
ޕަންޖާބު އަދި ބޮލީވުޑްގެ އެކްޓަރު އަމާން ދަލިވާލް އަށް ވަޅިން ހަމަލާދީފައިވަނީ އެމެރިކާގެ ޖިމެއްގައި ކަސްރަތު ކުރަމުން ދަނިކޮށެވެ.
މި ހަަމަލާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު އެ ވީޑިއޯއިން ފެންނަނީ އަމާން ޖިމްގައި ހުއްޓާ ކޯރާޑީއެއް ހިފައިގެން ގޮން އޭނާއަށް ހަމަލާ ދޭން މަސައްކަތް ކުރާ މަންޒަރެވެ. ހަމަލާދޭން އުޅޭ މީހާގެ އަތާއި ކޯރާޑިއާ އެއްކޮށް ހިފެހެއްޓުމުން އޭނާގެ އަނެއް އަތުން ވަޅިއެއް ނަގައެވެ.
މި ހަމަލާގައި އެކްޓަރުގެ ބޮލުގެ ނާށިގަނޑަށް ވެސް ވަނީ އަނިޔާތަކެއް ލިބިފައެވެ. އޭނާ މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާހޯދަމުންނެވެ.
ހާދިސާ ހިނގާފައިވަނީ އެމެރިކާގެ 3685 ގްރޭންޑް އޯކްސްގައި ހުންނަ ޕްލެނެޓް ފިޓްނަސް ޖިމްގައި ރޭ އެމެރިކާ ގަޑިން 9.20 ހާއިރު އެވެ.
އަމާން ދަލިވާލަކީ ޕަންޖާބީ ފިލްމީ ދާއިރާގައި މަޝްހޫރު ނަމެކެވެ. އޭނާ ވަނީ "އިކް ކުދީ ޕަންޖާބް ދީ" ، "އައްޖު ދޭ ރަންޖޭ" ފަދަ ފިލްމުތަކުގައި މަސައްކަތްކޮށްފައެވެ.
ބޮލީވުޑްގައި އޭނާގެ ބޮޑަށް މަޝްހޫރުވީ ރިތިކް ރޯޝަން އާއި އައިޝްވާރިޔާ ރާއީ ބައްޗަން ހިމެނޭ ޖޯޑާ އަކްބަރު ކުޅެގެންނެވެ. ފިލްމު "ބިގް ބްރަދާ" އިން ވެސް އޭނާ ފެނިގެން ދިޔަ އެވެ. މީގެ ކުރިން އޭނާ ވަނީ "އިޝްގް ކާ ރަންގް ސަފެދު" ، "ޕޯރަސް" އަދި "ވިގްނަހަރްތާ ގަނޭޝް" ފަދަ ޓީވީ ޝޯތައް ވެސް ޕްރެޒެންޓުކޮށްފައެވެ. މުނިފޫހިފިލުވުމުގެ ދާއިރާއިން އޭނާގެ ކެރިއަރު ފެށީ މޮޑެލްކުރުމުންނެވެ.