
އީރާނާއި އަލުން ސިޔާސީ ގުޅުން ގާއިމްކުރަން ރާއްޖެއިން ނިންމިކަން އިއުލާނުކުރައްވާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވިޓަށް ރައްދުދެއްވާ ޝަހީދު ވިދާޅުވީ އީރާންގެ ހާލަތު ކުރިއަށްވުރެ މިހާރު ގޯސްކަމަށެވެ.
އަދި އީރާނުން އެއްވެސްކަމެއް ރަނގަޅުކުރާތަން ނުފެންނައިރު، ހާލަތު ދަނީ ދުވަހުން ދުވަހަށް ގޯސްކޮށް ކަމަށާއި މިހާރު އީރާންގައި އޮތީ އަނިޔާވެރިކަމާއި މީހުން ހައްޔަރުކުރުމާއި މީހުން މެރުމާއި ވިހަލުންކަމަށް ޝަހީދު ވިދާޅުވިއެވެ.
ޑރ ޝަހީދު ވިދާޅުވީ ރާއްޖެއަކީ އދ ގެ އިންސާނީ ހައްގުތަކާއި ހެބޭ ކައުންސިލްގެ މެމްބަރަކަށްވާއިރު، އީރާންގެ މިހާރުގެ އަމަލުތައް ހުރިގޮތުން ރާއްޖެއިން އީރާނާއި އަލުން ސިޔާސީ ގުޅުން ގާއިމްކުރުމަކީ އެކަންކަން ބަލައިގަތުން ކަމަށެވެ.
ދިވެހިރާއްޖެއިން އީރާން އަދި ގަތަރާއި ސިޔާސީ ގުޅުން ކަނޑާލީ 17 މެއި 2016 ގައެވެ. ނަމަވެސް ފަހުން ރައީސް ސޯލިހްގެ ވެރިކަމުގައި އަލުން ވަނީ ގަތަރާއި ގުޅުން ގާއިމްކޮށްފައެވެ.
ދިވެހިރާއްޖެއިން މި ދެގައިމާއި ސިޔާސީ ގުޅުން ކަނޑާލީ ސައުދީ އަރަބިއްޔާއިން ވެސް އެ ދެ ގައުމާއި ސިޔާސީ ގުޅުން ކަނޑާލި ދަނޑިވަޅުގައެވެ. އަދި ސައުދީން ފަހުން ގަތަރާއި ސުލްހަވުމުން ރާއްޖެއިންވެސް ގަތަރާއި ސިޔާސީ ގުޅުން ގާއިމް ކުރިއެވެ.
ސައުދީން މިހާރުވަނީ އީރާނާއެކު އޮތް މައްސަލަ ވާހަކަ ދައްކައިގެން ފިނިކޮށް އަލުން ދެ ގައުމު ސުލްހަ ވުމަށް ނިންމާފައެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ސައުދީއާއި އީރާން އަލުން ގުޅުމަށް ނިންމާފައިވާ ނިންމުމަށް މަރުހަބާ ކިޔާކަމަށާއި މި ދަނޑިވަޅުގައި އަލުން އީރާނާއި ސިޔާސީ ގުޅުން ގާއިމް ކުރުމަށް ރާއްޖެއިންވެސް ނިންމާފައިވާ ކަމަށެވެ.