މިއީ ގަވާއިދާ ހިލާފަށް ރަޖިސްޓްރީކުރި ކަމަށް ތުހުމަތުކޮށް 200 އެއްހާ ވެހިކަލްގެ ރަޖިސްޓްރީ ބާތިލްކުރަން ސަރުކާރުން ނިންމާފައި ވަނިކޮށް އޭގެ ތެރެއިން 87 ވެހިކަލްގެ ރަޖިސްޓްރީ ބާތިލްކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން މިދިޔަ އަހަރު ވަގުތީ އަމުރެއް ނެރުނު މައްސަލައެވެ. ސިވިލް ކޯޓުގެ މި އަމުރާއެކު ޓްރާންސްޕޯޓް މިނިސްޓްރީން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
އެ މައްސަލައިގައި ސިވިލް ކޯޓުން މިދިޔަ އަހަރު ވަގުތީ އަމުރެއް ނެރުނީ، ރަޖިސްޓްރީ ބާތިލްކުރަން ނިންމުމުން އޭގެ ތެރެއިން ބައެއް ވެހިކަލްތަކުގެ ވެރިފަރާތްތަކުން ދައުވާ ކުރުމުން އެ މައްސަލަ ނިމެންދެންނެވެ.
މި މައްސަލަ ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައި ކޯޓުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިއަދު ކުރި ހުކުމުގައިވަނީ އެ ވެހިކަލްތަކުގެ ރަޖިސްޓްރީގެ ސައްހަކަމާ މެދު ގޮތެއް ނިންމޭނީ ސިވިލް ކޯޓުން ބަލާ މައުޟޫއީ މައްސަލާގެ ތެރެއިން ކަމަށެވެ. އަދި ކޯޓުން ގޮތެއް ނުނިންމަނީސް އުޅަނދުގެ ރަޖިސްޓްރީ ބާތިލްވެފައި އޮވެއްޖެ ނަމަ ގެއްލުން ލިބޭނީ އުޅަނދުގެ ވެރިފަރާތްތަކަށް ކަމަށާއި އެކަމަކު ދައުލަތަށް ލިބޭނެ ގެއްލުމެއް ނެތް ކަމަށެވެ. އެކަމަށް ރިއާޔަތްކޮށް، ސިވިލް ކޯޓުގެ އަމުރަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު މުހައްމަދު ސަލީމްގެ ނިންމެވިއެވެ.
މި މައްސަލައިގައި ތަފާތު ރައުޔެއް ދެއްވީ ފަނޑިޔާރު މުހައްމަދު ނިޔާޒުއެވެ. ރައުޔު ތަފާތުވި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ ރައުޔުގައިވަނީ އުޅަނދުތައް ރަޖިސްޓްރީކުރީ ދައުލަތުން ކަނޑައަޅާފައިވާ ނިޒާމުގެ ބޭރުން ކަމަށް ދައުލަތުން ބުނާ ބުނުމަށް ބާރުލިބޭ ހެކިތަކެއް ހުއްޓާ ހަމައެކަނި ރަޖިސްޓްރީއެއް އޮތުމަކީ އެ ރަޖިސްޓްރީތައް ދަމަހައްޓަން ވަގުތީ އަމުރެއް ނެރެވޭނެ ސަބަބެއް ނޫން ކަމަށެވެ. އަދި އެ މައްސަލާގައި 87 ވެހިކަލެއްގެ ރަޖިސްޓްރީ ބާތިލްކުރި ނިންމުން ސިވިލް ކޯޓުން ހުއްޓުވިއިރު އެ މައްސަލާގައި ދައުވާކުރީ އެންމެ ނުވަ މީހުން ކަމަށެވެ. އެހެންވެ، ބާކީ ތިބި ވެހިކަލްތަކުގެ ވެރިފަރާތްތަކުގެ މީހުންގެ ބަހެއް ނެތި އެގޮތަށް އަމުރު ނުކުރެވޭނެ ކަމަށް އެ ރައުޔުގައިވެ އެވެ.