ads
ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް
މަހްލޫފް މައްސަލާގައި ޕީޖީން ވާހަކަ ދައްކަންވެސް ބޭނުމެއްނުވި
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފް ރިޝްވަތު ނެންގެވިކަމަށް ބުނެ، ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެންނަން އުޅޭކަމަށް ބުނާ މައްސަލާގައި ވާހަކަ ދައްކަންވެސް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން ދެކޮޅު ހަދައިފިއެވެ.
Advertisement

މަހުލޫފްގެ މައްސަލަ އަނބުރާ ގެނައުމަށް ޕީޖީން ނިންމާ، މައްސަލަ ފޮނުވާލުމަށް ކްރިމިނަލް ކޯޓްގައި އެދިފައިވާކަމަށް މީޑިއާގައި ރިޕޯޓް ކުރަމުން ގެންދާތާ ދުވަސްތަކެއް ވެއްޖެއެވެ. ނަމަވެސް މިހާތަނަށްވެސް މިމައްސަލާގައި ޕީޖީން ސާފު ޖަވާބެއް ދީފައެއް ނުވެއެވެ.

މިމައްސަލަ ކޯޓަށް ހުށަހެޅުމުގެ ކުރިންވެސް މަހުލޫފްވަނީ މައްސަލާގައި ދައުވާކޮށްފި ނަމަ ދައުލަތް "އޮރިޔާން ވެގެންދާނެ" ކަމަށް ވިދަޅުވެ އިންޒާރުވެސް ދެއްވާފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ސަރުކާރުން ކުރިން އަމަލު ކުރަމުން ގެންދިޔަ ގޮތަކީ، އޭސީސީން ދައުވާކުރަން ޕީޖީއާއި ހިސާބަށް ފޮނުވައިފިނަމަ އެއީ ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުންނެވި ބޭފުޅެއްނަމަ ސަސްޕެންޑް ކުރުމެވެ. މަހްލޫފަށް ދައުވާކޮށްދިނުމަށް އޭސީސީން ޕީޖީއަށް ފޮނުވި ހިސާބުން މަހްލޫފްވެސް ސަސްޕެންޑް ކުރިއެވެ.

ނަމަވެސް ޕީޖީން މިމައްސަލާގައި ދައުވާކުރަން ފޮނުވުން ލަސްކަމަށް ވިދާޅުވެ އަދި މިމައްސަލާގައި ދައުވާކޮށްފި ނަމަ ދައުލަތް "އޮރިޔާން ވެގެންދާނެ" ކަމަށް ވިދާޅުވެ މަހްލޫފް އިންޒާރު ކުރެއްވިތާ ކުޑަ ދުވަސްކޮޅެއް ފަހުން، ސަރުކާރުން ވަނީ އުސޫލަށް ބަދަލު ގެނެސް މަހްލޫފްގެ ސަސްޕެންޝަންވެސް އުވާލާފައެވެ.

"އަޅުގަނޑު ޝަމީމަށްވެސް މެސެޖެއް ޕާސްކޮށްފިން ޝަމީމޭ، ޝަމީމަކީ މިސާލަކަށް އަޅުގަނޑުމެއް މިމައްސަލާގައި ލޯޔަރަކަށް ހަދައިފިނަމަ ވަރަށް މޮޅަށް ވަކާލާތު ނުރާނެ މީހެއް އިނގޭތޯ، އެކަމަކު މިދެންނެވި ސިޔާސީ ޕްރެޝާގަ އަޅުގަނޑަށް ޔަގީން މިއަދުވެސް ޝަމީމް ޑިޝިޝަނެއް ނުގަންގަވާ ހުންނަނީ، ކީއްކުރަންތޯ ހަތް ދުވަހެއް ނޫން އެއް ދުވަހު މައްސަލަ ނިމޭނެކަހަލަ ކޭސްއެއްގެ ވާހަކަ އަޅުގަނޑު މިދަންނަވަނީ، އެހެންވީމަ މިއަދުވެސް އަޅުގަނޑު މިއެދެނީ ރީތިކޮށް މިމައްސަލަ ބަލާލާފަ ދައުވާ ކުރަންޏާ ކުރަންވީ ނުކުރަންޏާ ނުކުރަންވީ ކޯޓަށް މިމައްސަލަ ފޮނުވައިފި ނަމަ ދައުލަތް އޮރިޔާންވެގެން ނިކުންނަން ޖެހޭ ދުވަހަކަށް ވާނެ، އަދި އެމްއެމްޕީއާރުސީގެ މައްސަލާގައި އެއްވެސް މީހަކަށް އިތުރަށް ދައުވާ ނުކުރެވެނެކަހަލަ ކޭސްއަކަށް މިކޭސް ވެގެންދާނެ" - މަހުލޫފް

އޭސީސީން ޕީޖީއަށް ފޮނުވި މައްސަލާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް މަހުލޫފް ހުންނެވި އިރު، 27 އޮގަސްޓު 2014 ގައި ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ ބަދަލެއްގެ ގޮތުން ރިޝްވަތު ނެންގެވި ކަމަށެވެ. އެ ގާނޫނަކީ ބިދޭސީންނަށް ރާއްޖެއިން ބިން ވިއްކޭގޮތަށް އެކުލަވާލި ގާނޫނެކެވެ. އޭރު މަހުލޫފް ހުންނެވީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި މަޖިލީހުގައި ގަލޮޅު ދެކުނު ދާއިރާ ތަމްސީލު ކުރައްވާށެވެ.

މިމައްސަލާގައި ރިޝްވަތު ހިފުމުގެ ދައުވާ އުފުލައި މަހްލޫފްގެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅީ ނޮވެމްބަރު 2021ގަ އެވެ. 

ނަމަވެސް ރިޝްވަތުގެ ގޮތުގައި މަހުލޫފް 33،000 ޑޮލަރު (508،860 ރުފިޔާ) ނެންގެވިކަމަށް ބުނާ މައްސަލާަގައި މަދަނީ މިންގަނޑުން ބަލާއިރު ބުރަދަނެއް ހުރި ހެކި ނެތްކަމަށް ބުނެ ކްރިމިނަލް ކޯޓުން މައްސަލަ ބޭރުކޮށްލިއެވެ.

ކްރިމިނަލް ކޯޓުން މައްސަލަ ބޭރުކޮށްލުމުން ހައިކޯޓަށް ދައުލަތުން އިސްތިއުނާފަށް ހުށަހެޅި މައްސަލަ ނިންމާ ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ މަހުލޫފްގެ މައްޗަށް ހުށަހެޅި މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެކަމަށް ކްރިމިނަލް ކޯޓުން ނިންމީ ގޯސްކޮށްކަމަށެވެ. އެހެން ކަމުން އެމައްސަލަ އަލުން ބެލުމަށް ހައިކޯޓުން ކްރިމިނަލް ކޯޓްގެ މައްޗަށް އަމުރެއް ކުރިއެވެ.

އެމްއެމްޕީއާރިސީގެ ހިޔާނާތުގެ ފައިސާ ބެހުމަށް އެންމެ ބޮޑަށް ބޭނުންކުރި އެސްއޯއެފް ކުންފުނީގެ އެކައުންޓަކުން މަހުލޫފްގެ އެކައުންޓަކަށް ފައިސާ ޖަމާކުރިކަން ސާފުވާކަމަށް އޭސީސީގެ ނިންމުމުގައި ވެއެވެ.

މިމައްސަލަ އަލުން ބެލުމަށް ހައިކޯޓުން އަމުރެއް ކޮށްފައިވީ ނަމަވެސް އެންއެމްޕީއާރުސީގެ އެހެން މައްސަލަތަކާއި ހިލާފަށް މިމައްސަލަ ކްރިމިނަލް ކޯޓްގައި ކުރިއަށްދަނީވެސް ވަރަށް ފަހަތު ފަޔަށް ބުރަކޮށެވެ. އެމްއެމްޕީއާރުސީގެ މައްސަލާގައި ދައުވާކޮށްފައިވާ އެހެން ބޭފުޅުންގެ މައްސަލަތައް ފަތުއަޑުކިޔާފައި ކްރިމިނަލް ކޯޓްގައި ކުރިއަށް ގެންގޮސް ހުކުމްތައް ކުރަމުންދާއިރު މަހުލޫފްގެ މައްސަލާގައި ޝަރީއަތުގެ އަޑުއެހުންތައް ތާވަލް ކުރަނީވެސް ވަރަށް ލަސްލަހުންނެވެ. އަދި ޝަރީއަތުގެ އަޑުއެހުމެއް ތާވަލު ކުރިނަމަވެސް ޕީޖީން އެދިގެން ނުވަތަ އޮންމެވެސް އެހެންކަމެއް ދިމާވެގެން ބައެއް އަޑުއެހުންތައް ކެންސަލްވެސް ކޮށްފައި ވެއެވެ.

މަހުލޫފްގެ މައްސަލަ އަނބުރާ ގެނައުމަށް ޕީޖީން އެދިފައިވާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ސުވާލު ކުރުމުން ޕީޖީ އޮފީހުގެ ތަރުޖަމާނު އަހުމަދު ޝަފީއުވެސް ސާފު ޖަވާބެއް ނުދެއްވިއެވެ. ވިދާޅުވީ އެމައްސަލަ ކްރިމިނަލް ކޯޓުން ފޮނުވާލާފައި ނުވާކަމަށެވެ.

އެމައްސަލަ އަނބުރާ ފޮނުވާލުމަށް ޕީޖީން އެދުނުތޯ ސުވާލުކުރުމުންވެސް ޝަފީއު ސާފު ޖަވާބެއް ނުދެއްވިއެވެ. ވިދާޅުވީ މައްސަލަ ފޮނުވާލައިފި ނަމަ، އެކަމާ ގުޅޭގޮތުން ތަފްސީލުކޮށް ބަޔާނެއް ނެރޭނެކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް