ކުޅިބަލަން ސްޓޭޑިއަމްގައި އިން މީހެއްގެ ފޯނުން ރިކޯޑްކޮށްފައިވާ ވީޑިއޯ ބަލައިގެން ގޯލެއް ގަބޫލު ނުކުރި ރެފްރީއަކީ މިސްރުގެ ރެފްރީއެކެވެ.
މި ހާދިސާއަކީ މިދިޔަ ހުކުރު ދުވަހު މިސްރުގެ ދެވަނަ ޑިވިޝަނުގައި ކުޅުނު މެޗެއްގެ ތެރޭގައި ހިނގި ހާދިސާއެކެވެ.
ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މެޗުގައި ހޯމް ޓީމުގެ ސަޕޯޓަރުން، އިދިކޮޅު ކުޅުންތެރިއެއް ޖެހި ގޯލަކީ ހޭންޑް ބޯލެއް ކަމަށް ބުނެ ޝަކުވާ ކުރުމުން، ރެފްރީ ނިންމީ ކުޅި ބަލަން އިން މީހެއްގެ ފޯނުން ރެކޯޑްކޮށްފައިވާ ވީޑިއޯ ބެލުމަށް ފަހު އެކަމާމެދު ގޮތެއް ނިންމާށެވެ.
ވީޑިއޯ އެސިސްޓެންޓް ރެފްރީ-—އޭއާރު ބޭނުން ނުކުރާ މި ލީގުގައި، ރެފްރީ ވީއޭއާރުގެ ގޮތުގައި ބޭނުންކުރީ ކުޅިބަލާ މީހަކު ރެކޯޑްކޮށްފައިވާ ވީޑިއޯއެވެ. އަދި ވީޑިއޯ ބެލުމަށް ފަހު ރެފްރީ ނިންމީ އިދިކޮޅު ޓީމުން ޖެހި ލަނޑު ބަލައި ނުގަންނާށެވެ.
ހޯމް ޓީމުން އެދުނު ގޮތަށް އިދިކޮޅު ޓީމުން ޖެހި ލަނޑު ރެފްރީ ބަލައި ނުގަތް ނަމަވެސް އިތުރު ދެ ލަނޑު ފަހުން ޖަހައި، އިދިކޮޅު ޓީމު އެ މެޗުން މޮޅުވީ ތިން ލަނޑު އެއް ލަނޑުންނެވެ. އަދި ދަނޑުގެ މަޝްރަހު ހޫނުވުމުން ރެފްރީ މެޗު ނިންމާފައި ދަނޑުން ދިޔައީވެސް ފުލުހުންގެ އެހީތެރިކަމާއެކުއެވެ.
ފުލުހުންގެ އެހީތެރިކަމާއެކު ދަނޑުން ރެފްރީއަށް ދެވުނު ނަމަވެސް މިސްރުގެ ފެޑެރޭޝަނުގެ އަދަބުން ރެފްރީއަށް ސަލާމަތް ވެވޭ ގޮތެއް ނުވިއެވެ. ކުޅިބަލާ މީހެއްގެ ފޯނުން ރިކޯޑް ކުރި ވީޑިއޯ ބަލައި މެޗުގެ ގޯލާ މެދު ގޮތެއް ނިންމުމާ ގުޅިގެން މެޗުގައި އޮފިޝިއޭޓް ކުރި ހުރިހާ ރެފްރީންވެސް މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑްކުރަން ރެފްރީސް ކޮމިޝަނުން ނިންމީއެވެ.