
އޯޕަން މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރީ އެވިއާ މޯލްޑިވްސް އާއި ސިފައިންގެ ކުލަބެވެ. މި މެޗު އެވިއާ އިން ކާމިޔާބުކުރީ ކާމިޔާބުކުރީ ހަ ވިކެޓުންނެވެ. މެޗުގެ ޓޮސް ދިމާވުމުން އެވިއާ އިން ނިންމީ އުކުމަށެވެ.
ސިފައިންގެ ކުލަބުން ކުޅެން އަރާ އަށް އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން ހެދުނީ 101 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 12 ބޯޅައިން 31 ލަނޑު ހެދި އިސްމާއިލް ނާޝިދު އާއި 21 ބޯޅައިން 29 ލަނޑު ހެދި މުހައްމަދު ޝަރީފް އެވެ. މި އިނިންގްސްގައި އެވިއާގެ އިބްރާހިމް ރިޒާން އާއި އަލީ އިމާން ކޮންމެ ކުޅުންތެރިއަކު ވިކެޓެއް ނެގި އެވެ.
ޖަވާބުގައި އެވިއާއިން ކުޅެން އަރާ ހަތް އޯވަރުގެ ތެރޭގައި އެންމެ ކުޅުންތެރިއަކު ނުބައިވެގެން 104 ލަނޑު ހަދާ މެޗު ކާމިޔާބުކޮށްފަ އެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 13 ބޯޅައިން 32 ލަނޑު ހެދި ޒިލްވާޒް ރަޝީދު އާއި ނުބައިނުވެ 16 ބޯޅައިން 33 ލަނޑު ހެދި އަލީ ޝޫނާން އެވެ.
އޯޕަން މުބާރާތުގެ ދެވަނަ މެޗު އެމްއޭސީއެލް އިން ކާމިޔާބުކުރީ ކޭޑީއެމްއާ ވާދަކޮށް 17 ލަނޑުންނެވެ. މެޗުގެ ޓޮސް ދިމާވުމުން ކޭޑީއެމުން ނިންމީ ފުރަތަމަ އިނިންގްސްގައި ފީލްޑިން ކުރާށެވެ.
އެމްއޭސީއެލުން ކުޅެން އަރާ އަށް އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން 145 ލަނޑު ހެދި އެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 10 ބޯޅައިން 33 ލަނޑު ހެދި އަމީލް އަހުމަދު މައުރޫފް އާއި ނުވަ ބޯޅައިން 22 ލަނޑު ހެދި އާދަމް ނާސިފް އުމަރު އެވެ. މި އިނިންގްސްގައި ކޭޑީއެމްގެ އިބްރާހިމް ޝާޒް ހަބީބު ދެ ވިކެޓުނ ނެގި އެވެ.
ޖަވާބުގައި ކޭޑީއެމުން ކުޅެން އަރާ އަށް އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 128 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައި ނުވެ 13 ބޯޅައިން 34 ލަނޑު ހެދި މުހައްމަދު ރިޝްވާން އާއި 13 ބޯޅައިން 36 ލަނޑު ހެދި ހާޒިގު ހަސަން ރަޝީދު އެވެ.
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން މި އަހަރުގެ ރޯދަ މަހު ވެސް މާލޭގައި ތިން މުބާރާތެއް ކުރިއަށްގެންދާނެ އެވެ. އެއީ އޮފީސްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތާއި، ކުންފުނިތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެވެ. އޯޕަން ބައިގައި 12 ޓީމަށް ފުރުސަތު ލިބޭއިރު، އޮފީސްތަކުގެ ބައިގައި ހަ ޓީމު އަދި ކުންފުނިތަކުގެ ބައިގައި 12 ޓީމަށް ފުރުސަތު ލިބޭނެ އެވެ.