އެ މަޝްވަރާ ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ޖަރުމަނުގެ ރައީސް ފްރޭންކް ވޯލްޓާ ސްޓައިންމަޔަ އާއިއެކު އިއްޔެ ބޭއްވި ބައްދަލުވުމެއްގައެވެ.
މީގެއިތުރުން ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުގެ އުފެއްދުންތަކަށް ޔޫރަޕުގައި ނަގާ ޓެރިފް ރޭޓާއި ގުޅޭގޮތުންނާއި ދިވެހިންނަށް ވިސާ ހޯދުމުގައި ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
އަދި މޫސުމަށް އަންނަ ބަދަލުތަކާއި ހަކަތައިގެ ދާއިރާއިން ހުރި ފުރުސަތުތަކާއި ގުޅޭގޮތުންނާއި ވައިގެ ދަތުރުފަތުރާއި ދަތުރުފަތުރުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ ޝައުގުވެރިކަން ދެ ބޭފުޅުން ފާޅުކުރައްވާފައެވެ.
އިއްޔެ ރައީސް ސޯލިހް، ޖަރުމަނުގެ ރައީސް ފްރޭންކް ވޯލްޓާ ސްޓައިންމަޔަ ވާހަކަފުޅު ދައްކަވަމުން ދެ ގައުމުގެ ދެމެދު ގުޅުންބަދަހި ކުރުމާގުޅޭގޮތުންނާއި ދެ ގައުމުން އިންކަންދޭ މުހިންމު ދާއިރާތަކުން އެއްބާރުލުން ދިނުމަށްވަނީ މަޝްވަރާކޮށްފައެވެ. އަދި ދެ ގައުމުގެ ރައްޔިތުންގެ ލާބައާ މަންފާއަށްޓަކައި އަދި ދެ ގައުމުގެ މަސްލަހަތު ހިމެނޭ މުހިންމު ކަންކަމުގައި ގުޅިގެން މަސައްކަތް ކުރެއްވުމުގެ ޔަގީންކަން ވަނީ އެ ދެ ބޭފުޅުން ދެއްވާފައެވެ.