ads
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް---ފޮޓޯ: ވަން އޮންލައިން
ސީޕްލޭން ޓާމިނަލް ހިންގުމުގެ ގާބިލުކަން އެމްއޭސީއެލްގައި އެބަހުރި: ފައްޔާޒް
އާ ސީޕްލޭން ޓާމިނަލް ހިންގުމުގެ ގާބިލްކަން އެމްއޭސީއެލްގައި އެބަ ހުރި ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލު ވިދާޅުވެއްޖެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ހަދަމުންދާ އާ ސީޕްލޭން ޓާމިނަލް ހިންގުމުގެ ގާބިލްކަން ވީއައިއޭ ހިންގަމުން ގެންދާ ކުންފުނި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގައި އެބަހުރި ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ފައްޔާޒު މިފަދަ ޔަގީން ކަމެއް އެމްއޭސީއެލްއާއި ދޭތެރޭގައި އޮތްކަން ހާމަކުރައްވާފައި މިވަނީ އެމްއޭސީއެލް އިން ހަދަމުންދާ އާ ސީޕްލޭން ޓާމިނަލް ކުއްޔަށް ދޫކުރުމަށް އެމްއޭސީއެލް އިން މިހާރު ނިންމާފައިވާ ނިންމުމާ އެއްގޮތަށް އަމަލުކުރުން ހުއްޓުވައިދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މައްސަލައެއް ހުށަހަޅާފައިވާ ވަގުތެއްގަ އެވެ.

މިނިސްޓަރު ފައްޔާޒު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ ޖީއެމްއާރު އަތުން އެއާޕޯޓު ނެގީ އެއާޕޯޓް ތަރައްގީކުރުމާއި ހިންގުމުގެ ފުރިހަމަ ގާބިލުކަން އެމްއޭސީއެލްގައި ހުރުމުން ކަމަށެވެ. އެހެންކަމުން ކުޑަކުޑަ ސީޕްލޭން ޓާމިނަލެއް ހިންގައިލުމުގެ ފުރިހަމަ ގާބިލުކަން އެމްއޭސީއެލްއަށް ލިބިފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އެތަން ރަނގަޅަށް އެކުންފުނިން ހިންގާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށާއި، އެކުންފުނިން ކުރިއަށްދާނީ އެއްބަސްވުންތަކަށް އިހުތިރާމުކޮށްގެން ކަމަށްވެސް ފައްޔާޒް ވަނީ ވިދާޅުވެފަ އެވެ.


ވީއައިއޭ ތަރައްގީކުރުމުގެ ބިޔަ މަޝްރޫއުގެ ތެރޭގައި ހިމެނޭ އެއް މަސައްކަތަކީ އާ ސީޕްލޭން ޓާމިނަލެއް ހެދުމެވެ. މިޓާމިނަލް ހެދުމަށް 55 މިލިއަން ޑޮލަރު ނުވަތަ 849 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް އެމްއޭސީއެލް އިން ލަފާކުރެ އެވެ.

މިހާ ބޮޑު އަދަދެއް ހަރަދުކޮށްގެން އާ ސީޕްލޭން ޓާމިނަލް ހެދުމަށްފަހު އެމްއޭސީއެލް އިން އެންމެ ފުރަތަމަ ނިންމީ މިހާރުގެ މާކެޓް އަގަށް ވުރެ ކުޑަ އަގެއްގައި އާ ޓާމިނަލް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އަށް ކުއްޔަށް ދިނުމަށެވެ.

ނަމަވެސް އެމްއޭސީއެލްގެ މި ނިންމުން ކޮންމެވެސް ގޮތަކުން ހާމަވެ މައްސަލަ ހޫނުވުމުން އެމްއޭސީއެލް އިން މިހާރު ބުނަނީ ސީޕްލޭން އޮޕަރޭޓަރުން އަމިއްލައަށް ޓާމިނަލް ހިންގަން ގިނަވެގެން ކުއްޔަށް ދޫކުރާނީ ތިން އަހަރަށް ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި މަރުހަލާތަކަކަށް ބަހާލައިގެން އާ ޓާމިނަލްގެ އެކިއެކި ކަންކަމާއި އެމްއޭސީއެލް އިން ހަވާލުވާނެ ކަމަށްވެސް އެކުންފުނިން މިހާރު ދަނީ ބުނަމުންނެވެ.

އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ކުއްޔަށް ދިނުމަށް އެމްއޭސީއެލް އިން މަސައްކަތް ކުރުމުން ރައްޔިތުންގެ މަޖިލީހުން ވަނީ މިކަމާ ހާއްސަ އޮޑިޓެއް، އޮޑިޓް އޮފީސް މެދުވެރިކޮށް ހަދާފަ އެވެ. އަދި ހާމަކޮށްފައި ނުވާ މި އޮޑިޓް ރިޕޯޓްގައިވާ ގޮތުން އެމްއޭސީއެލް އިން މިހާރަށް ވުރެ ކުޑަ އަގެއްގައި ޓީއެމްއޭއަށް އާ ޓާމިނަލް ކުއްޔަށް ދީފިނަމަ އެމްއޭސީއެލް އަށް އަހަރަކު ކުލީގެ ގޮތުގައި ލިބޭނީ 5.6 މިލިއަން ޑޮލަރު ނުވަތަ 86.5 މިލިއަން ރުފިޔާ އެވެ.

ނަމަވެސް އެމްއޭސީއެލް އިން އެތަން ހިންގުމާ ހަވާލުވެ ޓާމިނަލްގެ ތެރޭގައި ހުންނަ އޮފީސްތަކާއި ލައުންޖުތައް ކުއްޔަށް ދީފިނަމަ އެމްއޭސީއެލް އަށް އަހަރަކު 47 މިލިއަން ޑޮލަރު ނުވަތަ 726 މިލިއަން ރުފިޔާ ލިބޭނެ ކަަމަށް އޮޑިޓްގައި ފާހަގަކޮށްފައިވެ އެވެ.

އޮޑިޓް އޮފީހުގެ ހާއްސަ އޮޑިޓަށް ރިއާޔަތްކޮށް އޭސީސީއަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އެމްއޭސީއެލް އިން ނިންމާފައިވާ ގޮތަށް ޓީއެމްއޭ އަށް އާ ސީޕްލޭން ޓާމިނަލް ކުއްޔަށް ދީފިނަމަ އެތަނުން އަހަރަކު 41 މިލިއަން ޑޮލަރު ނުވަތަ 632 ރުފިޔާގެ އާމްދަނީއެއް އެމްއޭސީއެލް އަށް ގެއްލޭނެ ކަމަށެވެ. އެހެންކަމުން މިއީ ބޮޑު ހިޔާނާތެއް ކަމަށް ފެންނާތީ މިކަން ހުއްޓުވައި ދިނުމަށްވެސް މައްސަލައިގައި އެދިފައިވެ އެވެ.

އެމްއޭސީއެލް އިން އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ކުއްޔަށް ދޭން މަސައްކަތް ކުރާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން އެމްއޭސީއެލް އިން މިމައްސަލައިގައި ސާފު މައުލޫމާތުތަކެއް އަދި ހާމައެއް ނުކުރެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް