މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ހުށަހަޅާ މައްސަލަތައް ބެލުމުގެ ގާނޫނީ ބާރު އޮންނަނީ ހައިކޯޓަށެވެ. އަމީނީމަގު ތަރައްގީ ކުރުމުގެ މަޝްރޫއު އާރުޑީސީއާ ހަވާލުކުރަން ސަރުކާރުން ހެދި އެއްބަސްވުމާއި މަގު ތަރައްގީ ކުރުމާ ގުޅޭ ކުރެހުންތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގުމުން އެ މައްސަލަ އިސްތިއުނާފް ކުރަން ހައި ކޯޓަށް ހުށަހެޅީ ޕްލޭނިން މިނިސްޓްރީންނެވެ.
މި މައްސަލައިގައި ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެ މައުލޫމާތުތައް ހޯދަން އެދުމުން އެ ހާމަ ނުކުރެވޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފައި ވިޔަސް، އެގޮތަށް ބުނެފައިވަނީ މައުލޫމާތު ނުދެވޭނެ ގާނޫނީ ކޮން ސަބަބެއް އޮވެގެންކަން އެ މިނިސްޓްރީއަށް ބުނެދެވިފައިނުވާ ކަމަށެވެ.
އަދި ސަބަބު ބަޔާން ކުރުމެއް ނެތި މައުލޫމާތު ދޭން ދެކޮޅު ހެދުމަށްފަހު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެ މައްސަލަ ބަލަން ފެށުމުން އާ ސަބަބުތަކެއް ނުދެއްކޭނެ ކަމަށް ހައިކޯޓުން ކަނޑައެޅިއެވެ. އެގޮތަށް އަމަލު ކުރާނަމަ ގާނޫނުގައި ބުނާ އިސްތިއުނާފްގެ ފުރުސަތު ގެއްލިގެންދާ ކަމަށް ހުކުމުގައިވެ އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނިންމުމަށް ހައި ކޯޓުން ތާއީދުކުރީ އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަފީއު އެވެ.