ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރެވެ. އިންޑިއާގެ ރެނާޓަސް ޕްރައިވެޓް ޕްރޮޖެކްޓްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު ސެލްވަ-ސުންދަރަމެވެ.
މި ރަސްމީއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާގެ އިތުރުން އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރުގެ އަދި އެ ކައުންސިލުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރު ވިދާޅުވެފައިވަނީ އެ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއަކީ ދެކުނުގެ ރައްޔިތުންގެ އުންމީދާ ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫއެއް ކަމަށެވެ. މި މަޝްރޫއު ނިމިގެންދާއިރު ގަން އެއާޕޯޓް ވާނީ އިންޓަނޭޝަނަލް އެއާޕޯޓެއްގައި ހުންނަން ޖެހޭ ހުރިހާ ހިދުމަތެއް ލިބޭގޮތަށް ތަރައްގީވެގެންދާ އެއާޕޯޓަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. ގައިސް ވިދާޅުވި ގޮތުގައި މިއީ އެ ކުންފުނިން އެކުލަވާފައިވާ ތަރައްގީގެ ޕްލޭނާ އެއްގޮތަށް އެންމެ މުހިންމު ކަންތައްތަކަށް ސަމާލުކަންދީގެން ކުރިއަށް ގެންދެވޭ މަޝްރޫއެއް ކަމުގައެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު:
ގަން އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަކީ ދެކުނުގެ އަތޮޅުތަކަށް އިގުތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބޮޑު ކުރިއެރުމެއް ގެނެސްދީ، މުޅި ރާއްޖޭގެ ތަރައްގީގައި އައްޑޫ ސިޓީގެ ދައުރު ފުޅާކޮށްދިނުމަށް މަގުފަހިކޮށްދޭނެ މުހިންމު މަޝްރޫއެއް ކަމަށް އިކޮނޮމިކް މިިނިސްޓްރީން މީގެކުރިން ބުނެފައިވެއެވެ. އެ މިނިސްޓްރީން ދެކޭ ގޮތުގައި މިއީ މުޅި ދުނިޔެ އާ ދެކުނުގެ އަތޮޅުތަކާ ގުޅުވާލަދޭ ނާރެހެއްގެ ގޮތުގައި ގަން އިންޓަނޭޝަލް އެއާޕޯޓް ތަރައްގީކޮށްދޭނެ އުންމީދީ މަޝްރޫއެކެވެ.