ads
ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) - ފޮޓޯ: މަޖިލިސް
ލޯނަށް ފައިސާ ނުދައްކައިގެން ކޯޓަށް ގެންދަނީ ނިކަމެތިން އެކަނި: މޮސްޓާ
ގައުމީ ބޭންކު ބީއެމްއެލްއިން ނަގާފައިވާ ލޯނަކަށް ނިކަމެއްޗަކު ނުވަތަ އާންމު ރައްޔިތަކު ފައިސާ ނުދައްކައިފިނަމަ ހަ މަސް ދުވަހުގެ ތެރޭގައި ކޯޓަށް ގެންދާކަމަށާއި، ނަމަވެސް ރިސޯޓުތަކުގެ ވެރިން ނަގާ ލޯނުތަކަށް ފައިސާ ނުދައްކައިގެން ދެތިން އަަހަރު ވާއިރު ވެސް ކޯޓަށް ނުގެންދާކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.

ގައުމީ ބޭންކު، ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެކައުންޓުތަކުގައި ހުރި ފައިސާ ގެއްލޭތީ ހުށަހެޅު ކުއްލި މައްސަލައަށް ބަހުސްކުރަމުން މޮސްޓާ ވިދާޅުވީ، މިލިއަނުން އަދި ބިލިއަނުން ލޯނު ނައިގެން ތިބި މީހުން ގޮވައިގެން ކޯޓަށްދާ މަންޒަރު ނުފެންނަކަމަށެވެ. 

"ނިކަމެތި މީހާ ލޯނު ނުދެއްކީމަ އެމީހާ ގޮވާގެން ކޯޓަށް ވެސް ދެވޭ. އެކަމަކު ރިސޯޓު އޯނަރުން ގޮވައިގެން ކޯޓަށް ދާންވީމަ ވިހި ތިރީސް މަސް ސާޅީސް މަސް ދެ އަހަރު ތިން އަހަރުވެގެންދޭ. އެކަމަކު އާދައިގެ މީހާ ލޯނެއް ނުދައްކާ އޮވެއްޖެއްޔާ އޭނަގެ މުދަލާ ހުރިހާ އެއްޗެއް ވިއްކައިގެން ވެސް އެއްޗެއް ހޯދަން މަސައްކަތް ކުރާތަން އެބަފެނޭ،" - މޮސްޓާ-

އޭނާ ވިދާޅުވީ، ސަރުކާރުން ވެސް ބޭންކަށް ޕްރެޝަރުކޮށްގެން ރައްޔިތުންނަށް ލުއިފަސޭހަވާނެ ގޮތަކަށް ކަންތައްތައް ކުރުން ބުއްދިވެރިވާނެކަމަށެވެ. 

އެ ބޭންކުގެ ބައެއް ބުރާންޗުތަކުން މާލެއަށް ވަކިއުސޫލެއް އަދި އެހެން ރަށްރަށް ވަކި އުސޫލެއް ގެންގުޅޭކަމަށް ވެސް،  ބޭންކު އެކައުންޓުތަކުން ފައިސާގެއްލޭތީ ގަރާރު ހުށަހެޅުއްވުމަށްފަހު ވާހަކަ ދައްކަވަމުން މޮސްޓާ ވިދާޅުވިއެވެ. 

"މި ކަންކަން ހައްލުނުވާކަމަށް ވަންޏާ ދިވެހިންގެ ބޭންކަށް ދިވެހިން ކުރަމުންއައި އިތުބާރު ގެއްލި ދިވެހި ރާއްޖޭގެ މައި ބޭންކު ބަނގުރޫޓުވާ ހިސާބަށް ކަންތައްތައް ގޮސްދާނެ،" މޮސްޓާ މިއަދު ވިދާޅުވިއެވެ.

މޮސްޓާ ވިދާޅުވީ ބީއެމްއެލް ނޫން އިތުރު ހަތް ބޭންކު ރާއްޖޭގައި އެބަހުރި ކަމަށެވެ. ނަމަވެސް އޮޅުވާލައިގެން ފައިސާ ހޯދުންފަދަ ކަންކަން ދެން ހުރި ބޭންކުތަކަށް ދިމާނުވަނީ ކީއްވެތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ. 

ބީއެމްއެލްގެ އެކައުންޓުތަކުގައި ހުރި ގިނަ ފައިސާ ގެއްލޭ މައްސަލައިގައި ގިނަބަޔަކު އަންނަނީ މީސްމީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

މި ޝަކުވާތައް މިހެން ހުރި ނަމަވެސް އެ ބޭންކުން ބުނީ މާޗަންޓެއްގެ ފަރާތުން ކާޑުގެ މައުލޫމާތު ހާމަވާ ހާލަތްތަކުގައި ކަސްޓަމަރުންނަށް ފުރިހަމަ ރައްކާތެރިކަން ލިބި، މާލީގޮތުން އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށެވެ.

ޑިސްޕިއުޓް މަރުހަލާ ނިމުމާއެކު ކަސްޓަމަރުންނަށް ރީފަންޑް ލިބޭނެ ކަމަށްވެސް ބޭންކުން މި މައްސަލައިގައި ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް