މިނިސްޓަރ އަމީރު މިހެން ވިދާޅުވީ މަތީ ތައުލީމީ ފަންނުވެރިންގެ މުސާރައަށް ގެނެވުނު ބަދަލުތަކުގެ ތަފްސީލް ދެއްވުމަށް، މިނިސްޓްރީ އޮފް ފައިނޭންސް، މިނިސްޓްރީ އޮފް ހައަރ އެޑިއުކޭޝަން އަދި ނޭޝަނަލް ޕޭ ކޮމިޝަންގެ ފަރާތުން އިއްޔެ ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެވެ.
އަމީރު ވިދާޅުވީ މުސާރައަށް ގެނެވުނު ބަދަލަށް ހަރަދުކުރާ ފައިސާ އަކީ 2023 ވަނައަހަރަށް ފާސްކުރެވުނު ދައުލަތުގެ ބަޖެޓްގައި ހިމެނިފައިވާ ފައިސާކަމަށާއި އެހެންކަމުން މިކަން ދައުލަތުގެ ބަޖެޓަށް އިތުރު ބުރައަކަށް ވެގެން ނުވާނެ ކަމަށެވެ.
މީގެއިތުރުން ދައުލަތުގެ މުވައްޒިފުންގެ މުސާރައަށް ގެނެވޭ ބަދަލުތަކަށް ހަރަދުވާ ފައިސާ ހޯދުމަށް، ދައުލަތުގެ ފަރާތުން، ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ކުރެވޭނެ ކަންތައްތަކީ ކޮބައިތޯ ބަލާ ދިރާސާކޮށް އަދި އިގްތިސާދު ފުޅާކުރުމަށް އަބަދުވެސް މަސައްކަތްކުރަމުން ގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޔުނިވަސިޓީ ފަންނުވެރިންގެ މުސާރައަށް ގެނެވުނު ބަދަލަށް މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އަމަލުކުރަން ފެށިއިރު ޖުމްލަ 327 މުވައްޒިފެއްގެ މުސާރައަށް ހެޔޮ ބަދަލެއް ގެނޭވޭނެކަމަށާއި އެއީ ގާތްގަނޑަކަށް %59 ގެ ކުރިއެރުމެއް ކަމަށްވެސް މިނިސްޓަރުވަނީ ވިދާޅުވެފައެވެ.
މި ބަދަލާއެކު، އިދާރީ މުވައްޒަފުންގެ މުސާރައަށް، މުސާރައިގެ %35 ވާވަރުގެ އެލަވަންސް އެއް އިތުރުވެގެންދާނެ ކަމަށާއި، އެހެންނަމަވެސް، ނޭޝަނަލް ޕޭ ހާމަނަައިޒޭޝަން އެއްކޮށް ނިމިގެންދާއިރު، އިދާރީ މުވައްޒިފުންގެ މުސާރަވެސް ބޮޑޮވެގެންދާނެކަމަށްވެސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ. އަދި ސަރުކާރުގެ އަމާޒަކީ ދައުލަތުގެ އިދާރީ މުވައްޒިފުންގެ މުސާރަ އެއްހަމައެއްގައި ދެވުންކަމަށާއި، މި މަސައްކަތް ނޭޝަނަލް ޕޭ ކޮމިޝަންގެ ފަރާތުން ވަރަށް ބާރަށް ކުރިއަށް އެބަދާކަމަށް ވެސް މިނިސްޓަރ އަމީރު ވަނީ ފާހަގަ ކުރައްވާފައެވެ.
ގައުމީ ޔުނިވަރސިޓީ އާއި އިސްލާމިކް ޔުނިވަރސިޓީ ގެ ޖުމްލަ 767 މުވައްޒިފެއްގެ މުސާރަ ބޮޑުވެގެންދާިއިރު، މޯލްޑިވްސް ޕޮލިޓެކްނިކްގެ 18 މުވައްޒިފެއްގެ މުސާރަ ބޮޑުވެގެންދާނެއެވެ. މިއީ މިމުވައްޒިފުންގެ މުސާރައަށް މިހާރު ކުރަމުންދާ ހަރަދުގެ އިތުރަށް މަހެއްގެ މަައްޗަށް 5.2 މިލިއަން ރުފިޔާ އަދި އަހަރެއްގެ މައްޗަށް އިތުރު 62 މިލިއަން ރުފިޔާ ގެ އިތުރު ހަރަދެކެވެ.