ads
ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް އާއި ރައީސް ސޯލިހް ކުރެއްވި ބައްދަލުވުން
ފަލަސްތީނުގެ ރައީސް އަށް ރައީސް ސޯލިހް ދެއްވީ އެކީގައި ދެމިތިބޭނެކަމުގެ ޔަގީންކަން
ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް އާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައްދަލުކުރައްވައިފި އެވެ.
Advertisement

މި ދެބޭފުޅުން ބައްދަލުވެވަޑައިގަތީ، އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ފަސް ވަނަ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން ނެވެ. 

އެބައްދަލުވުމުގެ ފޮޓޯއެއް ހިއްސާކުރައްވާ ރައީސް ސޯލިހް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފަލަސްތީނުގެ ރައީސް އާއި ބައްދަލުވުމަކީ ލިބުނު ޝަރަފަކާއި އުފަލެއް ކަމަށެވެ. އަދި ރާއްޖޭން ސަމާނުންސުރެ ފަލަސްތީނަށް ދެމުން އަންނަ އެހީތެރިކަމާއި، އެއްބާރުލުން ކުރިއަށް އޮތްތަނުގައިވެސް ދެމުންގެންދާނެ ކަމާއި، އެކީގައި ދެމިތިބޭނެ ކަމުގެ ކަށަވަރުކަން އެ ބައްދަލުވުމުގައި އަލުން ދެއްވާފައިވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. 

ރާއްޖެއިން ފަލަސްތީން އާއިއެކު ސިޔާސީ ގުޅުން ގާއިމުކުރީ 1982 ވަނަ އަހަރު އެވެ. ގަޒާއަށް އިޒްރޭލުން ދެމުންގެންދާ ހަމަލާތަކާއި ގުޅިގެން ފަލަސްތީން މިނިވަންކުރަން ގޮވާލާ ރާއްޖެއިން ފެށުނީންސުރެ އަންނަނީ އަޑުއުފުލަމުން ނެވެ. އެގޮތުން އަލްއަޤްޞާ މިސްކިތާއި އަދި ހަރަމުއްޝަރީފްގައި މިދިޔަ އަހަރުތެރޭ ހިނގި ހަމަނުޖެހުންތައް ދިވެހިރާއްޖެއިން އދގެ ސަލާމަތީ މަޖިލީހުގައި ވެސް ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. 

ސަލާމަތީ މަޖިލީހުގައި ދިވެހިރާއްޖެއިން އެފަހަރު ދިން ބަޔާނުގައި، ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރިވެރިވެފައިވާ އިސްރާއީލުގެ މީހުންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކުގެ ސަބަބުން، ފަލަސްތީން ރައްޔިތުންގެ ހައްގުތައް ގެއްލި، އެމީހުންގެ ކަރާމާތަށް އުނިކަން ލިބޭކަން ފާހަގަކުރި އެވެ. އަދި އެފަހަރު ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ސަބަބުން، ސުލްހައިގެ މަސައްކަތް އަވަސްކޮށް، ސަލާމަތީ މަޖިލީހުގެ ގަރާރުތައް ތަންފީޒުކުރުން އަވަސްކުރަން ޖެހޭކަން އެނގިގެން ދިޔަކަމަށް ފާހަގަކުރި އެވެ. 

ސަލާމަތީ މަޖިލީހުގެ ގަރާރުތަކުން، ފަލަސްތީނުގެ ބިންތައް އިސްރާއީލުން ހިފުމާއި، ހުރުމަތްތެރިވެގެންވާ ބައިތުލްމަޤްދިސް އިސްރާއީލުގެ ބާރުގެ ދަށަށް ގެންދިޔުމާއި، ޤުދުސްއަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ބަލައި، އެރަށަށް އެމްބަސީތައް ބަދަލުކުރުން ފަދަ ކަންކަމަކީ ބާތިލް އަދި ބަލައިގަންނާނެ ކަންތައްތަކެއް ނޫންކަމަށް ނިންމާފައިވާކަން ވެސް ރާއްޖެއިން ފާހަގަކުރިއެވެ. 

ހަމައެއާއެކު، 1967 ވަނަ އަހަރުގެ ފަހުން އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކަކީ އިސްރާއީލުގެ ބައެއްގެ ގޮތުގައި ބައިނަލްއަގްވާމީ މުޖްތަމައުން ބަލައި ނުގަތުމަށް ސަލާމަތީ މަޖިލީހުގެ 2334 ވަނަ ގަރާރުން ފާސްކޮށްފައިވާކަންވެސް ފާހަގަކުރި އެވެ. އަދި މި ގަރާރުތަކަށް އަމަލުކޮށް، ގަރާރުތަކަށް ގައުމުތަކުން ބޯލަނބާތޯ ސަލާމަތީ މަޖިލީހުން ކަށަވަރުކުރަން ޖެހޭނެކަމަށާއި، އެމަޖިލީހާއި މެދު އޮންނަ އިތުބާރު ބިނާވެފައިވަނީ އެކަމަށްކަމަށްވެސް ހާމަކުރި އެވެ. 

މީގެ އިތުރުން، 1967 ވަނަ އަހަރުގެ ކުރީގެ ސަރަހައްދީ އިމުގެ މައްޗަށް ބިނާވެފައިވާ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކުރުމަށާއި، އެދައުލަތުގެ ވެރިރަށަކީ އިރުމަތީ ޤުދުސްކަމަށް ހެދުމަށް ދިވެހިރާއްޖެއިން އަބަދުވެސް ތާއީދުކުރާނެކަމަށް ރާއްޖެއިން ބުނަމުން އަންނަ ބުނުން ސަލާމަތީ މަޖިލީހުގައި އެފަހަރުވެސް ވަނީ ތަކުރާރުކޮށްފަ އެވެ.

އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ގައްޒާއަށް މިދިޔަ އަހަރު ދިން ހަމަލާތަކާއި ވައިގެ ހަމަލާތަކުގެ ސަބަބުން ކުށެއްނެތް ފަލަސްތީނުގެ ގިނަ އަދަދެއްގެ އާންމުން މަރުވެ ޒަހަމްވަމުން ދިއުމުން ދިވެހި ސަރުކާރުން ވެސް އެފަހަރު ވަނީ އެކަން ކުށްވެރިކޮށް ބަޔާން ނެރެފައެވެ. 

އެފަހަރު ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ގައްޒާއާއި، އިސްރާއިލުގެ ކޯޅުމަށް ސުލްހަވެރި ހައްލެއް ލިބޭނީ، 1967 ވަނަ އަހަރުގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސް ވެރިރަށް ކަމަށް ކަނޑައަޅައި، މިނިވަން އަދި އިސްތިގުލާލު ފަލަސްތީނު ދައުލަތެއް އެކުލަވާލައިގެން، ދެ ދައުލަތެއްގެ ހައްލެއްގެ ތެރެއިން ކަމަށެވެ. 

ފަލަސްތީނުގެ ރައްޔިތުންނާއި ސަރުކާރުގެ ދިފާއުގައި ބައިނަލްއަގްވާމީ މުޖުތަމައާ ގުޅިގެން މަސައްކަތް ކުރުމަށް ވަކާލާތުކުރުމުގައި ރާއްޖޭގެ ސަރުކާރު ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ވައުދު ފަލަސްތީންގެ ސަރުކާރާއިއެކު ރާއްޖެއިން އޮތީ ވެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް