ތިނަދޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ޓާޝަރީ ހޮސްޕިޓަލު އިމާރާތް ކުރުމަށް މިއަހަރު ކުރެވެމުންދާ މަސައްކަތް ސާފުކޮށްދިނުމަަށާއި، އެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށޭނެ ތާރީހެއް ސާފުކޮށްދިނުމަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ މުގުނީ މިއަދު މިނިސްޓަރު ނަސީމަށް ވަނީ ސުވާލެއް ހުށަހަޅާފަ އެވެ.
ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވާފައިވާ ސުވާލަށް މިނިސްޓަރު ނަސީމް ދެއްވި ޖަވާބު ވިިިދާޅުވެފައިވަނީ، އެ ހޮސްޕިޓަލުގެ މަސައްކަތްތަކުގެ ތެރެއިން މިހާރު ކުރެވެމުންދަނީ ހޮސްޕިޓަލް ޑިޒައިން ކުރުމުގެ މަސައްކަތްކަމަށާއި، ޑިޒައިންގެ މަސައްކަތް ނިމުނުހާ އަވަހަކަށް ހޮސްޕިޓަލު އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.
ތިނަދޫ ޓާޝަރީ ހޮސްޕިޓަލް ނުފެށި ލަސްވާ ސަބަބާއި ގުޅޭގޮތުން މެންބަރު މުގުނީ، މިދިޔަ އަހަރުގެ ފެބްރުއަރީ މަސްތެރޭގައިވެސް މިނިސްޓަރު ނަސީމާއި ސުވާލުކުރެއްވިި އެވެ. އެފަހަރު ވެސް މިނިސްޓަރު ވިދާޅުވެފައިވަނީ، ކުރިއަށް ދަނީ ޑިޒައިންގެ މަސައްކަތް ކަމަށެވެ.
އެގޮތުން ހޮސްޕިޓަލު ޑިޒައިން ކުރުމުގެ މަސައްކަތް ކުރުމަށް އިއުލާންކުރެވި ޑިޒައިންކުރާނެ ފާމަކަށް އެވޯޑް ކުރެވިފައިވާކަމަށް އޭރުު ވިދާޅުވި އެވެ. އަދި ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެއަހަރުގެ ދެވަނަ ކުއާޓާ ތެރޭގައި ޓެންޑަރިން އަށް ހުޅުވާލުމަށް ހަމަޖެހިފައިވާކަމަށް އޭރު މިނިސްޓަރު ވިދާޅުވިއެވެ.
އޭރު މިނިސްޓަރު ވިިދާޅުވިގޮތުން ތިނަދޫގައި މުޅިން އަލަށް އެޅުމަށް ނިންމާފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އެޅުމަށް ކުވައިތު ފަންޑުން އޮތީ ލޯނު ހަމަޖެހިފައެވެ.
ރާއްޖޭގެ ފަސް ސަރަހައްދުގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތަކެއް ތަރައްގީ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.
ޓާޝަރީ ހޮސްޕިޓަލު ތަރައްގީ ކުރަނީ:
- ގދ. ތިނަދޫ
- ހދ ކުޅުދުއްފުށި
- ރ. އުނގޫފާރު
- ލ. ގަން
- އައްޑޫ ސިޓީ ހިތަދޫ