ސިޓީ ކައުންސިލުން ބުނީ މިއީ ހިދުމަތް ހޯދާ މީހުންނަށް ބުރަ ނުވާނެގޮތަށް ކަނޑަ އަޅާފައިވާ އަގެއް ކަމަށެވެ. އަދި ބަގީގެ ރޫޓުން ކުރާ ކޮންމެ ދަތުރަކަށް 2 ރުފިޔާ ނަގާއިރު އެމްޓީސީސީއިން ވިލިމާލޭގައި ދަތުރުކުރާ ބަސްތަކަށް ނަގަނީ 5 ރުފިޔާ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
ބަގީ ދަތުރުތަކަށް 2 ރުފިޔާ ނަގަން ނިންމި އިރުގައި، ހަ އަހަރުން ދަށުގެ ކުޑަކުދިންނާއި، 65 އަހަރުން މަތީގެ އުމުރުން ދުވަސްވީ މީހުންނާއި، އެންސްޕާގައި ރަޖިސްޓްރީ ވެފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އަދި ޔުނިފޯމްގައި ތިބޭ ސްކޫލް ކުދިންނަށް ހިލޭ ދަތުރު ކުރެވޭނެކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
އެކި ކަހަލަ މުދާ، ފޮށިގަނޑުތަކާއި، ލަގެޖް ފަދަ ތަކެތި އުފުލޭގޮތަށް ހަދާފައިވާ ދެ ބަގީ އާއި، ކުއްލި ހާލަތުގައި ބަލި މީހުން އުފުލޭނެ ބަގީއެއް ވެސް ހިދުމަތުގައި ބޭނުންކުރާނެކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
ޕްރައިވެޓް ހަޔާގެ ގޮތުގައި ނަގާ ބަގީ ދަތުރުތަކުގެ އަގު ތަފާތު ވަނެއެވެ. އެ އަގު ތަކަކީ:
- 4 ސީޓުގެ ބަގީއަކަށް 6 ރުފިޔާ.
- 6 ސީޓުގެ ބަގީއަކަށް 10 ރުފިޔާ.
- 12 ސީޓުގެ ބަގީއަކަށް 15 ރުފިޔާ.
މީގެ މަހެއްހާ ކުރިން ވިލިމާލޭގައި އެމްޓީސީސީއިން ބަސް ދަތުރު ކުރަން ފެށުމުން ސިޓީ ކައުންސިލުން ވަނީ ފުލުހުންނަށް މައްސަލަ ހުށައަޅާފައެވެ. އަދި މުއިއްޒު ކުރި ޓްވީޓެއްގައި ވިދާޅުވީ ސިޓީ ކައުންސިލުންގެ ހުއްދައެއް ހޯދުމަކާ ނުލާ ގަވައިދާ ހިލާފަށް ބަސްތަށް އެރުވިކަމަށެވެ.
ވިލިމާލޭގައި ބަގީގެ ހިދުމަތް ކުރަން 10 ބަގީ ގެނެސްފައިވާއިރު، ބަހުގެ ހިދުމަތް ދޭނެ ވަކި ތާރީހެއެއް އެނގިފައެއްނުވެއެވެ.