
މިފްކޯގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުނިން ގަނެފައިވާ 2،649 މެޓްރިކް ޓަނުގެ މަހަށް 44.5 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
އެ ކުންފުންޏަށް އެންމެ ގިނަ އަދަދަކަށް މަސް ގަނެފައިވަނީ ނިމިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ ދުވަހު 507 މެޓްރިކް ޓަނުގެ މަސް ގަނެ، މަސްވެރިންނަށް 8.5 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. އެންމެ މަދުން މަސް ގަނެފައިވާ ބުދަ ދުވަހު ވަނީ 346 ޓަނުގެ މަސް ގަނެފައެވެ.
މިފްކޯއިން އަންނަނީ އެ ކުންފުނިން ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް ރަނގަޅުކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޅ. ފެލިވަރު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިހާރު ހުރި ކެޕޭސިޓީގެ ދަތިތައް ހައްލުކޮށް، މަސް ގަތުމާ ގުޅުންހުރި ހުރިހާ ކަމެއް އެއް ތަނަކުން ފަސޭހައިން ލިބޭނެ ތަނަކަށް ފެލިވަރު ހެދުމަށް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ފެލިވަރު ތަރައްގީކުރުމުގެ މަސައްކަތް:
- ތަރައްގީކުރުމަށް ނިންމާފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން
- ފުރަތަމަ ފިޔަވަހީގައި ކުރިއަށް ގެންދާނީ ކޯލްޑް ސްޓޯރޭޖާއި ބްރައިން ފްރީޒިން ފެސިލިޓީ ގާއިމުކުރުމުގެ މަސައްކަތް، މަސައްކަތް ހަވާލުކުރެވި ބޭނުންވާ ސާމާނާއި މީހުން މޮބިލައިޒް ކުރުމުގެ މަސައްކަތް ދަނީ ކުރިއަށް
- ދެވަނަ ފިޔަވަހީގައި ކޭނަރީގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައި، މަސައްކަތް ހަވާލު ކުރާނެ ފަރާތެއް ނިންމުމުގެ ފަހު މަރުހަލާގައި
އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ 23 މިލިއަން ޑޮލަރު (354 މިލިއަން ރުފިޔާ) ގެ މި މަޝްރޫއުގެ މަސައްކަތް ކުރުމަށް މިދިޔަ މަހު މިފްކޯއިން ވަނީ ރައިނެކް އިންޑިއާ އާއެކު ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން،
- ފެލިވަރުގެ ކޯލްޑް ސްޓޯރޭޖް 4،000 ޓަނަށް ބޮޑުކުރުމުގެ މަސައްކަތް ކުރާނެ
- ދުވާލަކު 200 ޓަނުގެ މަސް ފްރީޒް ކުރެވޭ ބްރައިން ފްރީޒިން ފެސިލިޓީއެއް ގާއިމުކުރާނެ
- މަސް ފިނިކޮށް ބަހައްޓާ 80 ޓަނުގެ ރެފްރިޖަރޭޓަޑް ސީ ވޯޓަ ސިސްޓަމެއް ގާއިމުކުރާނެ
އަދި މަސްކިރުވުމުގައި ހުރި ދަތިތައް ހައްލު ކުރުމަށް މަސްކިރޭނެ އިތުރު ހަތަރު ބޯޓު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިފްކޯއިން ވަނީ ބުނެފައެވެ.