ads
ފުލުހުންގެ އަހަރީދުވަހުގެ ދިދެނެގުމުގެ ރަސްމިއްޔާތުތެރެއިން
ދިވެހި ފުލުހުންގެ ހިދުމަތަށް 90 އަހަރުު
މިއަދަކީ ދިވެހިރާއްޖޭގައި ފުލުހުންގެ އަހަރީ ދުވަހެވެ. 29 މާރިޗް 1933 ގައި އުފެދުނު ހިދުމަތަށް 90 އަހަރު ނުވަތަ ނުވަ ދަހަރު ފުރުނީއެވެ.
Advertisement

މިވީ މުއްދަތުގެ ތެރޭގައި ފުލުހުންގެ މުއައްސަސާއަށްވެސް ވަރަށް ގިނަ ބަދަލުތަކެއް އަތުވެއްޖެއެވެ. ސިފައިންގޭގެ ވަކި ޔުނިޓެއްގެ ގޮތުގައި މަސައްކަތްތައް ކުރުމުގައި ގިނަ ދުވަސްތަކެއް ހޭދަކޮށް، އޭގެ ފަހުން 2004 އަހަރުން ފެށިގެން، ސިފައިގެންނާއި ވަކިން، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ބެލުމުގެ ދަށުން ހިނގަން ފެށުނެވެ. އަދި އަމިއްލާ ގާނޫނެއް ވުޖޫދުވެ، މިނިވަން ވަކި މުއްސަސާއެއްގެ ގޮތުހައި ހިނގަންފެށިއެވެ. އޭގެފަހުންވެސް ފުލުހުންގެ ގާނޫނާށް އެކިފަހަރު މަތިން އެވަގުތަކާއި ހާލަތަކާއި ގުޅޭ ގިނަ ބަދަލުތަކެއް އަތުވެއްޖެއެވެ. އެއްމެފަހުން "ޓޭޒާ ބަޑި" ބޭނުންކުރެވޭ ގޮތަށް ވެސް ބަދަލުވީ އެވެ.

ފުލުހުންގެ ހިދުމަތަކީ ޖަވާބުދާރީވާ، އަދި ޒިންމާދާރު މުއްސަސާއަކަށް ހެދުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަންވެސް ގާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި އިންޓެގްރިޓީ ކޮމިޝަން އެކުލަވާލެވުމާއި، ފުލުހުންގެ ބޯޑު އެކުލަވާލެވުން ހިމެނެއެވެ. މީގެ އިތުރުން ފުލުހުންގެ މުއައްސަސާގެ ތެރޭގައި ވެސް ފުލުހުންނާއި ގުޅޭ އެކިކަހަލަ ޝަކުވާތަށް ބެލޭނެ ގޮތަށް އެތިކަލް ސްޓޭންޑާޑް ކޮމާންޑް އެއްވެސް ވަނީ ހެދިފައިއެވެ.

އުމްރާނީ ތަރައްގީއަށް ބަލާއިރު، މާލޭގައި ފުލުހުންގެ ހިދުމަތްދިނުމަށް ބޭނުންކުރި ފުލުހުންގެ ހެޑްކުއާޓާޒް ނުވަތަ ޝަހީދު ހުސައިން އާދަމް ބިލްޑިންގްގެ އިތުރުން، އަމީނީމަގު ސްޓޭޑިއަމް ކުރިމަތިން ބޮޑު ބިމެއްގަައި ދިހަ ބުރީގެ 2 އިމާރާތެއް ކުރެވި އެތަނުން ހިދުމަތް ދެވެމުން އެބަދެއެވެ. މަޖީދީމަގުގެ ހެންވެއިރު ފުޓްބޯޅަ ދަނޑާއި ދިމާލުން ވެސް ފުލުހުންގެ އާއ އިމާރާތެއް ތައްޔާރުކުރެވި، ހިދުމަތްދޭން ފެށުމާއި ކައިރިވެއްޖެއެވެ. ހުޅުމާލެ އަދި ވިލިމާލޭގައި ފުލުހުންގެ އަމިއްލަ އިމާރާތްތަކެއް ކުރެވި، އެތަންތަނުގެ ބޭނުން އެބަކުރެވެ. 

ސަރަހައްދީ ފެންވަރުގެ ޓްރެއިންނިންގް ދޭނެ އިމާރާތެއް އައްޑޫ ސިޓީގައި އިމާރާތްކުރެވި އެތަނުގެ ބޭނުންވެސް ކުރެވެން ފަށައިފިއެވެ. މީގެ އިތުރުން ރާއްޖޭގެ މީހުންދިރިއުޅޭ ގިނަ ރަށްރަށުގައި ފުލުހުހުންގެ ޚިދުމަތްދޭންފެށި، ބައެއް ރަށްރަށުގައި ފުލުހުންގެ އަމިއްލަ އިމާރާތްތައް ބޭނުންކުރެވޭއިރު، އަނެއްބައި ރަށްރަށުގައި އަމިއްލަ ފަރާތްތަކުގެ ގޯތި ކުއްޔަ ނަގައިގެންވެސް ފުލުހުންގެ ހިދުމަތް ފޯރުކޮށްދެވެމުން އެބަދެއެވެ. ފުލުހުންގެ ޚިދުމަތް ފޯރުކޮށްދޭ ހަމަ ކޮންމެ ރަށެއްގައިވެސް ފުލުހުންގެ މަސައްކަތްތަކަށް ބޭނުންވާ ވެހިކަލް ތައް ހުރެއެވެ. ކޮންމެ އަތޮޅަކަށް، އެ އަތޮޅުތެރޭގެ އެކި ރަށްރަށަށް ދަތުރުކުރަންޖެހޭ ހާލަތްތަކުގައި ބޭނުންކުރުމަށް 36 މީހުންގެ ޖާގައިގެ ލޯންޗް ފަހަރު އޮވެއެވެ. މިހިރީ ހައްތާވެސް ފުލުހުންގެ މުއައްސަސާއަށް އައިސްފައިވާ އުމްރާނީ ތަރައްގީތަކުގެ ތެރެއިން ބައެކެވެ.

އެހާރާއި މިހާރު

އެހާރުގެ ގޮތުގައި އަޅުގަނޑު ބަލާލާނީ، ސިފައިން ނުވަތަ އޭރުގެ ނަމުންނަމަ، ނޭޝަނަލް ސެކިއުރިޓީ ސާވިސަސް ގެ ދަށުން ވަކި ޔުނިޓެއްގެ ގޮތުގައި ފުލުހުން މަސައްކަތްކުރި ދުވަސްވަރަށެވެ. ދިވެހި ސިފައިންގެ ތެރޭގައި ހިމެނޭ ސިފައިންގެ ވަކި ޔުނޓަކަށް ވާތީވެ، ސިފައިންގެއިން ހުއްދަކުރާ ކަމެއް ނޫން އެހެންކަމެއް ފުލުހުންނަަކަށް އޭރު ނުކުރެވެއެވެ. ނަތީޖާއަކަށް ވީ ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މާބަޮޑަށްވެސް ލަސްވުމެވެ. އެހެންނަމަވެސް އެއްކަމެއް ފާހަގަކޮށްލާނަމެވެ. ފުލުހުންނަކީ އެއިރު ސިފައިންނަށްވެސް ވާތީއާއެކު، ފުލުހުންގެ ބޭކަލުންނަށް އާއްމު ރައްޔިތުންގެ ފަރާތުން ލިބުނު އިހްތިރާމް މިހާރަށްވުރެ މާބޮޑަށްވެސް ބޮޑުކަން ފާހަގަކޮށްލެވެއެވެ. އެކަން އެނގެނީ ފުލުހުން އަންގާ އެންގުންތަކަށް އާއްމުން ކިޔަމަންގަންނަލެއް އަވަސް ކަމުންނެވެ.

މިހާރު ފުލުހުންގެ ފަރާތުން ލިބޭ ހިދުމަތްތައް އަވަހެވެ. މައްސަލައެއް ހުށަހަޅާލުމުން ބައެއް ފަހަރު ކުށުގެ ވެއްޓަށް އައުން ލަސްނަމަވެސް، ގިނަފަހަރަށް ހަމަ އަވަހަށް އާދެވޭކަން ފާހަގަކުރެވެއެވެ. އުމްރާނީ ތަރައްގީގޮތުން ކުރިއަރައިގެން ގޮސް ޚިދުމަތް ހޯދުމުގައި ވަރަށް ބޮޑެތި ލުއި ތަކެއް ލިބޭކަން ވެސް ފާހަގަ ކުރެވެއެވެ. މީގެ ތެރޭގައި އޮންލައިން ކޮށް މައްސަލަ ހުށަހެޅުން، މައްސަލަތަކާއި ބެހޭ މައުލޫމާތު ހޯދުން، ޕޮލިސް ކްލިއަރެންސް ސެޓިފިކެޓް ހޯދުމަށް އެދުން ފަދަ ތަފާތު އެތަކެއް ކަމެއް ކުރެވެއެވެ. އެހެންނަމަވެސް، އެހާރާއި އަޅާ ބަލާއިރު، ފުލުހުންނަށް އާއްމުންކުރާ އިހްތިރާމް ހަމަ އެއްގޮތަކަށްވެސް ނެތޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. 

މިކަން އެއްމެ ބޮޑަށް ފެންނާނީ، ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ފުލުހުންނާއި ބެހޭގޮތުން އާއްމުން ފާޅުކުރަމުންދާ ޚިޔާލު ތަކުންނެވެ. އަދި ފުލުސް އޮފީހުގެ އޮފިޝަލް މީޑިއާ އެކައުންޓްތަކުން ކުރަމުންދާ ޕޯސްޓްތަކަށް އާއްމުން ކުރަމުން ގެންދާ ކޮމެންޓް ތަކުންނެވެ. މަގުމަތިން ފުލުހުންނާއި ދިމާލަށް ކިޔަމުންދާ އެއްޗެހި ތަކުންނެވެ. އިހްތިރާމް ގެއްލިގެން ދިޔަވަރަކީ، އާދައިގެ ޕެޓްރޯލްމަން ފުލުހެއް ދާ ކުށުގެ ވެއްޓަކުން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން ޖެހިއްޖެ ހާލަތެއްގައިވެސް، ފުލުހުންގެ ތެރޭގައި އޮންނަ ރައަޓު ފުލުހުން އެތަނަކަށް ދާންޖެހޭ ފަހަރު ފަހަރު ގިނަކަމެވެ. އަދި ފުލުހުންގެ އޮޕަރޭޝަންތަކުގައި ސިފައިންގެ ބޭނުންކުރަންޖެހުންވެސް މިއީވެސް މިކަން ދައްކުވައިދޭ ހެއްކެކެވެ.

ފުލުހުންގެ ރިފޯމް

ދިވެހިރާއްޖޭގައި ގިނަ ސިޔާސީ ޕާޓީތައް އެކުލެވޭ އިންތިހާބުތައް ބާއްވަން ފެއްޓުމާއެކު، ފުލުހުންނާއި ގުޅޭ ތަފާތު އެކިވާހަކަތައް އަބަދުވެސް ދެކެވެއެވެ. ވަކިން ހާއްސަކޮށް، އަބަދުވެސް އިދކޮޅުގައި އޮންނަ މީހުންނަށް ފުލުހުން ފެންނަނީ ގޯސް ކޮށްނެވެ. އަލުން ބަލުން ރިފޯމް ކުރަންޖެހޭވާހަކަ، މިއީ އަބަދުވެސް އިދިކޮޅުގައި އޮންނަ ފަަރާތަކުން ދައްކާ ވާހަކައެވެ. ވަކިން ޚާއްސަކޮށް، 2012 ވަނައަހަރު އުފެދިފައޮތް ސަރުކާރު، ފުލުހުން ކުރި މުޒާހިރާއަކާއި ގުޅިގެން ވެއްޓުމާއި އެކު، މިވާހަކަތައް އިތުރުވެގެން ދިޔައެވެ. މިހާރު ރާއްޖޭގައި ވެރިކަން ކުރަނީ 2018 ގައި އިންތިޚާބުކުރެވުނު ސަރުކާރެވެ. ވެރިކަމަށް އައުމުގެ ކުރިން، އެކިފަހަރު މަތިން ފުލުހުންގެ މުއައްސަސާ ރިފޯމް ކުރާނެވާހަކަ ތަކުރާރުކޮށް ދައްކަމުން ދިޔައެވެ. ފުލުުހުންނަށް ނުވަދަހަރު ފުރޭއިރު، ސަރުކާރުގެ ފަސްވަނައަހަރު ހަމަވަނީ އެވެ. ދައުރު ނިމެނީ އެވެ. އެހެންވީމާ، ފުލުހުންގެ މުއައްސަސާ ރިފޯމްކުރެވިފައިވަނީ ކިހާވަރަކަށްތޯ ބަލާލަމާ ހިންގަވާށެވެ.

"އަޅުގަނޑު ކެރިހުރެ މި ދަންނަވަނީ ވޭތުވެދިޔަ ތިން އަހަރު ކުރި މަސައްކަތުން ފުލުހުންގެ ހިދުމަތަށް ހެޔޮ ބަދަލުތަކެއް އަތުވެއްޖެ، ތަސްވީރުގެ ކުލަ ރީތިވެއްޖެ"

މިއީ ފުލުހުންގެ 89 ވަނައަހަރީ ދުވަހުގައި ޖުމްހޫރީ މައިދާނުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅުން ތަންކޮޅެކެވެ.

ހަގީގަތުގައި ވެސް ހެޔޮ ބަދަލުތަކެއް ގެނެވިއްޖެ ހެއްޔެވެ؟ އެއްމެ ކުޑަކޮށް ފަށައިގަންނަމާ ހިންގަވާށެވެ. މަގުމަތީގެ ޓްރެފިކް ބެލެހެއްޓުމުން ރިފޯމް ކުރެވުނީ ކޮން ކަމެއްތޯ އެވެ. ސްޓިކާ ޖެހުން އިތުރު ވެއްޖެއެވެ. އެނޫން އެހެން ކަމެއް ރިފޯމްކުރެވުނު ތަނެއް ފެންނާކަށް ނެތެވެ. އެއްމެ ކުޑަމިނުން ކާރުބާރު ބޮޑު މާލޭގެ މަގުތަކުގެ ޓްރެފިކް ފްލޯ ބަލަހައްޓަން ތިބުމަކީވެސް ފުލުހުން ކުރަން ނުޖެހޭ ކަމެއްހެން ހީވާފަހަރުތައް އާދެއެވެ. ފުލުހުންގެ ހިލަމެއް އާއްމުކޮށް ވަނީ ކޮންމެވެސް ކަމެއް ހިނގީމައެވެ. މިސާލަކަށް ކަފިހި ހުރަސް މަތިން ހުރަސްކުރަމުންދިޔަ ފަރާތެއްގެ ގައިގައި ދުއްވާފައިދިޔަ ކާރެެއް ޖެހި، އަނިޔާވި ފަރާތް ނިޔާވި ހިސާބުންފެށިގެން ދުވަސްކޮޅެއް ވަންދެން ކޮންމެ ކަފިހި ހުރަހެއްކައިރީގައި ފުލުހުން ތިބި ތަން ފެނުނެވެ. އެހެންނަމަވެސް ދުވަސްކޮޅަކުން ގެއްލުނީއެވެ. މާލޭގައި ދިރިއުޅޭ ރައްޔިތެއް ވެއްޖިއްޔާ، ހަމަގައިމުވެސް، ކޮންމެ ދުވަހަކުވެސް ހެނދުނު 7:00 އިން ފެށިގެން ގޮސް 9:15 އާއި ހަމައަށް، 11:30 ފެށިގެން ގޮސް 13:15 އާއި ހަމައަށް އަދި ހަވީރު 16:30 ފެށިގެން ގޮސް 18:00 އާއި ހަމައަށް މާލޭގެ މަގުތަކުގައި ޓްރެފިކް ފްލޯގެ ބާރު ބޮޑުކަމުގެ އިހްސާސްކުރެވޭނެއެވެ. ފުލުހުންގެ ތެރޭގައިވެސް މިވަގުތުތަކުގައި ސްކޫލްދޮށަށް ބެލެނިވެރިންގެ ހައިސިއްޔަތުން ވަޑައިގަންނަވާ ބޭފުޅުން ތިއްބަވާނެއެވެ. 

ކޮމިޝަންޑް އޮފިސަރުންވެސް ތިއްބަވާނެއެވެ. ހަމަގައިމުވެސް ތިބޭފުޅުންނަށް މި މަންޒަރު ފެނިވަޑައިގަންނަވާނެއެވެ. ކުރިމަތީގައި ނުގަވާއިދުން ޕާކްކޮށްފައި އޮންނަ ވެހިކަލް އަކާއި ހެދި ނޫންނަމަ، ޓެކްސީއަކަށް މީހަކު އަރުވަން މަޑުކުރުންފަދަ ކަމަކާއި ހެދި މަގުތައް ބްލޮކްވެ، އެތަކެއް ވަގުތެއް ރަތްދަކަ އަވީގައި ތިބެންޖެހޭ ފަހަރު މަދެއް ނުވާނެއެވެ. އަޅުގަނޑު ހިތުން، މިއީ މާބޮޑު މަސައްކަތަކާއި ނުލާ ރިފޯމްކުރުުގެ ތެރޭގައި ހިމެނިދާނެ ކަމެކެވެ. އެއީ ހަމައެކަނި ތިބޭފުޅުންގެ ޑިއުޓީގައި ތިއްބަވާ ފުލުހުން ލައްވާ މިވަގުތު ތަކުގައި މަގުތައް ބެލެހެއްޓުމުންވެސް މިކަމަށް ހައްލު އަންނާނެތީ އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެެނެވޭ ފަރާތްތަކަށް އަނިޔާ ކުރުމާއި، ފުލުހުން ބާރުހހެ ބޭނުން ނަހަމަގޮތުގައި ހިފުންފަދަ ކަންތައްތަކުން، ރިފޯމެއް ކުރެވިއްޖެކަމަށް ގަބޫލުކުރެވިދާނެއެވެ. އެއީ އެފަދަ ވާހަކަތައް ދެކެވޭލެއް އަދި ބެލި ތަހުގީގުކުރެވޭލެއްވެސް މަދުކަމުންނެވެ.

އެކަމަކު، ފުލުހުންގެ މުއައްސަސާއަށް ހުށަހެޅި، ތަހްގީގް ކުރެވުމުންދާ މައްސަލަތައް ބަލައި، އަނިޔާ ލިބޭކަމަށް ބުނާ ފަރާތްތަކަށް ލިބެންޖެހޭ އިންސާފު ހޯދައިދިނުމަށް ކުރެވޭ މަސައްކަތުން އެއްވެސް ރިފޯމެއް ކުރެއްވިއްޖެތޯއެވެ. އަޅުގަނޑުގެ ނަޒަރުގައި އެއްވެސް ރިފޯމެއް ނުކުރެވެއެވެ. އަދިވެސް ހަމަ ވަކި މައްސަލައެއް ނުވަތަ ވަކި ފަރާތެއްގެ މައްސަލައަކަށް ވާ މައްސަލަތަކުގައި އަމަލުކުރާ ގޮތާއި އާއްމު އާދައިގެ ރައްޔިތަކު ހުށަހަޅާ މައްލަސައެއްގައި އަމަލުކުރާ ގޮތާއި ތަފާތުކަމެއް ހުންނަ ކަމަށް ގިނަމީހުން އެއްބަސްވެއެވެ. މީގެ އިތުރުން، ފުލުުހުންގެ ތަހުގީގުގައި ދިމާވާ މައްސަލަތައް، ވަކިން ޚާއްސަކޮށް މަސްތުވާތަކެތީގެ މައްސަލަތަކުގައި ފުލުހުންގެ ފަރާތުން ހެދޭ "މިސްޓޭކް" ތަކުން މީހުން ބަންދުން ވީއްލި އަދި ފަހުން އެމައްސަލަތަކަށް ވާނުނާ ނޭގޭ ހިސާބަށް ދާކަމަށްވެސް ބައެއްފަރާތްތަކުން ބުނެއެވެ. މިސާލަކަށް ފުރަންޖެހޭ ޗެއިން އޮފް ކަސްޓަޑީ ފޯމް ރަގަޅަށް ފުރާފައި ނެތުން، އޭގައި ލިޔަންޖެހޭ އިބާރާތެއްގެ އަކުރެއް ނުވަތަ ފިއްޔެއް ނުބައިކޮށް ޖެހި، ތުހުމަތު ކުރެވޭ މީހާ މުޖުތަމުއަށް އަނބުރާ ދޫވުން ކަހަލަ ކަންތަކެވެ. 

އަދި މީގެ އިތުރުން، މަސްތުވާތަކެތީގެ މައްސަލަތަކުގައި، ކުށުގެ ވެއްޓަށް ފުލުހުންގޮސް އަމަލުކުރާގޮތުން ވެސް މީހުން ދޫވާފަހަރު ހަމަ ގިނަކޮށްއަންނަ ކަން ފާހަގަކުރެވެއެވެ. މިސާލަކަށް ހުވަދު އަތޮޅު ދެކުނުބުރީގެ ފަޅު ރަށެއްގައި ވަޅުލާފައި ހުއްޓާ ފެނުނު ގިނައަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތުމުގައި ފުލުހުން އަމަލުކޮށްފައިވާގޮތް ގޯސްކަމަށް ކޯޓުން ނިންމި ހަނދާންވެސް އެބަހުއެްޓެވެ. މިމ ދެކެވޭ ވާހަކައަކީ އިންސާނެއްގެ ފަރާތުން ދުވަހަކުވެސް ކުށެއް ނުކުރެވޭނެ ވާހަކައެއް ނޫނެވެ. އެކަމަކު، އެއްކަހަލަ ކުއްތަކެއް ތަކުރާރުކޮށް ދިމާވީމާ އެވާހަކަތައް ދެއްކެނީއެވެ. އޮތީ ދެ ޖަވާބެކެވެ. އެއްޖަވާބަކީ މައުލޫމާތު ރަގަޅަށް ނޭގި، ނުވަތަ އޮޅިގެން "ކުށް" ކުރެވެނީ އެވެ. އެހެންނޫނީ، ގަސްތުގައި ވަކި މަގްސަދެއް ހާސިލްކުރުމަށް، އެފަދަ ކަމެއް ކޮށްލަނީއެވެ. އަދި މިނޫނަސް ވަރަށްގިނަ މައްސަލަތަކުގެ ވާހަކަަތައް ދެއްކިދާނެއެވެ. ވައްކަމުގެ މައްސަލައެވެ. ފޭރުމުގެ މައްސަލައެވެ. މަކަރާއި ހީލަތްހެދުމުގެ މައްސަލައެވެ. މިހުރިހާ ބާވަތެއްގެ މައްސަލަތައްވެސް ތަހުގީގުކުރުމުގެ މަރުހަލާގައި ވަރަށް ބޮޑަށް ރިފޯމްވާން އެބަޖެހެއެވެ.

ސަރުކާރާއި ދެކޮޅު އެއްވުންތައް ރޫޅާލުމުގައި، އަދި ޚިޔާލުފާޅުކުރުމުގެ ނަމުގައި ކުރިއަށް ގެންދާ އެއްވުންތަކުގައި ފުލުހުން އަމަލުކުރާގޮތް ތަފާތުކަމުގައި ދެންނެވިދާނެއެވެ. އަދި އެކަމުން ރިފޯމެއް ކުރެވިފައިވާކަމަށްވެސް ދެންނެވިދާނެއެވެ. ފަހަރުގައި ރައީސުލްޖުމްހޫރިއްޔާ އެވިދާޅުވި ބަސްކޮޅަކީ މިއީ ކަމަށްވުން އެކަށީގެންވެއެވެ.

އެހެންނަމަވެސް، 9 ދަހަރުފުރޭ މުނާސަބަަތު ފާހަގަކުރާއިރު، ދިވެހިރައްޔިތުން އެކަންތަކާއި މެދު ކަންބޮޑުވާ، އަދި ރައީސް ވިދާޅުވޮގޮތަށް ހެޔޮބަދަލުތަކެއް ގެންނަންެޖެހޭ އެތަކެއް ކަމެއް ފުލުހުންގެ މުއައްސަސާގެ ތެރޭގައި އެބަހުރި ކަމަށް ގިނަފަރާތްތަކަކުން އެއްބެސްވެއެވެ. ރަގަޅު ރިފޯމެއް އައިސް ފުލުހުންގެ މުއައްސަސާއިން ދިވެހިރައްޔިތުންނަށް ލިބެންޖެހޭ ފުރިހަމަ ހިދުމަތާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވުމަކީ ހަމަ ކޮންމެ ދިވެހި ރައްޔިތަކުވެސް ބޭނުންވާނެ ކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް