ads
ފެމިލީ ކޯޓް
ދައުލަތުން ބަލަހައްޓާ ކުއްޖެއްގެ ހަރަދު ދިނުމަށް ބައްޕަގެ މައްޗަށް އަމުރުކޮށްފި
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރައްކާތެރިކުރުމުގެ އަމުރެއް ނެރެ، ދައުލަތުގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ނިންމި ކުއްޖެއްގެ ހަރަދު އެކުއްޖާ ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ މުއްދަތުގައި، ދައުލަތަށް ދެއްކުމަށް ކުއްޖާގެ ބައްޕަގެ މައްޗަށް ފެމިލީ ކޯޓުން އަމުރުކޮށްފި އެވެ.
Advertisement

ފެމިލީ ކޯޓުން ބުނީ މިއީ މިފަދަ އަމުރެއް ދިވެހިރާއްޖޭގައި ނެރުނު ފުރަތަމަ ފަހަރު ކަމަށެވެ.

މިފަދައިން ކޯޓުން ނިންމާފައިވަނީ، މައިންބަފައިންގެ ފަރާތުން ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދީފައި ނުވާތީއާއި، ކުއްޖާގެ އާއިލާގެ ތެރޭގައި ކުއްޖާއާ ހަވާލުވާނެ ފަރާތެއް ނެތުމުން، ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސް، ރައްކާތެރިކުރުމުގެ އަމުރެއް ނެރެދިނުމަށާއި،  ދައުލަތުގެ ބެލުމުގެ ދަށުގައި ކުއްޖާ ހުންނައިރު، ކުއްޖާގެ އެންމެހައި ހަރަދުތައް ކުއްޖާގެ ބައްޕަގެ ފަރާތުން ދައުލަތަށް ލިބިދިނުމަށް އަމުރުކޮށްދިނުމަށް އެދި، ދައުލަތުން ހުށަހެޅި މައްސަލައެއްގަ އެވެ.

ފެމިލީ ކޯޓުން ބުނީ ކުއްޖާގެ ހަރަދަށް، ކޮންމެ މަހަކު 16،219 ރުފިޔާ ކުއްޖާގެ ބައްޕަގެ ފަރާތުން، ދެއްކުމަށް ކަނޑައެޅިފައިވަނީ ބައްޕަގެވެސް ރުހުމާއެކު ކަމަށެވެ.

މި މައްސަލާގައި ހިމެނޭ ކުއްޖާ ބެލެހެއްޓުމަށް ހިނގާނެ ހަރަދު ކަނޑައެޅުމުގައި، ދައުލަތުގެ ބެލުމުގެ ދަށުގައި ކުއްޖާ ބަހައްޓާފައިވާ ތަނުގައި ކުއްޖާ ހުންނަ މުއްދަތުގައި، ކެއުމުގެ ހަރަދާއި، ކުއްޖާ ބަހައްޓާފައިވާތަނުގެ ކަރަންޓް އަދި ފެނުގެ ހަރަދާއި، ކުދިން ބެލެހެއްޓުމަށް މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައާއި، އެތަނުގައި މަސައްކަތް ކުރައްވާ ޤުރުއާން މުދައްރިސުންގެ މުސާރައިން އެތަނުގައި މިވަގުތު ދިރިއުޅޭ ކުއްޖަކަށް ޖެހޭނެ މިންވަރަށް ކޯޓުން ރިޢާޔަތް ކޮށްފައިވެއެވެ. 

މީގެއިތުރުން ކުއްޖާގެ އަންނައުނާއި އެހެނިހެން ހަރަދުތަކުގެ ގޮތުގައި މަހެއްގެ މައްޗަށް ހޭދަ ކުރެވޭނެ މިންވަރަށާއި، އަދި ކުއްޖާއަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްކަމުން، ކުއްޖާ ނަގަންޖެހޭ ތަފާތު ތެރަޕީތަކަށް ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ މިންވަރަށްވެސް ކޯޓުން ރިޢާޔަތްކޮށްފައި ވާކަމަށް ފެމިލީ ކޯޓުން ބުނެއެވެ.

ކުދިންގެ އަސާސީ ހަރަދުތައް ބެލެހެއްޓުމީ މައިންބަފައިންގެ އަސާސީ ޒިންމާއެއް ކަމަށް ވުމުން، މައިންބަފައިން ދުނިޔޭގައި ތިބެ، ކުއްޖާ ބަލަހައްޓަމުން ގެންދަނީ ދައުލަތުން ނުވަތަ އެ ގާނޫނުގެ ދަށުން ކަނޑައެޅޭ އެހެން ފަރާތަކުންނަމަ، ކުއްޖާގެ މައިން ބަފައިން ކުއްޖާގެ ހަރަދު، ކުއްޖާ ބަލަހައްޓަމުން ގެންދާ ފަރާތަކާ ހަވާލުކުރުން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 43 ވަނަ މާއްދާއިން ލާޒިމް ކޮށްފައިވެއެވެ.

މައިންބަފައިން، އެމީހުންގެ ދަރިންނަށް ދޭންޖެހޭ ހަރަދު ދިނުމުގައި އިހުމާލު ވެއްޖެނަމަ، މައިންބަފައިން ޒިންމާދާރު ކުރުވުމަކީ ދައުލަތުގެ ވާޖިބެއްކަމުގައިވެސް މި މާއްދާގައި ބަޔާންކޮށްފައިވާކަމަށް ފެމިލީ ކޯޓުން ބުނެއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް