
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ހަމީދު ރޭ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވިދާޅުވީ ހައްޖާއި އުމްރާއަށް މީހުން ގެންދާއިރު ބައެއް މީހުންނަށްވެސް ހުރެވޭ ތަން ނޭގުމުގެ ސަބަބަބުން އެމީހުން ހޯދަންޖެހޭ ހާލަތްތައްވެސް މަދުން ނަމަވެސް ކުރިމަތިވަމުން އަންނަކަމަށެވެ.
އިސްމާއީލް ވިދާޅުވީ މީހުން ގެއްލޭ ބައެއް ހާލަތްތަކުގައި މީހުން ހޯދުމަށް ދަތިތަކެއް ދިމާވާކަމަށެވެ. އެގޮތުން ހައްޖު މޫސުންފަދަ ހަރަމްފުޅުގައި މީހުން ގިނަ ދުވަސްވަރު، މީހުން ގެއްލުމުގެ މައްސަލަ ދިމާވެ އެމީހާ ހޯދުމަށް ދަތިތަކާ ކުރިމަތިވާކަމަށް އިސްމާއީލް ވިދާޅުވިއެވެ.
މީހުން ގެއްލޭ މައްސަލަ މަދުކުރުމަށް އަދި ހުރެވޭތަނެއް ނޭންގުމުގެ ސަބަބުން ހޯދަން ޖެހޭ މީހުހުން ފަސޭހައިން ހޯދުމުގެ ބޭނުމުގައި ލޮކޭޓިން ޑިވައިސް ބޭނުންކުރުމަށް ނިންމާފައިވާކަމަށާއި މިއަހަރު ހައްޖު މޫސުމުގައި އެ ޑިވައިސް އެންމެ ބޭނުންވާ މީހުންނަށް ދޭނެކަމަށް އިސްމާއީލް ވިދާޅުވިއެވެ.
ރާއްޖެއިން ކޮންމެ އަހަރަކުވެސް އެންމެ ގިނައި މީހުން ހައްޖަށް ގެންދަނީ ހައްޖު ކޯޕަރޭޝަނުންނެވެ. އެކޯޕަރޭޝަނުން ބުނިގޮތުގައި، ހައްޖަށް ދިއުމަށް މިހާރުވެސް 4000 އަށް ވުރެ ގިނަ މީހުން ކިއުގައި އެބަތިއްބެވެ.
ރާއްޖެއިން މިއަހަރު މީހުން ހައްޖަށް ގެންދިއުމަށް ސައުދީ އަރަބިއްޔާއިން 1000 ކޯޓާ ދީފައިވާއިރު، އިތުރު 2500 ހައްޖު ކޯޓާ ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.