ads
ލޯފަން މީހުންނަށް ސިއްރު ވޯޓެއް ލުމުގެ ހައްގު ހޯދައިދޭން ވޯޓުކަރުދާސް ތައްޔާރުކުކުރެވިދާނެ ގޮތް ބީވީއައިއެސްގެ ރައީސް ޝަރީފް ކިޔައިދެއްވަނީ——ފޮޓޯ:ސީއެންއެމް
ލޯފަން މީހުންނަށްވެސް އަމިއްލައަށް ސިއްރު ވޯޓެއް ލެވޭނެގޮތް ހޯދައިދޭން އެދިއްޖެ
ލޯފަން މީހުންނަށްވެސް އަމިއްލައަށް ވޯޓުލުމުގެ ހައްގު ކަށަވަރުކޮށްދިނުމަށް ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް(ބީވީއައިއެސް) އިން އެދިއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީ އާއި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއާ ބައްދަލުކުރުމަށް ފަހު، މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޖަމިއްޔާގެ ރައީސް ހުސެއިން ޝަރީފް ވިދާޅުވީ، ނޫސްވެރިންނާއި ހަމަޔަށް އެ އެދުމާއިއެކު އަންނަންޖެހުނު ސަބަބަކީ، ގާނޫނޫ އަސާސީ އާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކޮށްދޭ ގާނޫނުން ކަށަވަރުކޮށްދީފައިވާ ސިއްރު ވޯޓެއް ލުމުގެ ހައްގުން މަހުރޫމުވެފައިވާތީ ކަމަށެވެ.

"މިއީ މިއަދާއި ހަމަޔަށް މިކަން އޮތްގޮތް. އެކަމަކު މިއަދު ދުނިޔޭގެ އެހެން ގައުމުތަކުގައި ފަސޭހަ ހައްލުތަކަކާއިއެކު ރަނގަޅު ޕްރެކްޓިސް އެއް ކުރެވެމުންދާ ކަމެއް. ގާނޫނުގައި ސިއްރު ވޯޓެއްގެ ހައްގު ދިނުމަށް މަޖުބޫރުކޮށްފައި އޮތް ނަމަވެސް، 2017 އިން ފެށިގެން އިލެކްޝަން ކޮމިޝަނާއިއެކު އަޅުގަނޑުމެން މަސައްކަތްތަކެއް ކުރަމުންދިޔަ ނަމަވެސް މިހާތަނަށް މިކަމަށް އަޅުގަނޑުމެންނަށް ހައްލެއް ލިބިފައި ނެތީ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ، އެމަސައްކަތްތަކުގެ ތެރެއިން ކޮންމެ ފަހަރަކުވެސް ލިބޭ ޖަވާބަކީ އިންތިހާބަށް ވަގުތު ކުޑަތަންވެފައިވާތީ ނުވަތަ ބަޖެޓު ނެތުމުން އެކަން ނުކުރެވި އޮންނަ ވާހަކަ ކަމަށެވެ. އެކަނި ވޯޓު ލުމުގެ އިންތިޒާމެއް ހަމަޖެހިފައި ނެތުމުން ކޮންމެ ރައްޔިތަކަށް އޮންނަ ސިއްރު ވޯޓުގެ ހައްގު ލޯފަން މީހުންގެ އަތުން ނިގުޅައިގަނެވިފައިވާކަން އެ ޖަމިއްޔާއިން ފާހަގަކުރި އެވެ. 

ލޯފަންވުމުގެ ސަބަބުން އާއިލާ ނުވަތަ ރަށްޓެއްސަކާއި އެކު ވޯޓުލާންދާން ޖެހޭތީ، އަމިއްލަ މިނިވަންކަން މަތީގައި ވޯޓުލުމުގެ ފުރުސަތު ނޯންނަކަން އެ ޖަމިއްޔާއިން ފާހަގަކުރި އެވެ. 

"އެއްކަލަ ބުނާ ސިއްރު ވޯޓުގެ ހައްގުވެސް އަޅުގަނޑުމެންނަށް ނުލިބޭ. އެހެންމީހަކާއިއެކު ވޯޓުލާން ޖެހުނީމަ އަޅުގަނޑުމެންނަކަށް ސިއްރު ވޯޓެއް ނުއެއް ލެވޭ. ގޭތެރޭގައި މިއޮންނަނީ އެ ވޯޓު ދޭންޖެހޭގޮތް ކަނޑައަަޅައި ނިންމާފައި. މި ޒަމާނަކީ އަނބިމީހާ ފިރިމީހާއަށްވެސް އިތުބާރު ކުރަން އުނދަގޫ ޒަމާނެއް. އެހެންވީމައި އަޅުގަނޑުމެންނަކަށް ޔަގީންކަމެއް ނޯވޭ އަޅުގަނޑުމެން ބުނާ ފަރާތަކަށް އެމީހުން ވޯޓު ދީފާނެ ކަމުގެ އެއް. އަޅުގަނޑުގެ ރަށްޓެހިންނާއިއެކު ގިނަ ފަހަރަށް ވޯޓުލާން ދަނީ މިހާރަކަށް އައިސް އެކި ރަށްޓެހިން މިތިބެނީ އެކިއެކި ސިޔާސީ ފިކުރުގައި. އެހެންވީމައި ރަށްޓެއްސަކު [ވޯޓުލުމުގައި އެހީތެރިވެދޭން] އިހުތިޔާރުކުރުމަކީވެސް ވަރަށް އުނދަގޫ ކަމެއް،"

ބައެއްގެ ހުރި ނުކުޅެދުންތެރި ކަމެއް، ލޯފަން މީހުންނަށް ނުޖެއްސުމަށް އެދި އެޖަމިއްޔާއިން މިއަދު ބުނީ، ލޯފަން މީހުންނަށް ވިޔަސް ވޯޓުލުމުގައި ނުކުޅެދުންތެރިވެގެން އުޅެނީ އެ އިންތިޒާމުތައް ހަމަޖައްސަންތިބި ބައެއްގެ ނުކުޅެދުންތެރިކަމުން އެފަދަ ވަސީލަތްތަކާއިއެކު އެ ހައްގު ކަށަވަރު ނުކޮށްދެވޭތީ ކަމަށެވެ.

އެގޮތުން އާންމު މީހަކަށް ގަލަމެއް ނެތިގެން ވޯޓުނުލެވޭހެން، ލޯފަން މީހުންގެ ފަރާތުންވެސް އެދެނީ ގަލަމުގެ އިތުރުން ބޭނުންވާ އެއްޗެއް ހުރުމުން އެ އެއްޗެއް ފޯރުކޮށްދިނުމަށް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. އަދި އެ ވަސީލަތްތައް ފޯރުކޮށްދީފިނަމަ ލޯފަން މީހުންނަކީވެސް، އާންމު މީހަކަށް ވޯޓުލެވޭހެން، ވޯޓުލެވިދާނެ މީހެއްކަން އެ ޖަމިއްޔާއިން ފާހަގަކުރިއެވެ. 

އެހެންވެ، އެޖަމިއްޔާއިން މިއަދު އެދުނީ އެ ފުރުސަތު އެފަރާތްތަކަށް ފޯރުކޮށްދިނުމަށް ހުރިހާ ފަރާތްތަކުން މަސައްކަތްކޮށްދިނުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް