ads
ރައީސް ނަޝީދު އަދި އައްބާސް. ފައިލްފޮޓޯ
ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ޝަރީއަތް ލަސްވުން ބަލައެއް ނުގަނެވޭ: އައްބާސް
2021 ވަނަ އަހަރުގެ މޭ މަހު ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ބޮން ގޮއްވާލި މައްސަލައިގެ ޝަރީއަތް ލަސްވުން ބަލައި ނުގަނެވޭ ކަމަށް އެ ކަމުގެ ތަހުގީގަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވި މަންދޫބު އައްބާސް ފާއިޒު ވިދާޅުވެއްޖެއެވެ.

އައްބާސް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ޝަރީއަތް ލަސްވާތީ އެކަމުގެ ކަންބޮޑުވުން އެބަ އޮތް ކަމަށެވެ.

އިތުރަށް ވިދާޅުވީ، އެ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް މިދިޔަ ހަފުތާގައި ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާ ހުސައިން ރަޝީދާ ބައްދަލުކުރެއްވި ކަމަށާއި އެ ބައްދަލުކުރެއްވުމުގައި، ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ޝަރީއަތް ލަސްވަމުން ދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައި ވާނެ ކަމަށެވެ.

އައްބާސް ވިދާޅުވީ، އެ މައްސަލައިގެ ޝަރީއަތް ލަސްވާން ޖެހޭ ކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ރާއްޖޭގެ ޝަރުއީ އިދާރާތަކަށް ދެއްކިފައި ނުވާ ކަމަށެވެ.

އައްބާސް ކުރިން ވިދާޅުވެފައިވަނީ އެ މައްސަލައިގެ ތަހުގީގު ހިންގި ގޮތާއިމެދު ހިތްހަމަޖެހޭ ކަމަށެވެ. ނަމަވެސް ޝަރީއަތް ލަސްވުމުގެ ކަންބޮޑުވުން އޭރުވެސް އޮންނަވާ ކަމަށް ކުރިން ވިދާޅުވިއެވެ.

ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލައިގެ މައްސަލައިގައި މިހާރު ޝަރީއަތް ކުރިއަށް ދަނީ، އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އިސްހާގުގެ އިތުރަށް ތަހުމީން އަހުމަދާއި މުޖާޒް އަހްމަދާއި އަލީ ހައިޝަމާއި މުހައްމަދު ނާޒިމް އަދި ފަހުމީ އަލީގެ ބައެވެ. 

އެ އެންމެންގެ މައްޗަށް ވެސް އުފުލާފައި ވަނީ ޓެރަރިޒަމްގެ ދައުވާއެވެ. އެ އެންމެން ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް