ads
މަޖިލީހުގެ ޖަލްސާއެއްގައި އިސްލާމިކް މިނިސްޓަރު ޡާހިރު: ފޮޓޯ މަޖިލިސް
ތިން އަހަރުން ޒަކާތު ފަންޑުން ބޭސް ފަރުވާއަށް 35 މިލިއަން
ޒަކާތު ފަންޑުން 2019، 2020 އަދި 2021 ވަނަ އަހަރު ބޭސް ފަރުވާއަށް 35 މިލިއަނަށް ވުރެ ބޮޑު ހަރަދެއް ކޮށްފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިހެން ބުނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ލިއުމުން ޖަވާބު ހޯދަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ޑރ އަހުމަދު ޒާހިރު އަލީއަށް ފޮނުއްވާފައިވާ ސުވާލަށް ލިއުމުން ދެއްވި ޖަވާބުގައެވެ.

މެމްބަރު ސުވާލު ކުރެއްވީ ޒަކާތު ފަންޑުން ބޭސްފަރުވާއަށް އެހީދޭ އުސޫލަކީ ކޮބައިތޯ ސާފުކުރެއްވުމަށާއި ވޭތުވެ ދިޔަ ތިން އަހަރު ޒަކާތު ފަންޑުން ބޭސް ފަރުވާއަށް ކުރި ހަރަދުގެ ތަފްސީލް ހޯދުމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިސްލާމިކް މިނިސްޓަރު ފޮނުއްވި ޖަވާބުގައި ވިދާޅުވީ، ޒަކާތު ފަންޑުން ބޭސްފަރުވާއަށް އެހީދެނީ ފުދުންތެރިކަން ނެތް މީހުންނަށް ޒަކާތު ފަންޑުން ބޭސްފަރުވާއަށް އެހީ ދިނުމުގެ އުސޫލުގެ ތެރެއިން ކަމަށެވެ.

އަދި ފާއިތުވި (2019، 2020، 2021) ތިން އަހަރު މި އުސޫލުގެ ދަށުން 35 މިލިއަނަށް ވުރެ ބޮޑު ހަރަދެއް ކޮށްފައިވާކަމަށް އިސްލާމިމް މިނިސްޓަރު ފޮނުއްވި ޖަވާބުގައި ވެއެވެ.

އެގޮތުން 2019 ވަނަ އަހަރު 22.5 މިލިއަން ރުފިޔާ، 2020 ވަނަ އަހަރު 6.3 މިލިއަން ރުފިޔާ އަދި 2021 ވަނަ އަހަރު 7 މިލިއަން ރުފިޔާ ޒަކާތު ފަންޑުން ބޭސް ފަރުވާއަށް ހަރަދުކޮށްފައި ވެއެވެ.

މިއީ މީގެ ހަ މަސް ކުރިން މެމްބަރު ފޮނުވާފައިވާ ސުވާލަކަށް ދެއްވި ޖަވާބުކަމުން 2022 ވަނަ އަހަރުގެ ހަރަދު ތަކެއް ހިމަނާފައެއް ނުވެއެވެ.

މެމްބަރު އިބްރާހިމް ރަޝީދުވެސް ވަނީ ސުވާލަށް ޖަވާބު ދިނުން މިހާ ލަސްވުމުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން މިއީ 180 ދުވަސް ވަންދެން "ގަލުގައި އަޅާފައިވާ" ސުވާލެއްކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް