ads
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު
އަހަރަކު 500 މީހުން މަސްތުވާތަކެތި އިތުރަށް ބޭނުންކުރޭ
މިހާތަނަށް އެއްކުރެވިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އަހަރަކު ގާތްގަނޑަކަށް 400 – 500 މީހުން މުޅިން އަލަށް މަސްތުވާތަކެތި ބޭނުންކުރަން ފަށާކަމަށް ހިސާބުތަކުން ދައްކާ ކަމަށް، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ޕޮލިސް ކޮމިޝަނަރު ވިދާޅުވީ، މިއީ ހަމައެކަނި ޕޮލިސް އިންޓަރެކްޝަން އިން އިނގޭ މިންވަރުކަމަށާއި، މި ނޫނަސް ފުލުހުންނަށް ނޭނގި، އެތަކެއްބަޔަކު މުޅިން އަލަށް ކޮންމެވެސް ބާވަތެއްގެ މަސްތުވާއެއްޗެއް ބޭނުންކުރަމުން އަންނަކަމަށެވެ. 

އަދި މިއާއިއެކު، މަސްތުވާތަތެކެތީގެ ޑިމާންޑް ބޮޑުވެ، އެ ޑިމާންޑާއި އެއްވަރަށް ސަޕްލައި އިތުރުކުރަން، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުން ކުރާ މަސައްކަތުގެ ނަތީޖާއަކަށް ވަނީ، އަހަރުންއަހަރަށް ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތި އިތުރުވުންކަމަށް ވެސް ޕޮލިސް ކޮމިޝަނަރު ފާހަގަ ކުރައްވައިފައިވެއެވެ.

ފުުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް މަސްތުވާތަކެތީގެ 368 މައްސަލައެއް ހުށަހެޅިފައިވެއެވެ. އަދި ނިމިދިޔަ 2022 ވަނައަހަރުގެ ނިޔަލަށް ޖުމްލަ 4321 މައްސަލައެއް ހުށަހެޅިފައިވާއިރު، ޖުމްލަ 205.601 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވެއެވެ.

މީގެ ކުރިންވެސް، ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ހުރި ނުރައްކާތަކުގެ ވާހަކަތައް ހިއްސާކުރަމުން، ބައެއްފަހަރު، ބޭރުގެ ނެޓްވޯކްތަކަށް ރަހުނެއްގެ ގޮތުގައި ދިވެހިން ބަހައްޓަމުން އަންނަކަމަށާއި، އެތަނުން ބައެއްމީހުންނަށް އަނބުރާ ރާއްޖެ ނާދެވި، ފުރާނައަށް ނުރައްކާވާ މިންވަރަށްވެސް ކަންތައްތައްދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މައުލޫމާތު ލިބޭކަމަށްވެސް ޕޮލިސް ކޮމިޝަނަރު ބުނެފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް