އަރަބިއްޔާ ސްކޫލް ޔުނީފޯމް ކޯޑުގައި، އެ ސްކޫލްގެ ދަރިވަރުން ބުރުގާ އަޅަން ޖެހުނު ނަމަވެސް މޫނު ބުރުގާ އަޅާކަން ނުޖެހެއެވެ. ނަމަވެސް އެ ސްކޫލްގެ ދިހަ ވަރަކަށް ދަރިވަރުން ސްކޫލަށް ދާއިރު މޫނު ބުރުގާ އަޅާކަމުގެ މައުލޫމާތު ލިބެއެވެ.
ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލް ޔުނީފޯމް ކޯޑާ އެއްގޮތަށް ޔުނީފޯމް އެޅުމަށާއި އެކަން ތަންފީޒު ކުރުމަށް ސްކޫލަށް އަންގާފައެވެ. އަދި ސްކޫލުން ވަނީ މޫނުބުރުގާ އަޅާ ދަރިވަރުން ހާޒިރުކޮށް އެގޮތަށް އެކަން ނުކުރުމަށްވެސް އަންގާފައެވެ.
ސްކޫލްގެ އެންގުމާ ގުޅިގެން ބައެއް ބެލެނިވެރިންވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ސްކޫލްގެ އެ އަމަލަކީ ދަރިވަރުންނަށް ބިރުދެއްކުމުގެ އަމަލެއްކަމަށް ބެލެނިވެރިން ބުނެއެވެ.
ބައެއް ބެލެނިވެރިން ބުނީ އެޑިއުކޭޝަންގެ އެންގުމާ ގުޅިގެން ސްކޫލުން ނިންމާފައިވާ ނިންމުން ބަލައި ނުގަންނަ ކަމަށެވެ.