ads
ރައީސް ސޯލިހު: އޮޑިހަރުގެއެއްގެ ޒަމާނީ ފަރުމާއަށް ތަރައްގީކޮށްފައިވާ ފަރެސްމާތޮޑާ އެއާޕޯޓުގެ ޓާމިނަލުން ދިވެހިވަންތަކަން ސިފަވެެގެންދާ ކަމަށް ވިދާޅުވި - ފޮޓޯ:ރައީސް އޮފީސް
ފަރެސްމާތޮޑާ އެއާޕޯޓުގެ ޓާމިނަލުން ދިވެހިވަންތަކަން ސިފަވެެގެންދޭ: ރައީސް
އޮޑިހަރުގެއެއްގެ ޒަމާނީ ފަރުމާއަށް ތަރައްގީކޮށްފައިވާ ފަރެސްމާތޮޑާ އެއާޕޯޓުގެ ޓާމިނަލުން ދިވެހިވަންތަކަން ސިފަވެެގެންދާ ކަމަށް ވިދާޅުވެ އެ އެއާޕޯޓުގެ ފަރުމާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ތައުރީފުކުރައްވައިފިއެވެ.

ފަރެސްމާތޮޑާ އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ އެއާޕޯޓުން ސިފަކޮށްދެނީ ރާއްޖޭގެ ޖަޒީރާއެއްގެ މަލަމަތި ކަމަށެވެ.

"ދިވެހިންގެ އިހު ޒަމާނުގެ ކަނޑުމަތީ ސަވާރީއަކީ، ހޭޅިފަށުގައި ހުންނަ އޮޑިހަރުގެތަކުގެ ކަމަޅިމަތީ ފަށަން ދަމާލައިގެން ބަންނަ އޮޑިދޯނިފަހަރު. މިއަދު އަޅުގަނޑުމެންގެ އާންމު ދަތުރުފަތުރުގައި ބޭނުންކުރާ ވައިގެ ބަނދަރެއް، އެފަދަ އޮޑިހަރުގެއެއްގެ ޒަމާނީ ފަރުމާ އާ ބުގިސްވެގެން އުފެއްދުނުއިރު ދިވެހިވަންތަކަން ކިތަންމެ ރަނގަޅަކަށް ވެސް ސިފަވެގެން އެބަދޭ،" ރައީސް ވިދާޅުވިއެވެ.

އެތައް ގޮތަކުން، ވަރަށް ގިނަ ތަފާތުތައް އެ އެއާޕޯޓުން ފެނިވަޑައިގަންނަވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެއާޕޯޓުން ދަތުރުވެރިންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ ފުރާ މީހުން ބޯޓަށް އަރާ މަންޒަރު ފެނުމަކީ އާއިލާތަކަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

އެއާޕޯޓުގެ ޓާމިނަލް އިމާރާތް ތިމާވެށްޓާ ވަރަށް ރައްޓެހި ކަމަށާއި ދުވާލުގެ ވަގުތުގައި ގުދުރަތީ އަލިކަން ލިބޭ ގޮތަށް ހުރުމުން، ކަރަންޓުގެ ހަރަދު ވަރަށް ބޮޑުތަން ކުޑަވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި އިމާރާތުގެ މެދުގައި ހުރި ބަގީޗާ އާއި ތަނުގެ ވައި ދައުރުވާ ނިޒާމުން، ދަތުރުވެރިންނަށް ހިތްފަސޭހަކަމާއި އުފާވެރިކަން ލިބިގެންދާނެ ކަމުގައެވެ.

your imageރައީސް ސޯލިހު: އެތައް ގޮތަކުން، ވަރަށް ގިނަ ތަފާތުތައް ފަރެސްމާތޮޑާ އެއާޕޯޓުން ފެނިވަޑައިގަންނަވާކަން ފާހަގަކުރެއްވި - ފޮޓޯ:ރައީސް އޮފީސް

ރައީސްގެ ވާހަކަފުޅުގައި ވަނީ ފަރެސްމާތޮޑާ އެއާޕޯޓު ޑިޒައިން ކުރެއްވި ޕްލޭނިން މިނިސްޓްރީގެ ބޭފުޅުންގެ އިތުރުން އިންޖިނިއަރިންގެ މަސައްކަތް ކުރެއްވި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ފަރެސްމާތޮޑާ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ އެމްޓީސީސީގެ ފަރާތުންނެވެ. އެ ކުންފުނިން ބުނެފައިވަނީ 136.68 މިލިއަން ރުފިޔާގެ އެ މަޝްރޫއުގައި 7،543 އަކަމީޓަރުގެ ޝޯލްޑަ ރަންވޭއަކާއި އޭޕްރަންއަކާއި ޓެކްސީވޭއަކާއި އަލިފާން ނިއްވާ ހިިދުމަތް ގާއިމު ކުރުމާއި ނެރު ބައްތި ހަރުކުރުމުގެ އިތުރުން 3.40 ކިލޯމީޓަރުގެ ބައުންޑަރީ އެންޑް ސެކިއުރިޓީ ފެންސެއް ޖެހުމާއި އަލިފާން ނިއްވާ އިމާރާތެއް ހެދުމާ އަދި ޕަސެންޖަ ޓާމިނަލެއް ހެދުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް