އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން،
މި އަހަރުގެ ފުރަތަމަ މަހު ރާއްޖޭން ބޭރުކުރި ދަޅުމަހުގެ އަދަދު އިތުރުވެފައި ވީނަމަވެސް، ރާއްޖޭން ބޭރުކުރި މަހުގެ އަދަދު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދަށްވެފައެވެ.
އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މި އަހަރުގެ ޖެނުއަރީ މަހު ރާއްޖޭން ބޭރުކުރި މަހުގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދަށްވެފައިވަނީ ރާއްޖޭން ބޭރުކުރި ގަނޑުކުރި މަހުގެ އަދަދު ދަށްވުމުންނެވެ.
ފާއިތުވެދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖޭން 8889.6 މެޓްރިކް ޓަނުގެ ގަނޑުކުރި މަސް ބޭރުކޮށްފައިވާއިރު، މިދިޔަ ޖެނުއަރީ މަހު ރާއްޖޭން ބޭރުކޮށްފައިވަނީ 7360.7 މެޓްރިކް ޓަނުގެ ގަނޑުކުރި މަހެވެ. މިއީ ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 17.2 އިންސައްތަ ދަށް އަދަދެކެވެ.
މަސް ކުންފުނިތަކުން ނިމިދިޔަ ޖެނުއަރީ މަހު 8939.4 މެޓްރިކް ޓަނުގެ މަސް ގަނެފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު މަސް ގަނެފައިވާ މިންވަރާ އަޅާބަލާއިރު 1.6 އިންސައްތަ އިތުރު އަދަދެކެވެ.