ސައުދި އަރަބިއްޔާގެ ގައުމީ ޓީމަށް ދެ އަހަރުގެ އެއްބަސްވުމެއް މޮރީނިއޯއަށް ހުށަހަޅާފައިވާކަން މީޑިއާ ރިޕޯޓްތައް ބުނެއެވެ. މި ހުށަހެޅުމުގެ އަގު 100 މިލިއަން ޕައުންޑަށްވުރެ ބޮޑުވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ސައުދީގެ ގައުމީ ޓީމުގެ ކޯޗުކަން މޮރީނިއޯއަށް ހުށަހަޅާފައިވާކަން ކަށަވަރުކޮށްދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މި ހުށަހެޅުމާ ގުޅޭ ސީރިއަސް މަޝްވަރާތަކަށް ސައުދީގެ "އިސް ފަރާތް" ތަކުންވަނީ ހުށަހަޅާފައެވެ. ސައުދީގެ މި ހުށަހެޅުން ގަބޫލުކޮށް ސައުދީގެ ގައުމީ ޓީމާ މޮރީނިއޯ ހަވާލުވެއްޖެނަމަ އޭނާ ވެގެންދާނީ އެންމެ އަގުބޮޑު ކޯޗަށެވެ.
2021 ވަނަ އަހަރު ރޯމާއާ ހަވާލުވި މޮރީނިއޯގެ ރޯމާގެ ކޮންޓްރެކްޓްގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރުގެ ނިޔަލަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން ދެ އަހަރުގެ ހުށަހެޅުމެއް މޮރީނިއޯއަށް ސައުދީން ހުށަހެޅި ނަމަވެސް ސައުދީން ބޭނުންވަނީ އެ ކޮންޓްރެކްޓްގެ މުއްދަތު ފުރަތަމަ އަހަރަށް ފަހު އިތުރު ކުރާށެވެ. ސައުދީގެ އަސްލު ޓާގެޓަކީ 2026 ވަަނަ އަހަރު އެމެރިކާގައި އޮންނަ ވޯލްޑްކަޕަށް މޮރީނިއޯގެ އިރުޝާދާއެކު ކޮލިފައިވުމެވެ.
މޮރީނިއޯވަނީ މީގެ ކުރިން ދުނިޔޭގެ އެންމެ ބޮޑެތި ކްލަބުތަކަށް ކޯޗުކޮށްދީ ކާމިޔާބީތައް ހޯދައިދީފައެވެ. ރިއާލް މެޑްރިޑް، މެންޗެސްޓަރ ޔުނައިޓެޑް އަދި ޗެލްސީއާއެކު މޮރީނިއޯ ކާމިޔާބު ހޯދާފައިވެއެވެ.