ads
މަޖިލިސް ޖަލްސާއެއްގައި އިންތި
އެމްޑީޕީ މިހާރު އޮތީ ކޮރަޕްޝަނުގެ ވާހަކަދެއްކޭ މަގާމެއްގައެއް ނޫން: އިންތި
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕ) މިހާރު އޮތީ ކޮރަޕްޝަނުގެ ވާހަކަ ދެއްކޭފަދަ މަގާމެއްގައި ނޫންކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

އިންތި މިއަދު މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ބެލުމުގެ ކަންކަން ދިޔައީ 'ސުމަކަށް' ކަމަށް ވިދާޅުވެ މަޖިލީހުގައި ބަހުސްކުރައްވަމުންނެވެ. 

އިންތި ވިދާޅުވީ އެމްޑީޕީން ވެރިކަމާއި ހަވާލުވިއިރު ވީ އެންމެ ބޮޑު ވައުދަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބެލުންކަމަށެވެ. ނަމަވެސް އެމްޑީޕީއަށް ދައުލަތުގެ ހުރިހާ ބާރެއް ލިބިފައި އޮތްއިރުވެސް މި މައްސަލަ ނުބެލުނުކަމަށް އިންތި ވިދާޅުވިއެވެ. 

"ކޮރަޕްޝަނާ ދެކޮޅަށް އެކަށީގެންވާވަރާ ގާތަކަށް ވެސް އަޅުގަނޑުމެންނަށް މި ސަރުކާރު އޮވެގެން އެކަމެއް ނުކުރެވުނު. އަޅުގަނޑުމެން ވީ އެންމެ ބޮޑު ވައުދަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބެލުން. ހަމަ ސުމަކަށް ދިޔައީ،" މިއަދު ރައްޔިތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ އެމްޑީޕީއަކީ މީގެ ކުރިން ކޮރަޕްޝަނުގެ ވާހަކަ ދެއްކުމުގެ މަގާމުގައި އޮތް ބައެއް ކަމަށެވެ. ނަމަވެސް މިހާރު އެވާހަކަ އެމްޑީޕީއަށް ދެއްކެން ނެތްކަމަށެވެ. 

"އެމްޑީޕީއަކީ ކުރިން ކޮރަޕްޝަނުގެ ވާހަކަ ދެއްކޭ މަގާމުގައި އޮތްބައެއް. އެމްޑީޕީއަކީ ވަރަށް ބޮޑަށް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރި ބައެއް. ކޮރަޕްޝަނުގެ ތުހުމަތު އެޅުމާ ވަރަށް ދުރު ޕާޓީއެއްގެ ގޮތުގަ ގިނަ ބަޔަކަށް ގަބޫލުކުރެވިފަ އޮތީ،"

އިންތި ވިދާޅުވީ އެހެން ނަމަވެސް ހިތާމައަކީ ކޮރަޕްޝަނުގެ ވާހަކަ ދެއްކުން ހުއްޓުވި ސަރުކާރަކަށް އެމްޑީޕީގެ ސަރުކާރުވެފައިވާކަމަށެވެ. 

އެމްއެމްޕީއާރުސީ ކޮރަޕްޝަނަކީ ކޮބާ؟

ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި ދިވެހިރާއްޖޭގެ ގިނައަދަދެއްގެ ރަށްތަކާ ފަޅުތައް ނުއަގުގައި ކުއްޔައް ދީގެން އެ ތަންތަނުން ދައުލަތަށް ލިބެންޖެހޭ ފައިސާ ވަނީ ބައެއް އަމިއްލަ މީހުންގެ އެކައުންޓުތަކަށް ވައްދާފައެވެ. މިގޮތުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އަދަދު 40 ބިލިއަން ރުފިޔާއަށްވުރެ މަތިވުމަކީ ވެސް އެކަށީގެންވާކަމެއް ކަމަށް ކުރިން އޭސީސީން ބޭއްވި ބައްދަލުވުމެއްގައި ވަނީ ބުނެފައެވެ. 

މި ހިޔާނާތުގައި ބައިވެރިވުމުގެ ކުށް ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމިން މިހާރު ހުންނެވީ ޖަލުގައި ބަންދުކޮށްފައެވެ. 

ކްރިމިނަލް ކޯޓުގެ ހުކުމުގައި ވާގޮތުން ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތަށް އެއް މިލިއަން ޑޮލަރު ނަގައި އެ ފައިސާ އެޗްއެސްބީސީ އަށް ޖަމާކޮށް އަދި އިތުރު ފައިސާއާ އެކު ބޭންކް އޮފް މޯލްޑިވްސް އަށް ޖަމާކުރުމަށް ފަހު އަނެއްކާ ވެސް އިތުރު ފައިސާއާ އެކު އިސްލާމިކް ބޭންކުގައި އޮތް ޔާމީންގެ އެކައުންޓަކަށް ފެބްރުއަރީ 21، 2017 ގައި ޖުމްލަ 1،295،000 ޑޮލަރު ވަނީ ޖަމާކޮށްފަ އެވެ. 

އަދި އޭގެ ފަހުން ހަމަ އެ ބޭންކުގައި އޮތް އިންވެސްޓްމަންޓް އެކައުންޓަކަށް މާޗް 14، 2021 ގައި އިތުރު ފައިސާއާ އެކު ޖުމްލަ 3،413،230 ޑޮލަރު ވަނީ 36 މަސް ދުވަހުގެ މުއްދަތަށް އިންވެސްޓްކޮށްފަ އެވެ.

ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި ހިމެނޭ 3،413،230 ޑޮލަރު (53 މިލިއަން ރުފިޔާ) ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ކްރިމިނލް ކޯޓުން ކުރި ހުކުމް، ޔާމީންގެ ފަރާތުން ހައިކޯޓުގައި މިހާރު ވަނީ އިސްތިއުނާފު ކޮށްފައެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް