ads
ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފް: ފޮޓޯ ރައީސްއޮފީސް
ކުޅިވަރު ގާނޫނަށް ހުށަހެޅި އިސްލާހް ތައް، ފަހަތަށް އަޅާ ފިޔަވަޅު ގިނަ!
ކުޅިވަރު ގާނޫނަކީވެސް، އެހެން ގިނަ ގާނޫންތަކެކޭ އެއްގޮތަށް ތަފްސީލީ ރަގަޅު ގާނޫނެކެވެ. ގާނޫނުގައި ހުރި އުނި ސިފަތަކެއް ވާނަމަ، އެކަން އެންމެބޮޑަށް ފާހަގަ ކުރެވެނީ އެގާނޫނު އެވަގުތަކު ހިންގަން ތިބި ވެރިންގެ ފަރާތުންނެވެ. އެއީ ގާނޫނު ތަންފީޒް ކުރަން ނުކުޅެދުމެވެ. ޖަވާބުދާރީ ނުކުރެވުމެވެ. ސަރުކާރުގެ ޓާމް ހަމަވެގެން ދިޔައިރުވެސް މިކަން އޮތީ ހަމަ މިހެނެވެ. ގާނޫނެއް އޮވެގެން ވީ ފައިދާއެއް ނެތެވެ.

އެންމެފަހުން މިއަހަރު ޓާމްް ނިމެން ދަނިކޮށް 13 ފެބްރުއަރީ 2023 ވަނަ ދުވަހުގެ ތާރީހްގައި ކުޅިވަރު ގާނޫނަށް ސަރުކާރުން އިސްލާހްތަކެއް ހުށަހަޅައިފިއެވެ. 63 އިސްލާހް ހުށަހަޅާފައިވެއެވެ. ގިނައީ ކޮސްމެޓިކް ބަދަލުތަކެވެ. މީގެކުރިން މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި، ގައުމީ ކުޅިވަރު ޖަމިއްޔާތަކުގެ އިންތިހާބު ކަށަވަރުކުރުމާބެހޭ އިސްލާހް ވަނީ ޓާމް މެދުތެރޭ ބޭރުކޮށްލާފައެވެ. މިއީވެސް ކުޑަކަމެއް ނޫނެވެ. ކުޅިވަރުގައި ޑިމޮކްރެޓިކް ވެއްޓެއް އުފެދުން ލަސްވެ، ކަރަޕްޝަން ދިޔައީ އިތުރުވަމުންނެވެ. މިއީ ކޮވިޑްގެ "ނިއުނޯމަލް" ފަދަ ކަމަކަށް ވެއްޖެއެވެ.

ސަރުކާރުން އިސްލާހް ހުށަހަޅާ ސަބަބު

އިސްލާހް ހުށަހަޅާ ސަބަބުގެ ގޮތުގައި ސަރުކާރުން ތިން ސަބަބެއް ފާހަގަކުރެއެވެ. އެއީ ކުީވަރުގެ ގައުމީ އޮނިގަޑެއް ތައާރަފްކުރުމާއި، ސްކޫލްއުމުރުގެ ކުދީން ގައުމީ އޮނިގަޑުތެރޭ ހިމެނުމާއި، ފުށުއެރުންތައް ހިމުންކުރުމެވެ. ހައްތަހާވެސް ރަގަޅު ކަންކަމެވެ.

ކުޅިވަރުގެ ގައުމީ އޮނިގަޑު

ފުރަތަމަ ސަބަބެއްކަމުގައި ބުނެފައިވަނީ ކުޅިވަރުގެ ގައުމީ އޮނިގަޑެއް އެކުލަވާލަން ޖެހޭކަމަށާއި، އެއޮނިގަޑު ވާންޖެހޭނީ ލާމަރުކަޒު ނިޒާމްގެތެރެއަށް މަހާލެވޭގޮތަށް ބައްޓަންކުރެވޭ އޮނިގަޑެއްކަމަށެވެ. އެހެންނަމަވެސް، ލާމަރުކަޒުކުރުމުގެ ދައުރެއް ނިމިގެންދާއިރު، މިފަދަ އިސްލާހެއް ހުށަނާޅާ ފަސްކުރީ، ރޫހެއްވެސް، ގާބިލްކަމެއްވެސް ނެތީމާ ކަމުގައި ބުނެވިދާނެއެވެ.  

އުމުރުފުރާތައް އެއްއޮނިގަޑުގެތެރެއަށް

ދެވަނަ ސަބަބެއް ގޮތުގައި ފާހަގަކޮށްފައިވަނީ ކުޅިވަރުކުޅޭ އުމުރު ފުރާތައް އެއްއޮނިގަޑެއްގެތެރެއަށް މަހާލަން ޖެހޭކަމަށެވެ. ސްކޫލް ކުޅިވަރު ގައުމީ ނިޒާމެއްގެތެރެއަށް ފުޅާކުރުމެވެ. މިގޮތުން، "ދިވެހިރާއްޖޭގެ ގައުމީ ކުޅިވަރު އޮނިގަޑު" ތަފްސީލްކޮށްދޭ އިސްލާހެއް ގާނޫނުގެ 4 ވަނަ މާއްދާގެ ފަހަތަށް (4-1) ގެ ނަމްބަރުގައި އިތުރުކުރަން ހުށަހަޅާފައިވެއެވެ. މިއީ ލަސްވެފައި އޮތް ކަމެކެވެ. މިއީ ހެޔޮ ރަގަޅު ބަދަލަކަށް ހެދިދާނެ ބަދަލެކެވެ. އެއީ ސްކޫލް ކުޅިވަރު، ގައުމީ އޮނިގަޑުތެރެއަށް މަހާލާ، ޅައުމުރުގައި ކުޅިވަރު ތައާރަފްކޮށް، ވާދަވެރި ނިޒާމެއްގެތެރެއިން މެދު ނުކެޑި،  ޒުވާއުމުރު ފުރާއަށް ކުޅިވަރުގައި ދެމެހެއްޓޭނެ ދޮރު ގާނޫނުގެތެރެއިން ހުޅުވާލެވުނުކަމެވެ.  

އިސްލާހް ހުށަހަޅާ ތިންވަނަ ސަބަބެއްކަމުގައި ބުނެފައިވަނީ ކުޅިވަރުގެ ގައުމީ އޮނިގަޑުގެތެރޭ އެކުލެވޭ މުއައްސަސާތަކުގެ މެދުގައި އަރާ ފުށުއެރުންތައް ހައްލުކުރުންކަމުގައެވެ. އެއީ ތެދުފުޅެކެވެ! އަދި ނިމުމެއް އޮތް ކަމެއްވެސް ނޫނެވެ.

މަޖިލިސް ބަހުސް

ސަރުކާރުން އިސްލާހް ހުށަހަޅާ މަގްސަދުތައް ކިތަންމެ ފުރިހަމަ ނަމަވެސް، ރައްޔިތުންގެ މަޖިލިހުގެ ބަހުސްގައި، ހެންވޭރު ހުޅަގުދާއިރާގެ އިއްޒަތްތެރި މެމްބަރު، އެވިދާޅުވަނީ، މިއިސްލާހްތަކުގެތެރޭ ކަންބޮޑުވާފަދަ ފަހަތަށް އަޅާ ފިޔަވަޅުތައް ގިނަކަމަށެވެ. ފެބްރުއަރީ 4 ވަނަ ދުވަހު އިސްލާހަށް ވާހަކަދެއްކުމުގައި ކަންބޮޑުވާ މައިގަޑު ތިން ކަމެއް ފާހަގަކުރެއްވިއެވެ. 

އާބިޓްރޭޝަން ހިދުމަތް އުވާލުން

އާބިޓްރޭޝަންގެ ހިދުމަ އުވާލުމަކީ ހައިރާން ވާކަމެކެވެ. ސްޕޯޓްސް އާބިޓްރޭޝަންގެ އޮނިގަޑަކީ ކުޅުންތެރިންގެ އާސަންދަފަދަ ހިދުމަތަކަށް ވާއިރު، 13 ވަނަ މާއްދާގެ (ލ) އާއި (ޒ) މިހާ ރުންކުރުކޮށް އުނިކުރުމަކީ ހަމަޖެހޭކަމެއް ނޫނެވެ. ސަރުކާރުން ހުށަހެޅި ފަންސާސް ހަތްވަނަ އިސްލާހުގައި ވަނީ ކުޅިވަރުގައި ދިމާވާ މައްސަލަ ހިފައިގެން އާބިޓްރޭޝަންގެ ގާނޫނު 10/2013 ގެދަށުން ހައްލުހޯދާށެވެ. އާއްމު މައްސަލަތަކުގެ އާބިޓްރޭޝަންއާ ހިލާފަށް، ކުޅިވަރު އާބިޓްރޭޝަންއަކީ މިއަދު އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ އިސްނެގުމާއި އެކު އުފެއްދި ކޯޓްއޮފް އާބިޓްރޭޝަންފޯ ސްޕޯޓްގެ އޮނިގަޑާ ގުޅުވައިގެން ގައުމީފެންވަރުގައި ހިންގަންޖެހޭ ނިޒާމެކެވެ. އަދި ސަރުކާރުން ހުށަހެޅި ގައުމީ ކުޅިވަރުގެ އޮނިގަޑުގެތެރެއިން ބައިވެރިވުން އިތުރުކުރުމަށް ގާނޫނު ޑިޒައިންކޮށް، ލާމަރުކަޒުކުރުމަށްފަހު، ކުޅުންތެރިންގެ އާސަންދަ ކަނޑާލުމަކީ ހަމަޖެހޭކަމަކަށް ނުވާނެއެވެ. 

ސްޕޯޓްސް އާބިޓްރޭޝަންގެ ހިދުމަތް ނެތުމުން ދިމާވާޒާތުގެ މައްސަލައަކަށް ބަލާލަމާތޯއެވެ. ދާދިފަހަކުން ކުޅިވަރު ސަފްހާއެއްގައި އޮތް ހަބަރަކީ ކާރި އަތޮޅެއްގައި މަހައްގޮސްގެން އާމްދަނީ ހޯދަމުންދިޔަ ޒުވާނެއް މާލޭގައި އޮފަރޭޓްކުރާ ވޮލީބޯޅަ ކްލަބަކަށް ގެނައިވާހަކައެވެ. އޭނާ ވީ އައުދަޔާހިލާފް މޮޅު ޓެލަންޓަކަށެވެ. ތަރިއަކަށެވެ! އެހެންނަމަވެސް އެކްލަބުން އެއްއްބަސްވީގޮތަށް ވަޒީފާއެއްނުދީ ބެހެއްޓުމުން، ހާލުގައިޖެހި އަޅާލާނެ ފަރާތެއް ނުވެގެން އުޅުނު އުޅުމަކީ، މަދުފަހަރެއްގައި ނޫނީ ނޫހަކަށް އަރާނެ ވަރުގެ ވާހަކައެއްވެސް ނޫނެވެ. މޮޅުކުޅުންތެރިޔާ އެންމެފަހުންދާންޖެހުނީ މަހަށެވެ. ކޯޓަކަށް ގޮސްގެން އެކަމާ އުޅުމުގެ ހަރަދު ބޮޑުކަމުންނެވެ. އެހެންނަމަވެސް ކުޅުންތެރިޔާގެ ދިރުމަށް ބަލާލުމެއްނެތި، ސްޕޯޓްސް އާބިޓްރޭޝަންގެ މަފްހޫމްވެސް އުވާލީއެވެ!

ސްޕޯޓްސް ކޯޕަރޭޝަން އުވާލުން

ފަހަތަށް އަޅާ އަނެއް ފިޔަވަޅުގޮތުގައި ހަސަން ލަތީފް ފާހަގަކުރެއްވީ، ސްޕޯޓްސް ކޯޕަރޭޝަން އުވާލުމެވެ. އާދެ ބާބުވެސް އުވާލީއެވެ. މިކަން ވެސް ކޮށްފައި އޮތް ރުންކުރުކަން ހާމަކުރައްވަމުން ހަސަންލަތީފް އިޝާރާތްކުރެއްވީ، މިލަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލީ ރިޒާގެ ދާއިރާގައި ނުބެލެހެއްޓިގެން ހަލާކުވަމުންދާ ކުޅިވަރު ކުޅޭތަންތަން މަރާމާރުކޮށް ބަލަހައްޓަން އޮތް ފަރުވާ ހުދު މެމްބަރަށްވެސް އެގުމަކާނުލާ ހަމަ ޓިސްލައިފައި އެއުވުނީ ކަމަށެވެެ. ބުއްދިގަބޫލުނުކުރެވޭ ކަމަކީ ދެން އިއްޒަތްތެރި މެމްބަރު ގެ ދާއިރާގެ ކުޅޭތަތަންތަން ބަލަހައްޓާނެ އެހެން ގޮތެއްވެސް ހުށަހަޅާފައި ނެތްކަމެވެ. ސްޕޯޓްސް އިންފްރާސްޓަރކްޗަރުގެ ޕީ.އެސް.އައި.ޕީ، ގެ އެތައް ސަތޭކަމިލިއަނަކަށް އަރާ ބަޖެޓް ފައިސާ ކްރޭޓްތައް، ޖައްވަށް ފަޒާއަށް ގާނޫނީ ހުސްކަމެއްގެ ތެރެއަށް، ސައްޕެއް ޖަހާ ފޮނުވާލީއެވެ. 

ކަރަޕްޝަނަށް ހުޅުވާލުން

ތިންވަނަ ކަމަކަށް ފާހަގަކުރެއްވީ ސްޕޯޓްސް ކޯޕަރޭޝަން އުވާލާ، އެކޯޕަރޭޝަނުން ކުރަން ހަވާލުކުރި ދަޑު އަޅާ ބެލެހެއްޓުމުގެ މަސައްކަތް ކުރާނެ އެހެން "މެކެނިޒަމް" އެއް ނުދައްކަވާ، އެހާ ރުންކުރުކޮށް ކޯޕަރޭޝަން އުވާލީ ކަރަޕްޝަނަށް ޖާގަހުޅުވާލުމުގެ ބޭނުމުގައިކަމަށެވެ. ކުޅިވަރު ދާއިރާއާއި ގުޅިގެން ކަރަޕްޝަނުގެ ތުހުމަތުތަކަކީ، ނިމިގެން މިދާ ޓާާމްގައި ރާއްޖޭގެކުޅިވަރު ސަފްހާތަކުން ހެޑްލައިން ހޯދި ހަބަރުތަކެވެ. މިވަގުތު އެއްވަނައިގައި އޮތީ އެފެ.އޭ.އެމް، 2.5 މިލިއަން ޑޮލަރުގެ ދަރަނީގައެވެ! ވަޒީރު ވިދާޅުވީ ފީފާގެ ރައީސް އިންފެންޓީނޯވެސް ހުންނެވީ ރާއްޖޭގައި ކުޑަރަށެއް ބޮޑުރަށެއް ނުބަލާ ދަޑު އަޅާތީ ހައިރާންވެފައި ކަމަށެވެ!

އިތުރު ބައެއް އިސްލާހް

އަށާރަވަނަ މާއްދާއާށް ހުށަހަޅާފައިވާ އިސްލާހުން، ކުޅިވަރާބެހޭ ގައުމީ މަޖިލިހުގެ މެބްބަރުންގެ ދައުރު އިތުރު ދެއަހަރަށް ދަމާލަދެއެވެ. މިއީ ގައުމީ މަޖިލިހުގެ މެމްބަރުން އުފާވާނެ ކަމެކެވެ. އަޅައިގެން އަނެއް އިސްލާހަކީ، 38 ވަނަ މާއްދާއަށް ހުށަށަހަޅާފައިވާ އިސްލާހުން "މުސްތަގިއްލު" އެންޓިޑޯޕިންގް އޭޖެންސީއެއް ގާއިމް ކުރުމެވެ. 

ހުށަހަޅާފައި ވާ އިސްލާހުގައި ވަނީ، އިންސްޓިޓިއުޓް އޮފް ސްޕޯޓްސްއާއި ވަކިން، "އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސް" ގެދަށުން "މުސްތަގިއްލު" ގައުމީ ފެންވަރުގެ އެންޓިޑޯޕިންގް އޭޖޭންސީއެއް ގާއިމްކުރުމެވެ. 

މިކަމުގައި ހައިރާންވާ ކަމަކީ، އުވާލި ސްޕޯޓްސް އާބިޓްރޭޝަން ޓްރައިބިއުނަލް ފެންވަރުގައި ގިނައިން ބަލަންޖެހެނީ ޑޯޕިންގްގެ މައްސަލަތައް ކަމުގައި، ކުރިއަރާފައި ހުރި ގައުމުތަކުގެ ތަޖްރިބާތަކުން ދައްކައެވެ. މިސާލަކަށް، ރާއްޖޭގެ އިންޓަރނޭޝަނަލް އެތުލީޓެއްގެ މައްޗަށް ރާއްޖޭގެ އެންޓިޑޯޕިންގް އޭޖެންސީއިން ތުހުމަތުކޮށްފި ހާލަތު، އޭނާ ޕޮޒިޓިވްކަމަށްދެއްކީ މަނާނުކުރާ ބޭހެއްގެސަބަބުން ކަމުގައި ވެއްޖެނަމަ އެމައްސަލަ ބެލޭނެގޮތެއް ނޯންނާނެއެވެ. މިއީ އެންޓި ޑޯޕިންގްގެ ދުނިޔޭގައި ވެފައި ހުރި ކަންކަމެވެ. 

މާގިނަދުވަހެއްނުވެ، އެންޓިޑޯޕިންގް އޭޖެންސީއަކީ، ގައުމީކުޅުންތެރިން ކަނޑައަޅާފަރާތަށް ވުމަކީވެސް އެކަށީގެންވާކަމެކެވެ. އެންޓިޑޯޕިންގް ވަރުގަދަކޮށް، އާބިޓްރޭޝަން އުވާލުމަކީ، ޑޯޕިންގް މައްސަލަތަކުގައި ދާނެ އާބިޓްރޭޝަން، ރާއްޖޭގެ ފެންވަރުގައި ނެތުމެވެ. ޑޯޕިންގް އަކީ ރާއްޖޭގައިވެސް ނުހިގާނެ ކަމެއް ނޫންކަމުގައި އެންމެންވެސް ގަބޫލުކުރެއެވެ. އާބިޓްރޭޝަންގެ ފުރުސޮތު ނެތްކަމަކީ "ޗެކް އެންޑް ބެލެންސް" ގެއްލުމެވެ. ކުޅުންތެރިން މަގުމަތިވުމެވެ. އާބިޓްރޭޝަން އުވާލުމަކީ ހަމަ ޕްރޮފެޝަނަލް ކުޅުންތެރިންގެ އާސަންދަ ކަޑާލުނަފަދަ ކަމަކަށް ނޫނީ ނުވާނެއެވެ. މިއީ އެބުނާ ފުށުއެރުންތައް ހައްލުކުރުމުގެ ފިޔަވަޅެއް ކަމުގައި ވާނަމަ، އެވީތާއެވެ. އެހެންނަމަވެސް، މިފަދަ ކަންކަމުގެ ވަސް އާއްމުކޮށް ހުންނަނީ، ބޭބޭފުޅުންނަށް ހޮޔޮވަރުކޮށް، ނިޒާމްބަދަލުކޮށްދިނުމުން ދުވާ ވަސްގޮތުގައެވެ.

ރެފަރެންސް.     

އެޑިޓަރުގެ ނޯޓް:

ހާމިދު އަބްދުލްޣަފޫރަކީ ކުޅިވަރު ހިންގުމުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި އަދި އެ ދާއިރާއިން އަމަލީ ގޮތުން އެތައް ތަޖުރިބާތަކެއް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. ހާމިދު ޢަބްދުލްޣަފޫރަކީ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެއްޓްރީ ޖެނެރަލްކަމުގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ. ހާމިދަކީ މިހާރު ވެސް ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ކައުންސިލްގައި ސްޕޯޓްސް، އާޓްސް އެންޑް ކަލްޗާގެ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން އިންނަވާ ބޭފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް