަ ފެށިއްޖެނަމަ އެއްވަނަ ބޮޑު ހަނގުރާމައާއި ދެވަނަ ބޮޑު ހަނގުރާމަގޮތަށް ދިގުލާ ދިއުމަށްވުރެ ވައްތަރީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުޅި އިންސާނީ ޖީލު ނެތިދިއުމާއެވެ. ސަަބަބަކީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ގައުމުތަކުން ހަތިޔާރުގެ ގޮތުން ހޯދާފައިވާ ކުރިއެރުންތަކުގެ ބޮޑުކަމުންނެވެ. ދުނިޔެ ވަރުގެ ޕްލެނެޓެއް އެކީ ގޮއްވާލާނެ ނިއުކުލިއާ ހަތިޔާރު ދުނިޔޭގެ އެކި ގައުމުތަކުގައި ރައްކާކޮށްފައި އެބަހުއްޓެވެ. މި ހަތިޔާރުގެ 95 ޕަސަންޓު ހުރީ އެމެރިކާ އަދި ރަޝިޔާ އަތުގައެވެ.
ޕޫޓިންގެ އުންމީދީ ހަނގުރާމައިން މޮޅުވުމަށް ކުރަންޖެހުނު ކޮންމެކަމެއް އޭނާ ކުރަނެކަމުގެ އިންޒާދު ދާދިފަހުން ދެއްވި ދެ ގަޑީރުގެ ތަގުރީރުގައި ވެސް ޕޫޓިން ވަނީ ވިދާޅުވެފައެވެ. މިއީ ނިއުކުލިއާ ހަތިޔާރު ބޭނުންކުރަން ދިން ސިގުނަލެއްކަމަށް ވެސް ހަނގުރާމަ ދިރާސާ މާހިރުން ވިދާޅުވެއެެވެ.