
ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ނޭޕާލުން ކުރިއަށްގެންދާ ތިން ގައުމު ވާދަކުރާ މުބާރާތް އިއްޔެވަނީ ފެށިފައެވެ. މި މުބާރާތުގައި ކުޅެނީ ނޭޕާލާ ލާއޯސް އަދި ބުޓާންއެވެ.
މި މުބާރާތުގައި ރެފްރީކަން ކުރުމަށް ފުރުސަތު ދިން ދިވެހި ރެފްރީންގެ ޓީމަކީ، އޭއެފްސީ އެލީޓް ރެފްރީ މުހައްމަދު ޖާވިޒް، އޭއެފްސީ އެލީޓް ރެފްރީ ހުސެއިން ސިނާން، އޭއެފްސީ އެލީޓް އެސިސްޓަންޓް ރެފްރީ ޖައުފަރު ރަޝީދު އަދި އޭއެފްސީ އެލީޓް އެސިސްޓަންޓް ރެފްރީ އަހުމަދު އަފްސަހު އެވެ.
ތިން ޓީމު ވާދަކުރާ މި މުބާރާތް ކުރިއަށްގެންދަނީ ޕްރައިމް މިނިސްޓާސް ކަޕުގެ ނަމުގައެވެ. މިއީ، ނޭޕާލް ޓީމާ ދާދި ފަހުން ހަވާލުވި އިޓަލީގެ ކޯޗު ވިންޗެންޒޯ އަލްބާޓޯ އަށް ޓީމު ދެނެގަންނަން ފަސޭހަ ކުރުމާއި ޖޫން މަހު އޮތް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ އިތުރުން ނޭޕާލުގައި ފުޓްބޯޅަ ފޯރިގަދަ ކުރަން ރޭވި މުބާރާތެކެވެ.
މި މުބާރާތުގެ ފުރަތަމަ މެޗުގައި ރެފްރީކަން ކުރީ އަލީ ސިނާންއެވެ. ރޮނގުގައި ތިބީ އަފްސަހުއާ ޖައުފަރެވެ. އަދި ހަތަރުވަނަ އޮފިޝަލަކަށް ހުރީ ޖާވީޒްއެވެ. މިއީ ނޭޕާލާ ލާއޯސް ކުޅުނު މެޗެވެ. މި މެޗުން ދެ ލަނޑު ސުން ލަނޑުން މޮޅުވީ ނޭޕާލެވެ.