ads
މާޒިޔާ އަދި އީގަލްސްގެ ކޯޗު
ބޮޑު ބްރޭކަށް ފަހު އާ ސީޒަން މިރޭ
އަހަރެއްގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ބްރޭކަކަށް ފަހު ރާއްޖޭގައި ފުޓްބޯޅަ ސީޒަން މިއަދު ފެށޭނެއެވެ. މިއީ ރާއްޖޭގައި ގައުމީ ފެންވަރުގައި ރަސްމީ ފުޓްބޯޅަ މުބާރާތްތައް ކުޅޭތާ ބައިގަރުނަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެއް ސީޒަން ނިމި އަނެއް ސީޒަން ފެށުމާ ދޭތެރޭ އެއްމެ ގިނަ ދުވަސްވީ ފަހަރެވެ.

ކްލަބު ލެވެލްގެ ރަސްމީ ފުޓްބޯޅަ މެޗެއް އެންމެ ފަހުން ކުޅުނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުއެވެ. އެއީ މިދިޔަ އަހަރުގެ އެފްއޭކަޕްގެ ފައިނަލް މެޗެވެ. ޗެރިޓީ ޝީލްޑް މެޗުން މިރޭ އަލުން ކްލަބު ފުޓްބޯޅަ އާ ސީޒަނަށް ފެށޭއިރު މިއީ 225 ދުވަހުގެ މެދު ކެނޑުމެކެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ހަތް މަހާއި 13 ދުވަހުގެ ބްރޭކެކެވެ. ރެކޯޑްތަކުން އެނގޭ ގޮތުގައި މީގެ ކުރިން މިވަރުގެ ހުސްކަމެއް ދިވެހި ފުޓްބޯޅައަށް އައިސްފައެއް ނުވެއެވެ.

ދިވެހި ފުޓްބޯޅައިގެ ފޯރި އެއްކޮށް ކެނޑުނީތަ؟ 

ދެ ސީޒަންގެ ދެމެދު އޮންނަ ބްރޭކް މިހާ ދިގުވެ، ރާއްޖޭގެ އެއް ނަންބަރު ކުޅިވަރު ފުޓްބޯޅައިގެ މަގްބޫލުކަން މިހާރުވަނީ ވަރަށް ދަށްވެފައި ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ކުރީގައި ދަނޑު ފުރާލި ދިވެހި ލީގެއް އުފެދުނީ ޒަމާންވީ ކްލަބް ތަކެއްގެ ދިގު ތާރީހާއި ގިނަ ސަޕޯޓަރުންގެ ސަބަބުންނެވެ. ދަނޑުފޯރީގެ ސަބަބުންނެވެ! ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު ދެ ކްލަބް، ނިއު ޜޭޑިއަންޓް އާއި ވިކްޓްރީ މިހާރު ދެވަނަޑިވިޒަންގައި އެއޮތީ ކީއްވެތޯ އެވެ؟ މި ދެޓީމް ދެވަނަ ޑިވިޒަނަށް ވައްޓާލީ ފުޓުބޯޅައިގެ މަސްލަހަތު ރައްކާކުރުމުގެ ނިޔަތުގައެއް ނޫނެވެ.

ނުވަދިހައިގެ އަހަރުތަކުގައި ދަނޑުފޯރި، "ޕީކް" ވެ "އާ އުސްމިނަކަށް" އެރުމަށްފަހު، 2016 ވަނަ އަހަރުގެ ފަހުން ދަނޑުފޯރި ގެއްލުނީ ވިކްޓްރީއާއި ނިޔުރޭޑިއަންޓު، އަދި ވެލެންސިއާ ހިސޯރުކުރުމުން ކަމުގައި އެތައް ބަޔަކު ދެކެ އެވެ. ދަނޑުފޯރި ގެއްލުމުން ލިބުނު އިބްރަތަކީ، ކުޅިވަރު ކުރިއަރާނީ ބެލުންތެރިންގެ ސަޕޯޓާއި، ތާއީދާއި އެކުގައި ކަމެވެ. ދެވަނަ ޑިވިޒަންގައި އޮތް އިރުވެސް، މިއަހަރު ވިކްޓްރީ، ނިޔު ގެ މެޗް ބަލަން ތިންހާސް ބެލުންތެރިން ދަނޑަށް ވަނެވެ. އެހެން ނަމަވެސް، އެއްވަނަ ޑިވިޒަންގެ މެޗެއް ބަލާލަން ދަނޑަށް ވަންނާނެ މީހަކު ނުވެ އެވެ.

އާ ސީޒަނަށް ކްލަބުތައް ތައްޔާރުތަ؟ 

ޗެރިޓީ ޝީލްޑް މެޗުން މިރޭ ސީޒަން ފެށޭއިރު، ރާއްޖޭގެ އެއްވަނަ ޑިވިޝަނުގައި ކުޅޭ އަށް ޓީމުގެ ތެރެއިން ޕްރެކްޓިސް ފެށީ އަދި އެންމެ ތިން ޓީމުންނެވެ. އޭގެ ތެރެއިންވެސް އެއް ޓީމުން ޕްރެކްޓިސް ފެށިތާ އަދި ތިން ދުވަސްވެސް ނުވެއެވެ. ބާކީ ފަސް ކްލަބުން ޕްރެކްޓިސް އެއް އަދި ނުފަށައެވެ.

ކްލަބުތަކުން އެއްކޮށް ކަހަލަ ގޮތަކަށް ބަރޯސާވަނީ އެފްއޭއެމުން ދޭ ފައިސާއަށެވެ. އެފްއޭއެމް އޮތީ އެތައް ބަޔަކަށް ދަރައި، މުވައްޒަފުންނަށް މުސާރަ ނުދެވޭ ލެވެލްއަށް ވެއްޓިފައެވެ. ކްލަބުތަކުގެ ޝަކުވާއަކީވެސް ފައިސާއެވެ. ކުޅުންތެރިންނަށް މުސާރަ ދޭން ޖެހެއެވެ. ބިދޭސީ ކުޅުންތެރިން ކުޅުވަންޏާ އެ ކުޅުންތެރިންގެ ޓިކެޓާ ކެއުމާ އެކޮމަޑޭޝަނާ ވިސާ ކަންތަކާ މިހެން ގޮސް އެތައް ހަރަދެކެވެ. މި ފައިސާ ޖެނެރޭޓް ކުރެވޭނެ ގޮތެއް އޮތްތަނެއް ނުފެނެއެވެ.

"މިދިޔަ ސީޒަން ފަހު ކޮޅުގައި ކްލަބްތަކާ އެކު އެފްއޭއެމް އިން ބޭއްވި ބައްދަލުވުމެއްގައި ބުނެފައި އޮތީ، ނުދެވި ހުރި ހުރިހާ ފައިސާއެއް ދީ، އެ ކަންކަން ހަމަޖައްސައިދީފައޭ ސީޒަން ފަށާނީ. އެކަމަކު، އެހެނެއް އަދި ނުއެއްވޭ. އެހެންވީމަ ކްލަބްތަކުން ޕްރެކްޓިސް ވެސް ނުފެށިފައި އެ ތިބީ،" ފުރަތަމަ ޑިވިޝަންގެ ކްލަބެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތަކާ ހަވާލާދީ މީޑިއާ ރިޕޯޓެއްގައި ބުނެފައިވެއެވެ.

ޗެރިޓީ ޝީލްޑް މެޗުގައި މިރޭ ވާދަކުރާ މާޒިޔާ އީގަލްސް ފިޔަވައި ދެން އަދި ޕްރެކްޓިސް ފަށާފައިވާ ހަމައެކަނި ކްލަބަކީ މިދިޔަ އަހަރުގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ބުރު ސްޕޯޓްސްއެވެ. މާޒިޔާއަކީ އެންމެ ކުރިންސުރެވެސް މާލީ ކަންކަމުގައި މައްސަލަ ގަނޑެއްގެ ތެރެއަށް ނުވެއްޓި ހިންދެމިލައިގެން ހިންގާ ހަމަ އެކަނި ކްލަބެވެ. އީގަލްސްވެސް ޕްރީ ސީޒަން ޕްރެކްޓިސް ފަށައިގެން ކުރިއަށް އެ ދާ އެއް ސަބަބަކީ އެ ކްލަބަށް މި ވަގުތަށް ހިންދެމިލެވޭ ވަރުގެ ބަޖެޓެއް ޖެނެރޭޓްވެފައި ހުރުމެވެ.

އެފްއޭއެމްގެ ރައީސް ކަމަށް އިތުރު ދައުރަކަށް 2020 ވަނަ އަހަރު، ބައްސާމް އަދީލް ޖަލީލް އިންތިހާބުވެވަޑައިގަތްއިރު، ވައުދުވީ އެފްއޭއެމުން ކްލަބްތަކަށް އެ ފައިސާ (ތިން މިލިއަން ރުފިޔާގެ ބަޖެޓް) ހަމަޖައްސައިދޭނެ ކަމަށެވެ.

ރާއްޖޭގެ ނޫސްތަކުގެ ހެޑްލައިނަކީ އެފްއޭއެމް ގެ ދަރަނީގެ ވާހަކަތަކެވެ. އެފްއޭއެމް ގެ ދަރަނި، ތިންމިލިއަން ޑޮލަރަށްވުރެ މަތިވާނެކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. ދިވެހި ފުޓުބޯޅަ މިއަދު މިއޮތް އަނދިރިކަމުގެ ތެރެއަށް ވެއްޓުނީ ކްލަބަތަކާއި އެސޯސިއޭޝަން ރެގިއުލޭޓްނުކުރެވުނީމައެވެ. ކްލަބްތައް ހިންގަން ބޭނުންވާ ގާނޫނީ މާހައުލެއް ގާއިމްނުކުރީމަ އެވެ. ނިޔު ރޭޑިއަންޓާއި ވިކްޓަރީ އަދި ވެލެންސިއާގެ ހިންގާކޮމިޓީތައް ބަދަލުކޮށް، ކަމާ ނުބެހޭ މީހުން އައްޔަންކޮށް ކްލަބުތައް ދަރުވާލިއިރު ގާނޫނެއް ނުހިނގަ އެވެ. ކްލަބްތައް ދަރުވާލުމަށްފަހު އެވެރިންވެސް ފިލީ އެވެ. ދަރަނި ދައްކައިދިނީ މުއަސިސް އެވެ. ސަރުކާރުން ނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް