ads
އީރާންގެ ހަތިޔާރުތަކެއް
ހޫތީންނަށް ހަތިޔާރު ފޯރުކޮށްދިނުން އީރާނުން ހުއްޓާލައިފި
ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނަށް ހަތިޔާރު ފޯރުކޮށްދިނުން އީރާނުން ހުއްޓާލައިފިއެވެ.
Advertisement

ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނަކީ ސައުދޫ އަރަބިއްޔާގެ މަސްލަހަތުތަކަށް ހަމަލާދެމުން ގެންދާ ހަނގުރާމަވެރި ގުރޫޕެކެވެ. މި ޖަމާއަތަށް ހަތިޔާރު ފޯރުކޮށް ދޭކަމުގެ ތުހުމަތު އަބަދުވެސް އީރާނަށް ކުރެއެވެ.

ވޯލްޑްސްޓްރީޓް ޖާނަލްއިން ބުނީ، ސައުދީއާއި އީރާނުން އަލުން ގުޅުން ގާއިމްކުރަން ވެވުނު އެއްބަސްވުމުގެ ދަށުން އީރާނުން ހޫތީންނަށް ހަތިޔާރު ފޯރުކޮށްދިނުން މިހާރު ހުއްޓާލާފައިވާ ކަމަށެވެ. އެގޮތުން ހޫތީންނަށް ދިނުމަށް އީރާނުން އެންމެ ފަހުން ތައްޔާރު ކުރަމުންދިޔަ ހަތިޔާރު ޝިޕްމަންޓްވެސް މިހާރު ނުފޮނުވާ ހިފަހައްޓާފައިވާކަމަށް އެ ރިޕޯޓްގައި ވެއެވެ.

ސައުދީއާއި އީރާނުން ގުޅުން ކަނޑާލީ ސައުދީގެ ޝީއީ އިލްމުވެރިޔާ ނިމްރު ބާގިރު އަލް ނިމްރުގެ މައްޗަށް ސައުދީން މަރުގެ ހުކުމް ތަންފީޒު ކުރުމުން އުފެދުނު މައްސަލަގަނޑުގެ ތެރޭގައެވެ. އީރާނަކީ ޝިއައީ މެޖޯރިޓީ އޮންނަ އަދި ޝިއައީންގެ ކޮންޓްރޯލް އޮންނަ ގައުމެކެވެ.

ނިމްރު އަކީ ސައުދީގައި ޝިޔައީންނަށް ފުރުސަތު ނެތްކަމަށް ބުނެ ވަކާލާތު ކުރަމުން ގެންދިޔަ ޝިއައީ އިލްމުވެރިއެކެވެ. އީރާނުން ގެންދިޔައީ ނިމްރުއަށް ތާއީދު ކުރަމުންނެވެ. ސައުދީ އަސްކަރިއްޔާއާއި ދެކޮޅަށް މަސައްކަތް ކުރުމާއި ވެރިންނަށް ނުކިޔަމަންތެރިވުމުގެ ކުށުގައި ސްޕްރީމް ކޯޓުން މަރުގެ ހުކުމެއް އިއްވުމުން ނިމްރު މަރާލާފައިވަނީ 2016 ވަނަ އަހަރުގެ ކުރީކޮޅު އެވެ. އެއާއިއެކު އީރާންގައި ސައުދީއާއި ދެކޮޅަށް އެއްވުންތައް ބާއްވާ ސައުދީއަށް އިންޒާރު ދެމުން ގެންދިޔައެވެ.

އެންމެ ފަހުން ހަމަނުޖެހުންތައް ބޮޑުވެ އީރާންގައި ހުންނަ ސައުދީ އެމްބަސީގައި އަލިފާން ރޯކޮށްލިއެވެ. އެއާއިއެކު އެމްބަސީ ބަންދުކޮށް ސައުދީން ވަނީ އީރާނާ ގުޅުން ކަނޑާލާފައެވެ. ނަމަވެސް ޗައިނާ މެދުވެރިއެއްގެ ރޯލުކުޅެ، ދެ ގައުމުންވެސް އެއް ގައުމު އަނެއް ގައުމުގެ ދާހިލީ ކަންކަމުގެ ތެރެއަށް ނުވަނުމަށް ނިންމާ، ސައުދީއާއި އީރާން އެއްގަލަކަށް އެރިކަން އިއުލާނުކުރީ އިއްޔެ އެވެ. އެއާއިކު ދުނިޔޭގެ ގައުމުތަކުން ގެންދަނީ ސައުދީއާއި އީރާނުގެ ނިންމުމަށް މަރުހަބާ ކިޔަމުންނެވެ.

83%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް