ads
ގައުމީ ޔުނިވާސިޓީގެ ޖަލްސާއެއްގައި ރައީސް: ފައިލް ފޮޓޯ
ޔުނިވަސިޓީ މުވައްޒަފުންގެ ބޮޑުކުރި މުސާރަ އިއުލާނު ކުރައްވައިފި
ރާއްޖޭގެ ޔުނިވަރސިޓީތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށް އެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު އިއުލާން ކުރައްވައިފިއެވެ.

ތ ހިރިލަންދޫ ސްކޫލްގެ 71 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީއާއި، މޯލްޑިވްސް އިސްލާމިކް ޔުނިވަސިޓީއާއި މޯލްޑިވްސް ޕޮލިޓެކްނިކްގެ މުވައްޒަފުންގެ މުސާރަ މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން ބޮޑުކޮށްފައިވާ ކަމަށެވެ.

ސަރުކާރުން ކުރިންވަނީ ތައުލީމީ ދާއިރާގެ، މުސާރަތައް ބޮޑުކޮށްފައެވެ. ނަމަވެސް އެ އޮނިގަނޑުގައި ޔުނިވަސިޓީތަކުގެ މުސާރަ އެއް ނުހިމެނެއެވެ. މިއަހަރަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވި ގޮތުގައި އެންމެ އަވަހަށް އިއުލާނު ކުރެވޭނީ ޔުނިވަސިޓީ މުވައްޒަފުންގެ ބޮޑު ކުރި މުސާރައެވެ.

މިއަދު ރައީސް ވިދާޅުވީ މިމަހު އެކަކުން ފެށިގެން ޔުނިވަސިޓީގެ ލެކްޗަރާއަކަށް ގަޑިއާ ނުލައި 29900 ރުފިޔާ މިހާރު ލިބޭނެ ކަމަށެވެ. އަދި އިތުރުގަޑިއާއެކު ކުރިން ލެކްޗަރާއަކަށް ލިބެނީ 18680 ރުފިޔާކަމަށާއި މިއީ 59 އިންސައްތަ ކުރިއެރުމެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކުރިން އިތުރުގަޑިއާއެކު 20831 ރުފިޔާ ލިބުނު ސީނިއާ ލެކްޗަރާއަކަށް، އަލަށް ގެނެވުނު ބަދަލާއިއެކު އިތުރު ގަޑި ނުލައި 34000 ރުފިޔާ، ކުރިން 23500 ރުފިޔާ ލިބުނު އެސިސްޓަންޓް ޕްރޮފެސަރަކަށް މިހާރު މުސާރަ 39400 ރުފިޔާ އަދި ކުރިން 26000 ރުފިޔާ ލިބުނު އެސޯސިއޭޓް ޕްރޮފެސަރަކަށް މިހާރު 45000 ރުފިޔާ ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ކުރިން 30000 ރުފިޔާ ލިބުނު ޑީންއަކަށް ނުވަތަ ހެޑް އޮފް ސެންޓައަކަށް މިހާރު 38000 ރުފިޔާ، ރަޖިސްޓްރާގެ މުސާރަ 320000 ރުފިޔާއި އިން 420000 ރުފިޔާއަށް، ޑެޕިއުޓީ ވައިސް ޗާންސެލަރގެ މުސާރަ 39000 ރުފިޔާ އިން 48000 ރުފިޔާއަށް ބޮޑުކޮށްފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި ގެނެވުނު ބަދަލާއެކު 760 މުވައްޒަފުންގެ މުސާރަ ބޮޑުވެގެން ދިޔައިރު އަހަރެއްގެ މައްޗަށް 62 މިލިއަން ރުފިޔާ މިކަމަށް އިތުރަށް ހަރަދުވާނެކަމަށް ރައީސް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް